ބަލިމީހުން މަރާލައިގެން ހުކުމް އިއްވި ޑޮކްޓަރު ބޮޗޭ އަކީ މުސްލިމެއް ނޫން

ބަލިމީހުންނަށް ވިހަ ދީގެން 30 ބަލި މީހަކަށް އަނިޔާކޮށް، އަދި އޭގެ ތެރެއިން 12 މީހުން މަރާލި ކަމުގެ ކުށް ސާބިތުވި ފްރާންސްގެ ޑޮކްޓަރު ބުރަ މަސައްކަތާއެކު އުމުރަށް ޖަލަށްލާން ފްރާންސްގެ ބިޒަންސަން ކޯޓުން، ޙުކުމް ކޮށްފިއެވެ. މި ޑޮކްޓަރަކީ މުސްލިމެއް ނޫނެވެ. އަދި އިޚުވާނުލް މުސްލިމޫނަށް ނޫނީ ހަމާސް ޖަމާއަތަށްވެސް ނިސްބަތްވާ މީހެއް ނޫނެވެ.

ޑޮކްޓަރު ފްރެޑެރިކް ބޮޗޭ (53 އަހަރު) އަށް ބުރަ މަސައްކަތާއެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން މުޅި ފްރާންސް ސިއްސުވާލައިފިއެވެ. ޕްރޮސެކިއުޓަރުން ސިފަކުރި ގޮތުގައި މިއީ، އެހެން މީހުންނަށް ގެއްލުން ދިނުމާއި، އަމިއްލަ ބާރުގެ ބޭނުންކޮށް، ބޭސްވެރިކަމުގެ ހުނަރު މީހުން މެރުމަށް ބޭނުންކުރުމުގެ ނާދިރު ހާދިސާއެކެވެ.

ބޮޗޭއަކީ 2008 އާއި 2017 އާ ދެމެދު ބިޒަންސަންގެ ދެ ކްލިނިކެއްގައި މަސައްކަތްކުރި ހޭނައްތާ ޑޮކްޓަރެކެވެ. އޭނާ ވަނީ ބަލިމީހުންނަށް ދޭ އައިވީ ގައި ޕޮޓޭސިއަމް، ލޯކަލް އެނެސްތީޓިކް، އެޑްރެނަލިން އަދި ހެޕަރިން ފަދަ ނުރައްކާތެރި މާއްދާތައް އެއްކޮށްގެން ދީފައެވެ. މިކަމުގެ ސަބަބުން ބަލިމީހުންނަށް ކުއްލިއަކަށް ހާޓް އެޓޭކް ޖެހުން އަދި، ހުއްޓުމެއް ނެތި ލޭ އައުން ފަދަ ނުރައްކާތެރި ހާލަތްތައް ދިމާވެފައިވެއެވެ.

ބޮޗޭގެ ޝަރީއަތް ފަށާފައި ވަނީ ސެޕްޓެމްބަރު 8 ގައެވެ. އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި ކޯޓުން ދިޔައީ ކޮންމެ ޝަރީއަތެއް ނިމުމުން ދެން ޝަރީއަތް އޮންނާނެ ދުވަސް އަންގަމުންނެވެ. އެގޮތުން 15 ހަފްތާއަށްވުރެ ގިނަ ދުވަހު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސްތަކުގައި، ބޮޗޭގެ ފަރާތުން ގެއްލުން ލިބުނު އެތައް ބަލި މީހުނެއްވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި އޭނާގެ ވިހަ ދިނުމުގެ ހާދިސާއިން ސަލާމަތްވި ކުޑަ ކުއްޖަކު ވެސް ހިމެނުނެވެ.

ބޮޗޭ ވަނީ އޭނާއަށް ކުރި ތުހުމަތުތައް ދޮގުކޮށް، އޭނާއާ ދެކޮޅަށް ދެއްކި ހެއްކަކީ ކަށަވަރު ހެކިތަކެއް ނޫން ކަމަށް ބުނެ ދައުވާއަށް އިންކާރު ކޮށްފައެވެ.

ޕްރޮސެކިއުޓަރުން މި ޑޮކްޓަރު ސިފަކޮށްފައި ވަނީ ތާރީޚުގައި ފެނުނު އެންމެ ބޮޑެތި ލުއްޗާއިންގެ ތެރޭން ހިމެނޭ އެކަކު ކަމުގައެވެ. ޝަރީއަތުގައި ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އޭނާގެ މަޤްޞަދަކީ ހަމައެކަނި ބޭސްވެރިކަމުގެ ހުނަރުގައި ގޯސްތަކެއް ހެދުން ނޫން ކަމަށާއި، އޭނާގެ މަގްސަދަކީ އޭނާގެ އެކުވެރި ޑޮކްޓަރުންނަށް ނަފްސާނީ ގޮތުން ގެއްލުން ދިނުމާއި، މަސައްކަތުގެ މާހައުލުގައި އޭނާގެ ބާރާއި ކޮންޓްރޯލް ދެއްކުން ކަމަށެވެ.

ހިއްސާ ކުރައްވާ!