ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށާއި، މި ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި ސަރުކާރުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ފަށައިފިއެވެ. މިގޮތުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމްތަކުގައި ޖުމްލަ 845 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންކަން ފާހަގަކުރެވެއެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން ހައްގު އަގު ހޯދައިދީ، ރާއްޖޭގެ އިގްތިސާދުގައި ދަނޑުވެރިކަމުގެ ހިއްސާ އިތުރުކުރުމެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެސްޑީއެފްސީ ގުޅިގެން ކުރިއަށްގެންދާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި 5 ކުންފުންޏަކާއި، 44 ފިރިހެނުން އަދި 5 އަންހެނުން ހިމެނެއެވެ.
މި ލޯނު ޕްރޮގްރާމަކީ ބިމުގައި ކުރާ ދަނޑުވެރިކަމުގެ އިތުރުން ޒަމާނީ ދަނޑުވެރިކަމާއި، ގަހުގެ ނާސަރީތައް ހެދުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުން ނުވަތަ ވެލިއު އެޑިޝަންގެ މަސައްކަތްތަކަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ލޯނު ދޫކުރަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ އެއްލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ލޯނާއި، އެއްލައްކައިން ފެށިގެން 2 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު 6 އިންސައްތަ އިންޓަރެސްޓް ނަގާއިރު، ލޯނު އަނބުރާ ދެއްކުމަށް 3 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ލިބެއެވެ.
ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން އދ. އަރިއަދޫގައި ރުއް އާލާކުރާ މައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިހާރު އެރަށުގެ ތިމާވެށީގެ އެސެސްމަންޓާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ވަނީ ނިމިފައެވެ. އެހެންކަމުން، އެރަށުގައި އިންވެސްޓްކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.


