"ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިގެން ގައުމަށް ލިބޭނެ ގެއްލުމެއް އިދިކޮޅު އެއްވެސް ފަރާތަކަށް ބުނެއެއްް ނުދެވޭނެ. އަޅުގަނޑު މިހުރީ އެކަމުގައި އިދިކޮޅު ފަރާތްތަކުން ބަހުސް ކުރައްވާ ބޭފުޅުންނާ އެކީގައި ޓީވީ ލައިވްގައި އާއްމު ބަހުސަކަށްދާން ތައްޔާރަށް. ސާބިތުކޮށްދޭނަން އެކަމުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލަށް ލިބޭނެ ފައިދާ. އިދިކޮޅަކަށް ބުނެއެއް ނުދެވޭނެ މިކަމުން ލިބިގެންދާނެ ޒައްރެއްގެ މިންވަރުގެ ގެއްލުމެއް ވެސް. " – ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާއެކު ޓީވީ ލައިވް ބަހުސަކަށް ވަޑައިގަތުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ދައުވަތު އަރުވައިފިއެވެ. ފަލާހު މި ދައުވަތު އެރުވީ ޕީއެންސީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ގައުމަށް ލިބޭނެ ގެއްލުމެއް އިދިކޮޅު އެއްވެސް ފަރާތަކަށް ބުނެދެވިފައި ނުވާ ކަމަށެވެ. "އަޅުގަނޑު މިހުރީ އެކަމުގައި އިދިކޮޅު ފަރާތްތަކުން ބަހުސް ކުރައްވާ ބޭފުޅުންނާ އެކީގައި ޓީވީ ލައިވްގައި އާއްމު ބަހުސަކަށްދާން ތައްޔާރަށް. ސާބިތުކޮށްދޭނަން އެކަމުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލަށް ލިބޭނެ ފައިދާ. އިދިކޮޅަކަށް ބުނެއެއް ނުދެވޭނެ މިކަމުން ލިބިގެންދާނެ ޒައްރެއްގެ މިންވަރުގެ ގެއްލުމެއް ވެސް،" ފަލާހު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ ބޭފުޅުންނަށް އަމާޒުކުރައްވައި ފަލާހު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ގަބޫލުކުރެވޭ ފަދަ އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގާއިމުވެ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވާދަވެރިންނަށް ރައްޔިތުންގެ ތާއީދު އޮތް ނަމަ، އިންތިހާބުގެ ނަތީޖާއާ މެދު ބިރުގަންނަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލާހު ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ހަގީގީ ވިސްނުން ހުރީ ކޮންގްރެސް ޕާޓީގައި ކަމަށް ވިދާޅުވެ، ކުރިއަށް އޮތް އިންތިހާބުގައި އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.





