ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގައި މަސައްކަތްކުރައްވާ އަންހެން މެންބަރުންގެ އަދަދު އިތުރުވަމުންދާއިރު، އެ އިދާރާގައި އަންހެނުންނަށް ޚާއްސަ ފާޚާނާތައް މަދުވުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް ގޮވާލާ ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ.
މި މައްސަލައިގައި ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ ހިމެނިވަޑައިގަންނަވާހެން، ތަފާތު 7 ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ 60 އަށްވުރެ ގިނަ އަންހެން މެންބަރުން ވަނީ އިސްނަގައިގެން ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ ޖަޕާނުގެ ދަށުގޭގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ރޫލްސް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ މުގައްރިރު ޔަސުކާޒޫ ހަމާދާއަށެވެ.
ޓޯކިޔޯގައި ހުންނަ ޖަޕާނުގެ ޕާލަމެންޓް ނޭޝަނަލް ޑައިޓް އިމާރާތުގެ މައި ހޯލާ އިންވެގެން، ދަށުގޭގައި ހިމެނޭ 73 އަންހެން މެންބަރުން ބޭނުންކުރުމަށް މިވަގުތު ހުރީ އެންމެ ފާޚާނާއެކެވެ. އެ ފާޚާނާގައި ހުންނަނީ އެންމެ ދެ ކިއުބިކަލް ކަމަށްވުމުން، މެންބަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް މެންބަރުން ފާހަގަކުރެއެވެ.
މި ޕެޓިޝަންގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާޚާނާގެ ދަތިކަމަކީ ހަމައެކަނި އަމިއްލަ ޒަރޫރަތަކަށް އޮތް ހުރަހެއް ނޫނެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިއުމަށާއި، މެންބަރުންގެ ވާޖިބުތައް އަދާކުރުމަށްވެސް ކުރިމަތިވެފައިވާ ވަރަށް ސީރިއަސް މައްސަލައެކެވެ.
ޖަޕާނުގެ ޕާލަމެންޓުގެ މި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައީ، އެ ޤައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު މިދިޔަ އަހަރު އިންތިޚާބުވުމާއި، އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ދަށުގޭގެ އަންހެން މެންބަރުންގެ އަދަދު 45 އިން 70 އަށްވުރެ މައްޗަށް އިތުރު ވުމުންނެވެ.
ޖަޕާނަކީ އަންހެނުންނާ މެދު ތަފާތު ކުރުމަށް މަޝްހޫރު ގައުމެކެވެ. އަދި ޕާލަމެންޓް ތެރޭގައިވެސް ފިރިހެނުން އަންހެން މެމްބަރުންނަށް ސެކްސިސްޓް ބަހުރުވައިން މުޚާތަބު ކުރާކަމަށް ބުނެ ޝަކުވާ ކޮށްފައި ވެއެވެ.
ޔޮމިއުރީ ޝިމްބުން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާލަމެންޓް އިމާރާތުގެ ވަސީލަތްތައް ގާއިމުކޮށްފައިވަނީ ފިރިހެނުންނަށް އިސްކަންދޭ ގޮތަށެވެ. އެގޮތުން ދަށުގޭގައި ފިރިހެނުންނަށް ޚާއްސަ 12 ފާޚާނާ ހުރެއެވެ.




