އިމާމު ޝާފިޢީގެ ދޫފުޅުން ޝިޔަޢީން.

އިމާމު ޝާފިޢީގެ ދޫފުޅުން ޝިޔަޢީން.

ލިޔުނީ: ޙުސައިން ރަޝީދު އަޙްމަދު

މިއީ ޝާފިޢީގެފާނު އެކަލޭގެފާނުންގެ ޅެން ފޮތެއް ކަމުގައިވާ އައްދީވާނުގައި ގެންނަވާފައިވާ ބައިތުތަކެވެ. އަދި އަޅުގަނޑު މިބައިތުތައް އައްދީވާނުން ހޮވައި ތަރުތީބު ކުރީ ޝާފިޢީގެފާނުންގެ ވިސްނުންފުޅާ އެއްގޮތަށް ބަލާފައެވެ. އޭގެ ކުރިން ޅެންބައިތުތަކުގައި ބަހުސުކުރެވޭ ބައެއް އިޞްޠިލާޙުތަކަށް އަލިއަޅުވާލާނަމެވެ.

އަހުލުބައިތަކީ ކޮބާ؟

ކީރިތި ރަސޫލާ ﷺގެ އަހުލުބައިތަކީ ދުނިޔެމަތީގައި ރަސޫލާ ފިޔަވައި ތިއްބެވި އެންމެ މާތް މުޤައްދަސް ބޭކަލުންނެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.
إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ‎﴿٣٣﴾
(މާނައީ: އޭ ރަސޫލާގެ އަހުލު ބައިތުންނޭވެ! ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވަނީ، ތިޔަބައިމީހުން (ރަސޫލާގެ އަހުލު ބައިތުން)ގެ ކިބައިން ފާފަތައް ނެތިކުރައްވައި، ފުރިހަމަ ސާފު ޠާހިރު ކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށެވެ.- އަޙްޒާބު)
އަދިވެސް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.
قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰ
(މާނައީ: އޭރަސޫލާއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ރަސޫލުކަން އިއްވެވުމުގެ މައްޗަކަށް ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ. އެހެނަސް ތިމަން ކަލޭގެފާނުންގެ އަހުލުބައިތުންނާއެކު ގާތްތިމާގެކަމުގެ ލޯބި ދެމެހެއްޓުން އެދެމެވެ.)

މިއާޔަތުގެ ތަފްސީރު ކުރަށްވަމުން އިމާމު އިބްނި ކަޘީރު ވިދާޅުވެފައި ވެއެވެ. "ކީރިތި ރަސޫލާ ﷺގެ އަހުލުބައިތުންނަށް ހެޔޮކޮށް ހިތުމަށާއި، އެބޭކަލުންނަށް އިޙްތިރާމާއި ޤަދަރު ކުރުމަށް އައިސްފައިވާ އިރުޝާދުތަކަކީ އިންކާރުކުރެވޭނެ ކަންކަމެއް ނޫނެވެ. ހަމަކަށަވަރުން އެބޭކަލުންނަކީ ބިންމަތީގައިވާ އެންމެ ޝަރަފުވެރި، އެންމެ މަތިވެރި އަދި އެންމެ މާތް ނަސަބުގެ ތާހިރު ދަރިކޮޅެވެ. ވަކިން ޚާއްޞަކޮށް، އެބޭކަލުންނަކީ ކީރިތި ރަސޫލާ ﷺގެ ސާފުސީދާ ޞައްޙަ ސުންނަތަށް ފުރިހަމައަށް ތަބާވެވަޑައިގަންނަވާ ބޭކަލުން ކަމުގައިވާނަމަ، އެބޭކަލުންގެ މަތިވެރިކަން ބޮޑަށް އިތުރުވެގެންވެއެވެ. އެއީ އެބޭކަލުންގެ އަސްލާފުން ކަމުގައިވާ ޢައްބާސްގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅާއި، ޢަލީގެފާނާއި އެކަލޭގެފާނުގެ އަހުލުބައިތުންނާއި ދަރިކޮޅެވެ. މާތް ﷲ މިއެންމެ ބޭކަލުންނަށް ރުއްސުންލައްވާނދޭވެ."

