އެމެރިކާއާއި އިސްރާއީލުން ފަށާފައިވާ ޓެރަރިސްޓް ހަމަލާތަކުގއެ ސަބަބުން މެދުއިރުމަތި ނުތަނަވަސްވެ ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ޕާކިސްތާނު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ އައު ޕްލޭނެއް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު އިޢުލާން ކުރައްވަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޮޑުވަޒީރުގެ ރިޔާސަތުގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤުވާމީ މަސްރަޙުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޕާކިސްތާނުގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ވަނީ ބޮޑުވަޒީރަށް މަޢުލޫމާތު އަރުވާފައެވެ. ޚަރަދު ކުޑަކުރުމުގެ މި އައު އޮނިގަނޑު މިހާރު އެކުލަވާލައި ނިމިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ޕާކިސްތާނުން ވަނީ މިހާރުވެސް ޕެޓްރޯލާއި ޑީސަލްގެ ލިޓަރަކުން 55 ރުޕީސް ބޮޑުކޮށްފައެވެ. ޒަޔަނިސްޓް ޓެރަރިޒަމްގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި އަގުތައް އިތުރަށް އުފުލިގެން ދިއުމަކީ ޕާކިސްތާނުގެ އިޤްތިޞާދީ ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް އޮފިޝަލުން އިންޒާރު ދެއްވައެވެ.
ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ، މިފަދަ ގޮންޖެހުން ބޮޑު ދަނޑިވަޅެއްގައި ރައްޔިތުންގެ މަސްލަޙަތު ހިމާޔަތްކޮށް އިޤްތިޞާދު ހަމަ މަގުގައި ބޭއްވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށާއި، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް އިސްކަންދިނުމަށް ވަޒީރުންގެ މަޖިލީހަށާއި އިސް އޮފިޝަލުންނަށް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ.
ސަރުކާރުގެ ހުރިހާ ދާއިރާއެއްގައިވެސް އިސްރާފު ކުޑަކޮށް، ސާދާ ގޮތްތައް އިޚްތިޔާރު ކުރުމަށް ބޮޑުވަޒީރު ބާރުއެޅުއްވިއެވެ.
"މިހާރު ކުރިމަތިވެފައިވާ ދަތި ދަނޑިވަޅުގައި ދައުލަތުގެ ވަސީލަތްތައް ބުއްދިވެރިކަމާއެކު ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ބޮޑުވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ޤައުމުގެ އުފެއްދުންތެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ސިނާޢީ އަދި ދަނޑުވެރިކަމުގެ ދާއިރާއަށް މި ފިޔަވަޅުތައް ނުހިނގާނެ ކަމަށް ބައްދަލުވުމުގައި ސާފުކޮށްދެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ އޮޕަރޭޝަންތަކުގައި ތެޔޮ ބޭނުންކުރާ މިންވަރު މޮނިޓަރ ކުރުމަށް އައިޓީ މިނިސްޓްރީން ޚާއްޞަ ނިޒާމެއް ތަޢާރަފްކުރާނެއެވެ. މި ނިޒާމުގެ ސަބަބުން ތެލަށް ކުރާ ހޭދަ ވަގުތުން ބަލައި، އިސްރާފު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް މަގުފަހިވާނެއެވެ. ޕާކިސްތާނުގައި މިވަގުތު ޕެޓްރޯލާއި ޑީސަލްގެ އެކަށީގެންވާ ރިޒާވެއް އެބަހުރި ކަމަށާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.




