އިންޑޮނޭޝިއާގެ ރިޓަޔަރމަންޓް ހޯމްގައި އަލިފާން ރޯވެ 16 މީހުން މަރުވެއްޖެއެވެ. އުތުރު ސުލަވޭސީގެ މަނަޑޯގައި ދޮށީ އުމުރު މީހުން ދިރިއުޅެން ޚާއްސަކޮށްފައިވާ މަރުކަޒެއްގައި އަލިފާން ރޯވެ އުމުރުން ދުވަސްވީ 16 މީހަކު މަރުވެ ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވާކަން ފަޔާ ފައިޓަރުންނަށް އަންގާފައި ވަނީ ރޭ 8:31 ހާއިރު އެވެ. އޮފިޝަލުން ބުނީ މަރުވެފައިވާ ދޮށީ އުމުރުގެ މީހުން ފެނިފައި ވަނީ އެމީހުންގެ ކޮޓަރިތަކުގެ ތެރެއިންނެވެ. އަލިފާން ރޯވާން ފެށިއިރު އެމީހުން ތިބީ ނިދަން އޮށޯވެ ކަމަށް ބެލެވޭ ކަމަށެވެ. އަދި 12 މީހަކު ސަލާމަތުން ނެރެ، ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސްފައިވެ އެވެ.
ލޯކަލް މީޑިއާގެ ދައްކާ ފޫޓޭޖްތަކުން ދައްކާ ގޮތުގައި އިމާރާތުގައި ތިބި އުމުރުން ދުވަސްވީ މީހުން ސަލާމަތް ކުރުމަށް އަވަށްޓެރިން އެހީތެރިވަމުން ދިޔަ އެވެ. މިއީ މިފަހުން އިންޑޮނޭޝިއާގައި ހިނގާ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާއި ގުޅޭ ހާދިސާއެކެވެ. މި މަހުގެ ކުރީކޮޅު ޖަކާޓާގެ އޮފީސް އިމާރާތެއްގައި އަލިފާން ރޯވެ 22 މީހުން މަރުވެފައިވެއެވެ.