رَسُولُ اللَّهِ ﷺ ޙަދީޘު ކުރަށްވާފައި ވެއެވެ.
مَنْ كُنْتُ مَوْلَاهُ فَعَلِيٌّ مَوْلَاهُ
(މާނައީ: ތިމަންކަލޭގެފާނު އެމީހެއްގެ ވާގިވެރިޔަކު ކަމުގައިވީ ކޮންމެ މީހަކަށް، ޢަލީގެފާނަކީ ވެސް އެމީހެއްގެ ވާގިވެރިޔެކެވެ.)
މިޙަދީޘަކީ އިމާމު ތިރްމިޛީއާއި ނަސާއީއާއި އިބްނުމާޖާއާއި އެނޫން ބޭކަލުން ނެރުއްވާފައިވާ ރިވާޔަތެކެވެ. ތިރްމިޛީ ވިދާޅުވަނީ ޙަސަން ރިވާޔަތެއް ކަމަށެވެ. ބައެއް މުޙައްދިޘުން މިޙަދީޘުގެ ބައެއް ރިވާޔަތްތައް ޟަޢީފު ކުރަށްވާފައި ވީކަމުގައި ވިއަސް އިމާމު އިބްނު ޙަޖަރާއި ޛަހަބީ ފަދަ ބޭކަލުން ޞައްޙަ ކަމަށް ވިދާޅުވެއެވެ. އިބްނު ޙަޖަރު ފަތުޙުލްބާރީގެ (7/91)ގައި ވިދާޅުވެފައި ވަނީ
وَكَثِيرٌ مِنْ أَسَانِيدِهَا صِحَاحٌ وَحِسَانٌ (މާނައީ: މީގެ ގިނަ ސަނަދަކީ ޞައްޙަ އަދި ހަސަން ސަނަދުތަކެވެ.) އިމާމު ޛަހަބީ (އައްނުބަލާގެ 8/333)ގައި ވިދާޅުވެފައި ވަނީ هَذَا حَدِيثٌ حَسَنٌ عَالٍ جِدًّا، وَمَتْنُهُ مُتَوَاتِرٌ (މާނައީ: މިއީ ސަނަދުގެ ގޮތުން ވަރަށް މަތީ ދަރަޖައެއްގައިވާ ހަސަން ހަދީޘެކެވެ. އަދި މިއީ އޭގެ މަތަނު (ހަދީޘްގެ ލަފުޒުތައް) "މުތަވާތިރު" ދަރަޖައަށް ގޮސްފައިވާ ހަދީޘެކެވެ.)

އަދި އެހެން ޙަދީޘެއް ދަންނަވާލާނަމެވެ. މާތް ﷲ ރުއްސުންލެއްވި ޒައިދު އިބްނި އަރްޤަމް ވިދާޅުވެފައި ވެއެވެ. ތިމަންމެން ޙައްޖު ނިންމާލާފައި މަދީނާއަށް އައި މަގުމަތީގައި ޣަދީރު ޚުމްގައި މަޑު ކުރަށްވާފައި ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. (އެއީ ޙައްޖުމަހުގެ 18 ވަނަ ދުވަހެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ 83 ދުވަސް ކުރިއެވެ.) އިމާމު މުސްލިމާއި އެނޫން ބޭކަލުން ރިވާކުރަށްވާފައި ވެއެވެ.
قَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فِينَا خَطِيبًا بِمَاءٍ يُدْعَى خُمًّا بَيْنَ مَكَّةَ وَالْمَدِينَةِ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَوَعَظَ وَذَكَّرَ ثُمَّ قَالَ أَمَّا بَعْدُ أَلَا أَيُّهَا النَّاسُ فَإِنَّمَا أَنَا بَشَرٌ يُوشِكُ أَنْ يَأْتِيَ رَسُولُ رَبِّي فَأُجِيبَ وَأَنَا تَارِكٌ فِيكُمْ ثَقَلَيْنِ أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى وَالنُّورُ فَخُذُوا بِكِتَابِ اللَّهِ وَاسْتَمْسِكُوا بِهِ فَحَثَّ عَلَى كِتَابِ اللَّهِ وَرَغَّبَ فِيهِ ثُمَّ قَالَ وَأَهْلُ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي فَقَالَ لَهُ حُصَيْنٌ وَمَنْ أَهْلُ بَيْتِهِ يَا زَيْدُ أَلَيْسَ نِسَاؤُهُ مِنْ أَهْلِ بَيْتِهِ قَالَ نِسَاؤُهُ مِنْ أَهْلِ بَيْتِهِ وَلَكِنْ أَهْلُ بَيْتِهِ مَنْ حُرِمَ الصَّدَقَةَ بَعْدَهُ قَالَ وَمَنْ هُمْ قَالَ هُمْ آلُ عَلِيٍّ وَآلُ عَقِيلٍ وَآلُ جَعْفَرٍ وَآلُ عَبَّاسٍ قَالَ كُلُّ هَؤُلَاءِ حُرِمَ الصَّدَقَةَ قَالَ نَعَمْ
(މާނައީ: އެއްދުވަހަކު މައްކާއާއި މަދީނާއާ ދެމެދުގައިވާ 'ޚުމް' އޭ ކިޔުނު ފެންގަނޑެއްގެ ކައިރީގައި، ރަސޫލުﷲ ﷺ ތެދުވެވަޑައިގެން އަހަރެމެންނާ މުޚާތަބުކުރައްވައި ޚުޠުބާއެއް ދެއްވިއެވެ. އެކަލޭގެފާނު މާތްﷲ އަށް ޙަމްދު ސަނާ ދަންނަވައި، ވަޢުޡު ނަޞޭޙަތް ދެއްވުމަށްފަހު ޙަދީޘްފުޅު ކުރެއްވިއެވެ. އެއަށްފަހު ދަންނާށެވެ! އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނަކީވެސް އިންސާނަކީމެވެ. ތިމަންކަލޭގެފާނުގެ އަރިހަށް ﷲގެ ޙަޟުރަތުން މަލަކުލް މައުތު ވަޑައިގަންނަހިނދު އެކަލޭގެފާނަށް އިޖާބަދޭންޖެހޭ ވަގުތު ގާތްވެއްޖެއެވެ. އޭގެކުރިން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ބަރުދަންހުރި ދެ އެއްޗެއް ދޫކުރައްވަމެވެ. އޭގެ ތެރެއިން ފުރަތަމަ އެއްޗަކީ ﷲގެ ފޮތެވެ. އޭގައި ހިދާޔަތާއި ނޫރުވެއެވެ. އެހެންކަމުން ތިޔަބައިމީހުން ﷲގެ ފޮތުގައި ވަރުގަދައަށް ހިފަހައްޓާށެވެ. ދެން އެކަލޭގެފާނު ﷲގެ ފޮތަށް ޢަމަލުކުރުމަށް ބާރުއަޅުއްވައި އެކަމަށް ޝައުޤުވެރިކަން އުފެއްދެވިއެވެ. އެއަށްފަހު ޙަދީޘްފުޅު ކުރެއްވިއެވެ: ދެވަނަ އެއްޗަކީ ތިމަންކަލޭގެފާނުންގެ އަހުލުބައިތުންނެވެ. ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާ މެދުގައި ﷲ އަށް ބިރުވެތިވުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދުމަކޮށްދެއްވަމެވެ. (މިޢިބާރާތް ތިންފަހަރުމަތިން ޙަދީޘު ކުރެއްވިއެވެ)

