ނޯތު ހާބަރ ބޭނުން ކުރާ ފަރާތްތަކުން ނަގާ ފީ ބޮޑު ބޮޑުކުރަން އުުޅޭކަމަށް ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް

މާލޭ ނޯތު ހާބަރ ބޭނުންކުރާ އުޅަނދުފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯތު ހާބަރުގެ ފީތަކަށް އެއްވެސް ބަދަލެއް ގެނައުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން އޭ ޒޯން ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ރައީސްގެ ލަފާފުޅާ އެއްގޮތަށް ކުރިއަށްދާ ކަމުގެ ޔަގީންކަން އެމްޕީއެލްއިން ވަނީ ދީފައެވެ.

އެމްޕީއެލްގެ އަމާޒަކީ އުޅަނދުފަހަރަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބަނދަރުގައި އުޅަނދުތައް ބޭއްވުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. "މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުތަކުން ކިއުގައި ތިބެންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ" ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މީގެ އިތުރުން، މަސްވެރި އުޅަނދުފަހަރަށް ހާއްސަ ކުރެވިފައިވާ ޑީ، އީ އަދި އެފް ޒޯންތައް ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާނެ ކަމަށް އެމްޕީއެލްއިން ކަށަވަރުކޮށް ދީފައެވެ. ބޮޑުތަކުރުފާނު މަގު ހުޅުވުމާއެކު ނޯތު ހާބަރއަށް ގެނައި ބަދަލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މާލޭ އުތުރު ބަނދަރަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށް ވާތީ، އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!