އުސްމާނީ ޚިލާފަތުގެ ފަޚުރުވެރި "ވިދުވަރު": ސުލްޠާން ބާޔަޒީދު ޔަލްދިރަމް

އުސްމާނީ ޚިލާފަތުގެ ތާރީޚަކީ އިސްލާމީ އުންމަތުގެ ގަދަރުވެރިކަމާއި ކަރާމާތުގެ ފާހަގަކޮށްލެވޭ ޞަފުޙާތަކުން ފުރިގެންވާ ތާރީޚެކެވެ. މި ތާރީޚުގެ ތެރެއިން ޔޫރަޕްގެ ވެރިންގެ ހިތްތަކަށް ބިރުވެރިކަން ވައްދާލި އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތަކީ ސުލްޠާން ބާޔަޒީދު އެކެއް ނުވަތަ މަޝްހޫރު ނަމުން ނަމަ "ޔަލްދިރަމް" (ވިދުވަރު ނުވަތަ ތަންޑަބޯލްޓް) އެވެ.

އުސްމާނީ ލަޝްކަރުން ބަލްގޭރިއާ ފަތަޙަކޮށް، އެ ގައުމުގެ ރަސްކަލުންގެ އާއިލާ ބަލިކޮށްލުމާ އެކު މުޅި ޔޫރަޕްގެ މަސްރަޙު ހޫނުވެގެން ދިޔައެވެ. މިކަމާ ކޯފާވެވަޑައިގެން، ހަންގޭރީގެ ރަސްގެފާނު ސިގްސްމަންޑް، ސުލްޠާން ބާޔަޒީދުގެ އަރިހަށް ސަފީރަކު ފޮނުއްވިއެވެ. އެ ސަފީރު ސުއާލު ކުރެއްވީ ސުލްޠާނު ބާޔަޒީދު ބަލްގޭރިއާ ފަތަޙަ ކުރެއްވީ ކޮން ސަބަބަކާ ލައިގެންތޯ އެވެ. އަދި ވަގުތުން ބާޔަޒީދު އެ ބިންތައް ދޫކުރެއްވުމަށް ހަންގެރީގެ ރަސްގެފާނު އެދިވަޑަިއގަންނާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ސުލްޠާން ބާޔަޒީދުގެ ޖަވާބު އައީ ވަރަށް ސާފުކޮށެވެ. ކީރިތި ޤުރުއާނާއި ކަނޑި ދައްކަވާލެއްވުމަށްފަހު، ސުލްޠާން ބާޔަޒީދު އެމަނިކުފާނުގެ ޙައްގާއި ބާރުވެރިކަން އަންގަވައިދެއްވިއެވެ. މިއީ މުޅި ޔޫރަޕްގެ ތަޚުތުތަކަށް އެމަނިކުފާނު ޖެއްސެވި ވަރުގަދަ ގޮން ޖެހުމަކަށް ވެގެންދިޔައެވެ.

މިކަމާ ގުޅިގެން ރަސްގެފާނު ސިގްސްމަންޑާއި ނަސާރާއިންގެ އޭރުގެ އިސްފާދިރީ ޕޯޕް ބައްދަލުކުރައްވައި، އިސްލާމީ ދައުލަތާ ދެކޮޅަށް އެތައް ގަރުނަކަށްފަހު ތައްޔާރު ކުރާ އެންމެ ބޮޑު ސޮލީބީ ލަޝްކަރު އެކުލަވާލެއްވިއެވެ. މި ލަޝްކަރުގައި ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިންގްލެންޑް އަދި އިޓަލީ ފަދަ ގައުމުތަކުން އެއްލައްކަ ވިހިހާހަށްވުރެ ގިނަ ހަނގުރާމަވެރިން ބައިވެރިވިއެވެ.

މި ބިޔަ ލަޝްކަރު ޑެނިއުބް ކޯރު ހުރަސްކޮށް، ނިކޮޕޮލިސް ސިޓީއާ ހަމައަށް ފޯރީ ނުހަނު އިތުބާރާއެކުގައެވެ.

ނަމަވެސް، ސޮލީބީންނަށް ހީވެސް ނުކުރެވޭ ފަދަ ހަލުވި މިނެއްގައި، "ޔަލްދިރަމް" ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ބާޔަޒީދު، އެއްލައްކަ އުސްމާނީ މުޖާހިދުންނާއެކު ނިކޮޕޮލިސްގެ މައިދާނަށް ފާޅުވެވަޑައިގަތެވެ.

ވިދުވަރެއް ފަދަ ހަލުވި ކަމާއެކު ދެއްވި ޙަމަލާތަކާއެކު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫރަޕްގެ ބިޔަ ލަޝްކަރު ބަލިވެއްޖެއެވެ. އިސްލާމީ ތާރީޚުގެ އެންމެ ފާހަގަ ކުރެވޭ ބަދުރު ހަނގުރާމައާއި ޔަރުމޫކު ހަނގުރާމައިގެ ފަޚުރުވެރި ނަޞްރުތައް މަތިން މުސްލިމުންނަށް ހަނދާން އާކޮށްދިނެވެ.

މިއީ ތާރީޚުގައި "ނިކޮޕޮލިސް ހަނގުރާމަ" ނުވަތަ އަބަދަށް ދެމިގެންވާ ކުރިމަތިލުމުގެ ނަމުން ނަންދެވިފައިވާ ހަނގުރާމައެވެ.

މި ހަނގުރާމައިގައި އަސީރު ކުރެވުނު އިސްވެރިންގެ ތެރޭގައި ފަރަންސޭސިވިލާތުގެ ކައުންޓް ޑި ނިފަރ ހިމެނެއެވެ. އޭނާ މުސްލިމުންނާ ދެކޮޅަށް ދެން ދުވަހަކުވެސް ހަނގުރާމަ ނުކުރާނޭ ކަމަށް ހުވާކޮށް، ސުލްޠާނު ބާޔަޒީދުގެ ފައިންޕުޅަށް ބޮސްދިނެވެ. ނަމަވެސް ސުލްޠާން ބާޔަޒީދު އޭނާ މިނިވަން ކުރައްވަމުން ވިދާޅުވީ، "ތިބާ އަލުން އަހަރެންނާ ހަނގުރާމައަށް އަންނާނެ ނަމަ އަހަރެން އެކަމަށް ލޯބިކުރާނަމެވެ. ސަބަބަކީ ޔޫރަޕްގެ ނަޞާރާ ލަޝްކަރުގެ މައްޗަށް ނަޞްރު ހޯދުމަކީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާތީއެވެ."

މިއީ ސުލްޠާން ބާޔަޒީދު ޔަލްދިރަމް އެވެ. އެ ސުލްޠާނަކީ ޔޫރަޕްގެ މީހުންގެ ހިތްތަކަށް ބިރުވެރިކަން ގެނުވި، އުސްމާނީ ޚިލާފަތުގެ ވަރުގަދަ ތަނބެކެވެ. އެ ސުލްޠާނުގެ ހިތްވަރާއި، ހަލުވިކަމާއި، އިސްލާމީ އަގީދާގެ ސާބިތުކަމަކީ މިއަދުވެސް މުސްލިމުން ފަޚުރުވެރިވާ ނަމޫނާއެކެވެ.

ހިއްސާ ކުރައްވާ!