ދެން ރާވީ ޙުޞައިން، ޒައިދުގެފާނަށް ދެންނެވިއެވެ. އޭ ޒައިދެވެ! ކީރިތި ރަސޫލާގެ އަހުލުބައިތުންނަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަކީ އަހުލުބައިތުންގެ ތެރެއިންވާ ބޭކަނބަލުން ނޫންތޯއެވެ؟ ޒައިދުގެފާނު ވިދާޅުވިއެވެ: އެކަލޭގެފާނުގެ އަނބިއަނބިކަނ ބަލުންނަކީވެސް އަހުލުބައިތުންގެ ތެރެއިންވާ ބޭކަލުންނެވެ. އެހެންނަމަވެސް މިތާނގައި އަހުލުބައިތުންނަކީ އެކަލޭގެފާނަށްފަހު ޒަކާތް ލިބުން ޙަރާމްވެގެންވާ ބޭފުޅުންނެވެ. އަނެއްކާ ޙުޞައިން އެއްސެވިއެވެ: އެއީ ކޮން ބޭކަލުންނެއްތޯއެވެ؟ ޒައިދު ވިދާޅުވިއެވެ: އެއީ ޢަލީގެފާނުގެ އާލުންނާއި، ޢަޤީލްގެފާނުގެ އާލުންނާއި، ޖަޢުފަރުގެފާނުގެ އާލުންނާއި، ޢައްބާސްގެފާނުގެ އާލުންނެވެ. ޙުޞައިން އެއްސެވިއެވެ: އެހުރިހާ ބޭކަލުންނަށް ޒަކާތް ބަލައިގަތުން ޙަރާމްވެގެންވޭތޯއެވެ؟ ޒައިދު ވިދާޅުވިއެވެ: އާނއެކެވެ.)

ބަޔާންވެދިޔައީ ކީރިތި ރަސޫލާގެ އާލުވެރިބޭކަލުންނެވެ. މިބޭކަލުންގެ ތެރޭންވެސް ހަތަރު ބޭކަލުން ޚާއްޞަވެގެން ވެއެވެ. އެބޭކަލުންނަކީ ޢަލީގެފާނާއި ފާޠިމަތުގެފާނާއި ޙަސަންގެފާނާއި ޙުސައިންގެފާނެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ ކީރިތި ރަސޫލާ ﷲގެ އަމުރުފުޅަށް ސާލުކޮޅު ދަށަން ލެއްވެވި ހަތަރު ބޭކަލުންނެވެ. އާދެ، ކީރިތި ރަސޫލާގެ އާލުވެރިބޭކަލުންނަކީ މިއީއެވެ.

