ޕާކިސްތާނުގެ ސާފުތާހިރުކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޒާތީ ތަފާތުކުރުންތަކާއި، ނުރައްކާތެރި މަސައްކަތުގެ މާހައުލެއްގެ އިތުރުން އުޖޫރައިގެ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާކަން އާ ރިޕޯޓަކުން ހާމަވެއްޖެއެވެ. ޔޫރަޕިއަން ޓައިމްސްއިން ކުރިއަށް ގެންދިޔަ ތަހުގީގަކުން ދައްކާގޮތުގައި، ސިޓީތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާ މި މަސައްކަތްތެރިންނާ މެދު އަމަލުކުރެވެނީ އެއްވެސް އަގަކަށް ނުބަލައި، ވަކިން ހާއްސަކޮށް އަންހެން މަސައްކަތްތެރިންނަށް މިކަމުގެ ނޭދެވޭ އަސަރު ބޮޑަށް ކުރެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ މިމީހުންނަށް އިހާބނެތިކޮށް ހިތުމާއި ތަފާތު ކުރމުގެ މައްސަލަތައް އުޅޭކަން ފާހަގަ ކޮށްފައެވެ. ޕާކިސްތާނުގައި ސާފުކުރުމުގެ މަސައްކަތަކީ ބޮޑަށް ދަށުފަންތީގެ މީހުންނާ ގުޅިފައިވާ ކަމެކެވެ. މި މަސައްކަތުގައި އުޅޭ ގިނަ މީހުންނަކީ ބައިމަދު ދީންތަކަށް ކްރިސްޓިއަން އަދި ހިންދީ ދީންތަކަށް ނިސްބަތްވާ މީހުންނެވެ.
ޕާކިސްތާނުގައި 2010 ވަނަ އަހަރުން ފެށިގެން ސާފު ކުރާ މީހުންގެ ވަޒީފާއަށް އިއުލާން ކޮށްފައިވާއިރު، އެ 300 އެއްހާ ވަޒީފާގެ ބަޔާން ދިރާސާކުރިއިރު، ގިނަ އިޢުލާންތަކުގައި ސާފުކުރުމުގެ ވަޒީފާއަށް ކުރިމަތިލާ މީހުންނަކީ މުސްލިމުން ނޫންކަމަށް ބަޔާންކޮށްފައި ވެއެވެ. މުސްލިމު ނޫން މީހުންނަކީ، ޕާކިސްތާނުގެ އާބާދީގެ އެންމެ 2 އިންސައްތަ އެވެ. އަދި ސާފުކުރުމުގެ މަސައްކަތްތެރިންގެ 80 އިންސައްތައަކީ ކްރިސްޓިއަނުން ކަމަށް ވޯޓާ އެއިޑް ޕާކިސްތާނުން ލަފާކުރެއެވެ.
ދެކުނު އޭޝިއާގައި ކުނިއެއްކުރުމާއި ސާފުކުރުމުގެ މަސައްކަތަކީ އިންތިހާއަށް މުޑުދާރު މަސައްކަތެކެވެ. އަދ މިއީ ނުރައްކާތެރި މާހައުލެއްގައި ކުރަން ޖެހޭ މަސައްކަތެކެވެ. މެޝިނެރީ ބޭނުން ނުކުރުމުން މީހުން ލައްވައި، ގިނަ ފަހަރަށް ނަަޖިސް ހޮޅިތަކަށް ފައިބައިގެން މަސައްކަތް ކުރަން ޖެހެއެވެ. އޭގައި އެއްވެސް ރައްކާތެރިކަމުގެ އާލާތެއް ނެތި މަސއްކަތް ކުރެއެވެ. މީގެ ސަބަބުން ވިހަ ގޭސްތަކުގެ އަސަރުކޮށް، ގިނަ ބަޔަކު މަރުވާ ފަހަރުވެސް އާދެއެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު ކަރާޗީގައި މިފަދަ ގޮތަކަށް 5 މީހަކު މަރުވެފައިވެއެވެ. އަދި، 1988 އިން ފެށިގެން މިހާތަނަށް 70 އަށްވުރެ ގިނަ މަސައްކަތްތެރިން ވިހަ ގޭހުގެ ސަބަބުން މަރުވެފައިވެއެވެ.
ސާފު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެން މަސައްކަތްތެރިންނަށް ތިން ގުނަ ތަފާތުކުރުންތަކާ ކުރިމަތިލާންޖެހެއެވެ. އެއީ އެމީހުންގެ ފަންތީގެ ސަބަބުންނާއި ދީނުގެ ސަބަބުން ކަމަށް ބުނެއެވެ. ގިނަ އަންހެނުންނަށް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އެންމެ ކުޑަ އުޖޫރައަށްވުރެ ދަށްކޮށް މުސާރަ ދެއެވެ. އަދި، އިޖުތިމާއީ ރައްކާތެރިކަން ހޯދުމުގައިވެސް ހުރަސްތައް ކުރިމަތިވެއެވެ. މިސާލަކަށް، ކަރާޗީގައި އެފަދަ މަސައްކަތުގައި އުޅޭ މީހަކަށް މަހަކު ލިބެނީ 20,000 ރުޕީސް އެވެ. އެކަމަކު އެންމެ ކުޑަ މުސާރައަކީ 25,000 ރުޕީސްއެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، ޕާކިސްތާނުގެ އެންމެ ދަށް ފަންތީގެ މަސައްކަތްތެރިއަކާއި އެންމެ މަތީ ފަންތީގެ މުވައްޒަފެއްގެ މުސާރަ 80 ގުނައަށް އިތުރު ކަމަށް ދައްކައެވެ. މިއީ އިނގިރޭސިވިލާތް ފަދަ ގައުމުތަކާ އަޅާބަލާއިރު އިންތިހާއަށް ބޮޑު ފަރަގެކެވެ. މިކަމުގެ ސަބަބުން މި މަސައްކަތްތެރިން ތިބީ ފަގީރުކަމާއި އަޅުވެތިކަމުގެ ބަންދެއްގައި ތާށިވެފައެވެ.




