މުސްލިމް އަންހެން ފުލުހުންނަށް ޔޫކޭ ފުލުހުން 'މެގްނެޓިކް ހިޖާބް' ތައާރަފްކޮށްފި

އިނގިރޭސިވިލާތުގެ ފުލުހުންގެ މުއައްސަސާއަށް ވަންނަ މުސްލިމް އަންހެނުންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި، ރައްކާތެރިކަމުގެ ޚާއްސަ ފީޗާސްތަކެއް ހިމެނޭ 'މެގްނެޓިކް ހިޖާބް' އެ ގައުމުގެ ފުލުހުންގެ އިދާރާތަކުގައި ބޭނުންކުރަން ފަށައިފިއެވެ. "ބްލޫ ލައިޓް ހިޖާބް" ގެ ނަމުން ނަންދެވިފައިވާ މި ބުރުގާއަކީ ފުލުހުންގެ މަސައްކަތުގައި އުޅޭ މުސްލިމް އަންހެނުންގެ ނިވާކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ.

މި ހިޖާބް ފަރުމާކޮށްފައިވަނީ ދެ ބަޔަކަށް ބަހާލައިގެން، މެގްނެޓިކް 'ކުއިކް ރިލީޒް' ނިޒާމަކުން ގުޅުވާލައިގެންނެވެ. މީގެ ސަބަބުން، ކުށްވެރިއަކާ ކުރިމަތިލާ ވަގުތެއްގައި މީހަކު ބުރުގާގައި ހިފާ ދަމައިގަތް ނަމަވެސް، ކަރުގައި އޮޅި ނޭވާ ހާސްވުމުގެ ބަދަލުގައި ބުރުގާގެ ތިރީބައި ވަކިވެގެންދާނެއެވެ. އަދި މިގޮތަށް ވަކިވާއިރުވެސް، ބޮލުގެ އިސްތަށިގަނޑު ނުފެންނާނެހެން އެތެރެބައި ހުންނާނީ ރައްކާތެރިކުރެވިފައެވެ.

މި ހިޖާބަކީ ލެސްޓަޝަޔަރ ފުލުހުންނާއި ޑި މޮންޓްފޯޓް ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މީގެ 20 އަހަރު ކުރިން ޑިޓެކްޓިވް ސާޖަންޓް ޔާސީން ދެސާއީ ހުށަހެޅުއްވި މި ޚިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި، ނިއުޒީލެންޑްގެ މާސީ ޔުނިވަރސިޓީގައި 16 މަސް ދުވަހުގެ ދިރާސާތަކެއް ވަނީ ކޮށްފައެވެ. ލެސްޓަޝަޔަރ ފުލުހުން މިހާރު ވަނީ އެ އިދާރާގެ ހުރިހާ މުސްލިމް އަންހެން ފުލުހުންނަށް މި ބުރުގާ ދޫކޮށްފައެވެ.

ޑިޓެކްޓިވް ސާޖަންޓް ޔާސީން ދެސާއީ ވިދާޅުވި ގޮތުގައި، މި ބުރުގާއަކީ ވަރަށް ޕްރޮފެޝަނަލް އަދި ފުލުހުންގެ ޔުނީފޯމާ ގުޅޭ ފޮތީގެ ބާވަތަކުން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

"މީގެ ސަބަބުން އިތުރު މުސްލިމް އަންހެނުން ފުލުހުންގެ ހިދުމަތާ ގުޅުމަށް ޝައުގުވެރިވާނެ. އަދި މިއީ މުޖުތަމައުގެ ތެރޭގައި ނަމޫނާ ދެއްކުމަށް ލިބޭ ފުރުސަތެއް،" އޭނާ ވިދާޅުވިއެވެ.

މިފަދަ ބުރުގާއެއްގެ މުހިންމުކަން ބޮޑުވެފައިވަނީ ދާދިފަހުން ހިނގާދިޔަ ބައެއް ހާދިސާތަކާ ގުޅިގެންނެވެ. އެގޮތުން ވެސްޓް މިޑްލޭންޑްސް ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޒާރާ ބަޝާރަތުގެ ބުރުގާ މުޒާހަރާއެއްގެ ތެރެއިން ދަމައިގަނެ، ނަސްލީ ގޮތުން ފުރައްސާރަކުރި ހާދިސާއެއް ވަނީ މީޑިއާގައި ހިއްސާކޮށްފައެވެ. މި އާ ފަރުމާގެ ސަބަބުން މިފަދަ ނުރައްކާތަކުން ފުލުހުން ސަލާމަތްވާނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގެ އާބާދީގެ 6 އިންސައްތައަކީ މުސްލިމުންނެވެ. ނަމަވެސް، ފުލުހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތަކީ އެންމެ 2.5 އިންސައްތައެވެ. މި އާ ހިޖާބާއެކު، އިތުރު މުސްލިމް އަންހެނުން ފުލުހުންގެ ހިދުމަތާ ގުޅޭނެ ކަމަށް ބެލެވެއެވެ. އަދި ފުލުހުންގެ އިތުރުން، އެމްބިއުލާންސް ހިދުމަތްދޭ މީހުންނާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންވެސް މި ބުރުގާ ބޭނުންކުރަން ފަށާނެ ކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!