ޝީޢާ:

ޝިޔާއަކީ މާތް ﷲ ރުއްސުންލެއްވި އަލީ އިބްނި އަބީ ތާލިބު، އެހެން ބޭކަލުންނަށްވުރެ އިސްކޮށް، މަތިވެރިކޮށް، އަދި ޚިލާފަތުގެ މަގާމަށް އެންމެ އައުލާކަން ބޮޑީ އެކަލޭގެފާނު ކަމުގައި ގަބޫލުކުރާ ކޮންމެ މީހެކެވެ.
މިމީހުންގެ ތެރޭން އެންމެ ބޮޑު އެންމެ ހަރުކަށި ޖަމާޢަތަކީ ރާފިޟީންނެވެ. ނުވަތަ ރަވާފިޟުންނެވެ.
އަދި ޝީޢީންގެ ތެރޭން އެންމެ މައިތިރި، ސުއްނީންނާ އެންމެ ގާތްވެގެންވަނީ ޒައިދީންނެވެ. ޒައިދީން އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތާ އިންކާރު ނުކުރެއެވެ.

ރާފިޟީން:

ރާފިޟީންނަކީ ޝިޔަޢީންގެ އެންމެ ބޮޑު އަދި އެންމެ ހަރުކަށި ޖަމާޢަތެވެ. ހަތަރު ޚަލީފާގެ ތެރޭން ޢަލީގެފާނަށް ވުރެން ކުރީން ވަޑައިގެންނެވި ތިން ބޭކަލުންނަކީ ޚަލީފާއިން ކަމުގައި ޤަބޫލު ނުކުރާ މީހުންނެވެ. މިމީހުން ދެކޭގޮތުން ކީރިތި ރަސޫލާގެ ފުރަތަމަ ޝަރުޢީ ޚަލީފާއަކީ ޢަލީގެފާނެވެ. މިއީ ސުއްނީންނާ އެންމެ އިދިކޮޅު ޖަމާޢަތް ކަމުގައި ބުނެވެއެވެ.

ނާޞިބީން:

ނާޞިބީންނަކީ މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނާއި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަހުލުބައިތުންނަށް، ބަހުން ނުވަތަ ޢަމަލުން ޢަދާވާތްތެރިކަމާއި، ނުރުހުންތެރިކަން ފާޅުކޮށް، ނުވަތަ އެބޭކަލުންނަށް ހުތުރުބަސް ބުނެހަދާ މީހުންނެވެ. މިއީ ތާރީޚީ ގޮތުން ޞިއްފީން ހަނގުރާމައަށްފަހު އުފެދިފައިވާ މަޒްހަބެކެވެ. އަދި އިޢުތިޤާދީގޮތުން އަހުބައިތުންނާ ދެކޮޅުވެރި ބައެކެވެ. މިއީ އުމަވީ ދައުލަތުގެ މީހުންނާއި އެބައިމީހުންނަށް ތާއީދުކުރާ ނުވަތަ އެވިސްނުމުގައި އުޅޭ މީހުންނެވެ. މިއަދުވެސް ދުނިޔޭގައި ނާޞިބީން މަދެއް ނޫނެވެ.

އިމާމު އަބޫ ޙަނީފާއާއި ޝިޔާ:

ބައެއް ދީނީ މީހުންނާއި ސިޔާސީ އުމަވީ މީހުން އިމާމު އަބޫ ޙަނީފާ ކާފަރުކުރެއެވެ. އެއީ އެކަލޭގެފާނާ ޝިޔަޢީ ބައެއް އިމާމުންނާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތަތީއެވެ. މިސާލަކަށް އެކަލޭގެފާނު އިމާމު ޖަޢުފަރުއް ޞާދިޤުގެ އަރިހުން ތަޢުލީމު ހޯއްދެވިއެވެ. ހަމައެހެންމެ އިމާމު އަބޫ ޖަޢުފަރުލް ބާޤިރުގެ އަރިހުން ވެސް ޢިލްމު ހޯއްދެވި ކަމަށް ވެއެވެ. އަދި ހަމައެހެންމެ އުމަވީ ވެރިކަމުގެ އަނިޔާވެރިކަން ބޮޑުވެގެން އިމާމު ޒައިދު އިބްނި ޒައިނުލް ޢާބިދީން އުމަވީ ސަރުކާރާ އިދިކޮޅަށް ކޫފާގައި ހިންގެވި ސައުރާއަށް އިމާމު އަބޫ ޙަނީފާ މާލީގޮތުން އެހީތެރިވެ ވަޑައިގަތްކަމަށް ވެއެވެ. މިސަބަބުތަކާހުރެއާއި ބައެއް ޢަޤީދާގެ މައްސަލަތަކުގައި ބައެއް ޙަންބަލީން އެކަލޭގެފާނަށް ބަދުބަސްބުނެ ހަދައެވެ.

