ހައި-ސްޕީޑް ކަރަންޓު ރޭލުން ގުޅާލުމުގެ އެއްބަސްވުމުގައި ސަޢޫދީ އަރަބިއްޔާ އާއި ޤަޠަރުން ސޮއިކޮށްފި

ސަޢޫދީ އަރަބިއްޔާ އާއި ޤަޠަރުން ވަނީ ދެ ޤައުމުގެ ވެރިރަށް ކަމަށްވާ ރިޔާޟާއި ދޯހާ ގުޅުވައިލާ ހައި-ސްޕީޑް އިލެކްޓްރިކް ރޭލު މަޝްރޫޢެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ. 785 ކިލޯމީޓަރުގެ ދިގުމިނަށް ދެމިގެންދާ މި މަޝްރޫޢުގެ ސަބަބުން ދެ ގައުމުގެ ވެރިރަށް ދޭތެރޭ ދަތުރުކުރުމަށް ހޭދަވާ ވަގުތު ދެ ގަޑިއިރަށް ކުޑަވެގެންދާނެއެވެ. މި ރޭލު ދުއްވާނީ ގަޑިއަކު 300 ކިލޯމީޓަރަށްވުރެ ބާރު މިނުގައެވެ.

މި ރޭލު މަގު ދެމިގެންދާނީ ރިޔާޟާއި ދޯހާގެ އިތުރުން ހުފޫފާއި ދަމާމް ދޭތެރޭގައެވެ. މީގެ އިތުރުން، ރިޔާޟްގެ ހުންނަ ސަލްމާން ބައިނަލްއަޤްވާމީ އެއާޕޯޓާއި ދޯހާގެ ޙަމަދު ބައިނަލްއަޤްވާމީ އެއާޕޯޓާ ވެސް މި ރޭލު މެދުވެރިކޮށް ގުޅުވައިލެވޭނެއެވެ. މި މަޝްރޫޢަކީ ޚަލީޖުގެ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ އެންމެ މުހިންމު ސްޓްރެޓީޖިކް މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.

މި މަޝްރޫޢު ނިމި، އޮޕަރޭޝަނަށް ދާނެ ކަމަށް ލަފާކުރެވެނީ ހަ އަހަރު ދުވަހުގެ ތެރޭގައެވެ. އަދި އަހަރަކު 10 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން، ސީދާ އަދި ނުސީދާކޮށް 30،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު މި މަޝްރޫޢުގެ ސަބަބުން އުފެދިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މި ރޭލު މަޝްރޫޢުގެ ސަބަބުން ދެ ޤައުމުގެ ޤައުމީ އުފެއްދުމަށް ގާތްގަނޑަކަށް 30.6 ބިލިއަން އެމެރިކާ ޑޮލަރު ގެ ހެޔޮ އަސަރެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ސަރަޙައްދީ އިޤްތިޞާދީ ކުރިއެރުމަށް ބޮޑު ބާރެއް ލިބިގެންދާނެ މަޝްރޫޢެކެވެ.

އާ ރޭލު ނިޒާމުގައި ބޭނުންކުރާނީ އެންމެ ފަހުގެ ރޭލު ޓެކްނޮލޮޖީއާއި ސްމާޓް އިންޖިނިއަރިންގއެވެ. މީގެ ސަބަބުން ރޭލު ދަތުރުތައް ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެއެވެ. އަދި ކާބަން ބޭރުވާ މިންވަރު ކުޑަކޮށް، ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އީޖާދީ ގޮތްތަކަށް ބަދަލުވުމަށް މި މަޝްރޫޢު އެހީތެރިވެދޭނެއެވެ.

ހިއްސާ ކުރައްވާ!