އިމާމު ޝާފިޢީގެ ޅެންބައިތުތައް:

ތިރީގައި މިވަނީ ޝާފިޢީގެފާނުންގެ ދީވާނު ފޮތުން އަޅުގަނޑު ހޮވާލާފައިވާ ޅެންބައިތުތަކާއި އޭގެ މާނައެވެ. މިޅެންބައިތުތައް އެކަލޭގެފާނު ހެއްދެވީ ބައެއް މީހުން އެކަލޭގެފާނަކީ ވެސް ޝިޔަޢީ ރާފިޟީއެއް ކަމުގައި ބުނެ އަޑު ފަތުރަން ފެށުމުންނެވެ. އެހެންނާ އެކަލޭގެފާނަކީ ނަސަބުގެ ގޮތުން ކީރިތި ރަސޫލާއާއި ޢަލީގެފާނާ ގުޅުން އޮތް ބޭކަލެކެވެ.

1-     (آلُ النبيِّ ذريعتي وهُمُو إليْهِ وَسِيلَتِي)
(أرْجُو بهمْ أُعْطَى غَداً بيدي اليمين صحيفتي)

މާތް ނަބިއްޔާ ﷺގެ އާލުވެރި ބޭކަލުންނަކީ ﷲގެ ޙަޟްރަތަށް ތިމަންކަލޭގެފާނު ކުއްތަންވުމަށް އޮތް ވަސީލަތެވެ. އަދި އެބޭކަލުންނަކީ އިތުރު އެކަލާނގެފާނާ ބައްދަލުކުރުމަށް އޮތް މަގެވެ. އެބޭކަލުންދެކެވާ ލޯތްބެއްގެ ބޮޑުކަމާހުރެ، ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތަކުގެ ފަތް ކަނާތްޕުޅަށް ލިބޭނޭކަމަށް އުއްމީދުކުރައްވަމެވެ.

2-     (يا آلَ بيتِ رسولِ اللهِ حبكمُ فَرْضٌ مِنَ اللَّهِ في القُرآنِ أَنْزَلَهُ)
(يكفيكمُ منْ عظيمِ الفخرِ أنَّكمُ مَنْ لَمْ يُصَلِّ عَلَيْكُمْ لا صَلاةَ لَهُ)

އޭ ލޮބުވެތި ރަސޫލާ ﷺގެ އަހުލުބައިތުންނޭވެ! ތިޔަބޭކަލުންދެކެ ލޯބިވުމަކީ މާތް ﷲ ކީރިތި ޤުރުއާނުގައި އަމުރުކުރަށްވައި ބާވައިލައްވާފައިވާ ފަރުޟެކެވެ. އެއީ ތިޔަބޭކަލުންގެ މަތިވެރިކަމާއި ޢިއްޒަތްތެރިކަން ހާމަވުމަށް ހެއްކަކަށް މިމިންވަރު ފުދެއެވެ. އެހެންކަމުން ނަމާދުގައި ތިޔަބޭކަލުންގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާގެ ނަމާދު ފުރިހަމައެއް ނުވާނެއެވެ.

3-     (سلِ المفتي المكِّي من آل هاشمٍ وضمة مشتاق الفؤاد جناح)

ނިކަން މިކަމާމެދު ހާޝިމްވަންހައިން ވަޑައިގެން ހުންނެވި މައްކާގެ މުފްތީއާ ސުވާލުކޮށްބަލާށެވެ. ޝައުޤުވެރިކަމުން ފުރިގެންވާ ހިތަކާއެކު އެކަކުއަނެކަކާ ބައްދަލުކޮށް އުފާފާޅުކޮށް ހެދުމަކީ ފާފައެއް ހެއްޔެވެ؟

4-     (يا راكِبًا قِف بِالمُحَصَّبِ مِن مِنىً وَاِهتِف بِقاعِدِ خَيفِها وَالناهِضِ)

އޭ ޙައްޖުވެރިޔާއެވެ! މިނާގެ މުޙައްޞަބު ކިޔާ ވާދީގައި މަޑުކޮށްލާށެވެ. އަދި މިނާގެ ޚައިފް މިސްކިތް ކައިރީގައި ތިބި މީހުންނާއި، ތިން ޖަމުރާއަށް ހިލައުކަންއުޅޭ އެންމެހާ މީހުންގެގާތު ހަރުއަޑުން ގޮވާލާށެވެ.

5-     (سَحَرًا إِذا فاضَ الحَجيجُ إِلى مِنىً فَيضًا كَمُلتَطِمِ الفُراتِ الفائِضِ)
(إِن كانَ رَفضًا حُبُّ آلِ مُحَمَّدٍ فَليَشهَدِ الثَقَلانِ أَنّي رافِضي)

ޢީދު ދުވަހު ފަތިސްވަގުތު، ޙައްޖުވެރިން ފުރާތު ކޯރުން އަންނަ ބޮޑު ރާޅުބައިނި ތަކެއް ފަދައިން މީސްތަކުން ބޯކޮށް މިނާއަށް އޮހެމުންދާ ވަގުތު މިފަދައިން ބުނާށެވެ: މުޙައްމަދުގެފާނުންގެ އާލުބައިތުންދެކެ ލޯބިވުމަކީ 'ރާފިޟިއްޔަތު' ކަމުގައި (އެބަހީ މަގުން ކައްސައިދިއުން ކަމުގައި) ވަނީނަމަ، ނިކަން އަޑުއަހާށެވެ. އަހުރެންނަކީ އެފަދަ 'ރާފިޟީއެއް' ކަމަށް އިންސީންނާއި ޖިންނީން ހެކިކޮށް ބުނަމެވެ.

6-     (قالوا ترفضتَ قلتُ: كلا مَا الرَّفْضُ دِيني وَلاَ اعْتِقَادِي)
(لكنْ توليتُ غير شكَّ خيرَ إمامٍ وخيرَ هادي)
(إنْ كانَ حُبُّ الْوَلِيِّ رَفْضاً فإنَّ رفضي إلى العبادِ)

ބައެއްމީހުން އެބަބުނެއެވެ. ކަލޭގެފާނުވެސް ރާފިޟީއަކަށްވެ ވަޑައިގަތީތޯއެވެ؟ ޖަވާބުގައި އަހުރެން ބުނީމެވެ: ހިލާ އެހެނެއް ނުވާނެއެވެ. މިހެނީ ރާފިރިއްޔަތަކީ އަހުރެންގެ ދީނެއްވެސް ނޫނެވެ. އަދި އޭގެ އުޞޫލަކީ އަހުރެން ޤަބޫލުކުރާ ޢަޤީދާއެއްވެސް ނޫނެވެ. އެހެނަސް ބުނަންހެއްޔެވެ! އެއްވެސް ޝައްކެއްނެތް ގޮތުގައި، އެންމެ ހެޔޮވެގެންވާ އިމާމް އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތް ދެއްކެވި ބޭކަލުންނަކީ އާލުބައިތުންނެވެ. އަހުރެން އެބޭކަލުންދެކެ ލޯބިވެ އެބޭކަލުންނަށް ތަބާވަމެވެ. ދަންނާށެވެ! މާތްﷲ ލޯބިވެވޮޑިގަންނަވާ ވަލީވެރިންދެކެ ލޯބިވުމަކީ 'ރާފިޟިއްޔަތު' ކަމުގައި ވަނީނަމަ، އަހުރެންގެ އެލޯތްބަކީ އެންމެހައި އަޅުތަކުންނަށް ހާމަވެގެންވާ ކަމެކެވެ.

7-     (شهدتُ بأنَّ الله لا ربَّ غيرهُ وَأشْهَدُ أنَّ البَعْثَ حَقٌّ وَأخْلَصُ)
(وأنَّ عرى الإيمان قولٌ مبينٌ  وفعلٌ زكيِّ قد يزيدُ وينقص)

މާތްﷲ މެނުވީ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މަރުވުމަށްފަހު އަލުން ދިރުއްވޭނެކަމީ ތެދު ޙައްޤު ކަމުގައި އިޚްލާޞްތެރިކަމާއެކު އަޅު ހެކިވަމެވެ. އީމާންކަމުގެ ވަރުގަދަ ގުޅުމަކީ ބަޔާންވެގެންވާ ބަހަކާއި، ޠާހިރު ހެޔޮ ޢަމަލެވެ. އެހެންކަމުން އީމާންކަމަކީ ޢަމަލުތަކުގެ ސަބަބުން އުނި އިތުރުވާ އެއްޗެކެވެ.

8-     (وَأنَّ أبَا بَكْرٍ خَلِيفَةُ رَبِّهِ  وكان أبو حفصٍ على الخير يحرصُ)

އަދި ޝައްކެއްނެތި އަބޫބަކުރުގެފާނަކީ ﷲގެ ރަސޫލާގެ ޚަލީފާކަމަށް އަހުރެން ހެކިވަމެވެ. އަދި އަބޫ ޙަފްޞްޢުމަރުގެފާނަކީ ވެސްހެޔޮކަންކަމަށް ނުހަނު ބޮޑަށް ލޯބިވެ ވަޑައިގަތް ބޭކަލެކެވެ.

9-     (وَأُشْهِدُ رَبِّي أنَّ عُثْمانَ فَاضِلٌ وأنَّ عليا فضيلهُ متخصِّصُ)
(اتمهُ قومٍ يهتدى بهداهمُ لَحَى اللَّهُ مَنْ إيَّاهُمُ يَتَنَقَّصُ)

އަދި ޢުޘްމާނުގެފާނަކީ މާތް ބޭކަލެއްކަމަށާއި، ޢަލީގެފާނަކީ ނުހަނު މާތް ސިފަތަކުކުން ޚާއްޞަވެގެންވާ ބޭކަލެއްކަމަށް އަހުރެން ﷲ ހެކިކޮށް އިޤްރާރުވަމެވެ. މިއެންމެހައި ބޭކަލުންނަކީ އެބޭކަލުންގެ ހިދާޔަތުން ތެދުމަގު ލިބިގަނެވޭ، އުންމަތުގެ އެންމެ މާތް ބޭކަލުންނެވެ. އެބޭކަލުންގެ ޤަދަރު ކުޑަކޮށް އުޅޭ މީހުންނަށް މާތްﷲ ލަޢުނަތް ލައްވާށިއެވެ!

10-   (لقد زان البلادَ ومن عليها إمَامُ المسْلِمينَ أبُو حَنِيفة)
(بأحكامِ وآثارِ وفقهٍ كآيَاتِ الزَّبُورِ عَلَى الصَّحِيفَة)

މުސްލިމުންގެ އިމާމް އަބޫ ޙަނީފާގެ ސަބަބުން، މުޅި އިސްލާމީ އުންމަތަށާއި އެންމެހައި މީސްތަކުންނަށް ރިވެރިތި ވެގެންވާ ނަމޫނާއަކާއި ކަމާއި ފުރިހަމަ އަސަރުތަކެއް ދެއްކެވި ބޭކަލެކެވެ. އެކަލޭގެފާނު ބަޔާންކޮށްދެއްވި ޝަރުޢީ ޙުކުމްތަކާއި، ރިވާޔަތްތަކާއި، ފިޤުހީ ޢިލްމުގެ ފުރިހަމަކަމަކީ، ސަޙީފާތަކުގައި ލިޔެވިފައިވާ ޒަބޫރު ފޮތުގެ މާތް އާޔަތްތައް ފަދައިންނެވެ.

11-   (إذا نحنُ فضلنا علياً فإنَّنا روافضُ بالتفضيلِ عندَ ذوي للفضلِ)
(وفَضْلُ أَبي بَكْرٍ إذَا مَا ذَكَرْتُهُ رُمِيتُ بنصْب عِنْدَ ذِكريَ للفَضْلِ)
(فَلاَ زِلْتُ ذَا رَفْضٍ وَنَصْبٍ كِلاَهُمَا بحبَّيهِما حَتَّى أُوسَّدَ فِي الرَّمْلِ)

ޙައިރާންވެއެވެ. އަހަރެމެން ޢަލީގެފާނުގެ މަތިވެރިކަމުގެ ވާހަކަ ދައްކައިފިނަމަ، އެކަލޭގެފާނަށް އިސްކަންދޭތީ، މާތްކަމުގެ އަހުލުވެރިން ކަމަށް ދަޢުވާކުރާ ބައެއް މީހުންގެ ގާތުގައި އަހަރެމެންނަކީ ރާފިޟީން ކަމަށް ވެދެއެވެ.

އަދި އަހަަރެމެން އަބޫބަކުރުގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ދައްކައިފިނަމަ، އެކަލޭގެފާނުގެ މަތިވެރިކަން ބަޔާންކުރާ ކޮންމެ ހިނދަކު، އަހަރެމެންގެ ބޮލުގައި ނާޞިބީއެއް ކަމުގެ އިލްޒާމް އެޅުވެއެވެ. އެހެންކަމުން، މި ދެ ބޭކަލުންދެކެވާ ލޯތްބެއްގެ ބޮޑުކަމުން، ކަށްވަޅުގެ ފަސްގަނޑު ދަށުވެއްޖައުމަށް ދާނދެންވެސް، (އެބައިމީހުން އެކުރާ ތުހުމަތުތަކާ އެކުވެސް) އަހުރެން މިގޮތްމަތީ ދެމިހުންނާނަމެވެ.

12- (إذا في مجلسٍ نذكرُ علياً  وَسِبْطَيْهِ وَفَاطِمَةَ الزَّكِيَّة)
(يقالُ تجاوزوا يا قومُ هذا  فَهَذَا مِنْ حَدِيثِ الرَّافِضيَّة)
(بَرَئْتُ إلَى المُهيمن مِنْ أنَاسٍ  يَرونَ الرَّفْضَ حُبَّ الفَاطِميَّة)

އަހުރެން އިން މަޖިލީހެއްގައި ޢަލީގެފާނާއި، އެކަލޭގެފާނުގެ ދެ ދަރިކަލުން (ޙަސަނުގެފާނާއި ޙުސައިނުގެފާނު) އަދި ތާހިރުވެގެންވާ ފާޠިމަތުގެފާނުގެ ޛިކުރާ އައުކުރެވޭހިނދު، ބައެއް މީހުންގެ ހިތަށް އުނދަގޫވެގެން އެބަބުނެއެވެ. އޭ މީސްތަކުންނޭވެ! މިވާހަކަތައް އެއްކާރިކޮށްލާށެވެ. މިއީ ރާފިޟީންގެ ވާހަކަތަކެވެ. މިބައިމީހުންގެ ގާތު އަހުރެން ބުނަމެވެ. ފާޠިމަތުގެފާނުދެކެ ލޯބިވުމާއި ޢަލީގެފާނުންގެ އާލުބައިތުންދެކެ ލޯބިވުމަކީ ރާފިޟީއެއްކަމެއް ކަމުގައި ދެކޭނަމަ މަތިވެރި ﷲގެ ޙަޟްރަތުގައި، އެފަދަމީހުންގެ ކިބައިން އަހުރެން ބަރީއަވަމެވެ.

13-   (قالوا ترفضتَ قلتُ: كلا مَا الرَّفْضُ دِيني وَلاَ اعْتِقَادِي)
(لكنْ توليتُ غير شكَّ خيرَ إمامٍ وخيرَ هادي)
(إنْ كانَ حُبُّ الْوَلِيِّ رَفْضاً فإنَّ رفضي إلى العبادِ)

އަހުރެންނާ ދިމާއަށް އެބައިމީހުން އެބަ ބުނެއެވެ. ބަލަ ކަލޭގެފާނުންގެ ތިޔަ ވިސްނުމުން ދައްކުވައިދެނީ ކަލޭގެފާނަކީ ރާފިޟީއެއް ކަމަށެވެ. އެއުރެންނަށް އަހުރެން މިފަދައިން ޖަވާބު ދިނީމެވެ: ހިލާ ތިޔަހެނެއް ނޫނެވެ. ދަންނާށެވެ. ތިޔަބައިމީހުންނަށް އޮޅުނަސް ރާފިޟީކަމަކީ އަހުރެންގެ ދީނެއް ނޫނެވެ. އަދި އެއީ އަހުރެންގެ ޢަޤީދާއެއް ވެސް ނޫނެވެ. ނަމަވެސް، ކީރިތި ރަސޫލާގެ ހިދާޔަތުގެ އަލީގައި، އެންމެ ހެޔޮވެގެންވާ އިމާމުގެ މަތިވެރިކަމާއި، އެންމެ ހެޔޮވެގެންވާ ހިދާޔަތަށް މަގުދައްކުވައިދޭ ބޭކަލަކަށް ތަބާވުމުގައި އަހުރެންގެ ހިތުގައި އެއްވެސް ވަސްވާހެއްނެތެވެ. ފަހެ، އަލީގެފާނަކީ ﷲގެ ވަލީވެރިއަކަށްވާހިނދު، އެއިލާހުގެ ވަލީވެރިޔަކުދެކެ ލޯބިވުމަކީ 'ރާފިޟީ' އަކަށް ވާކަމެއް ކަމުގައިވާނަމަ، އެންމެހައި މީސްތަކުންގެ ކުރިމަތީގައި އަހުރެންނަކީ އެފަދަ ރާފިޟީއެއް ކަމުގައި އިޢުލާން ކުރަމެވެ.

14-   (حْفَظْ لِسَانَكَ أَيُّهَا الإِنْسَانُ لاَ يَلْدَغَنَّكَ إِنَّهُ ثُعْبَانُ)
(كَمْ فِي الْمَقَابِرِ مِنْ قَتِيْلِ لِسَانِهِ  كَانَتْ تَهَابُ لِقَاءَهُ الأَقرانُ)

އޭ އިންސާނާއެވެ! ތިމާގެ ދޫ ރައްކާތެރިކުރާށެވެ. އަދި އެކަކަށްވެސް އެމީހާގެ ދުލުން ތިމާގެ ގައިގައި ކޮށިޔަ ނުދޭށެވެ. ހަމަކަށަވަރުން އެއީ ވިހަލާ ނާގަހަރުފައެކެވެ. ދުލުގެ ސަބަބުން ހަލާކުވެ، ގަބުރުސްތާނުތަކުގައި ވަޅުލެވިފައިވާ ކިތައް ކިތައް މީހުންވޭ ހެއްޔެވެ؟ އެހެންނާ އެމީހުންނީ، އެމީހުން ދުނިޔޭގައި އުޅުނުއިރު، އެމީހުންނާ ކުރިމަތިލާން އެންމެން ބިރުގަތް ފަދަ ވަރުގަދަ ފަހުލަވާނުންނެވެ.

ހިއްސާ ކުރައްވާ!