ސޫރިޔާގެ ޙަލަބްގެ ގަދީމީ ސައިބޯނި އުފައްދާ ފެކްތްރީއެއް
ސޫރިޔާގެ ޙަލަބްގެ ގަދީމީ ސައިބޯނި އުފައްދާ ފެކްތްރީއެއް

ސާފުތާހިރުކަމާއި ސައިބޯނި: މުސްލިމުން ހުޅަނގަށް ދަސްކޮށްދިން ދެ އާދަ

ދުނިޔޭގެ ތާރީޚަށް ބަލާއިރު، އިންސާނުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އެންމެ ބޮޑު ބަދަލެއް ގެނުވި އެއް ކަމަކީ ސާފުތާހިރުކަމުގެ މިންގަނޑުތަކެވެ. މިއަދު އަޅުގަނޑުމެން ކޮންމެ ދުވަހަކު ބޭނުންކުރާ ސައިބޯންޏަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން މުސްލިމުން ދުނިޔެއަށް ތައާރަފުކޮށްދިން މުހިންމު އުފެއްދުމެކެވެ.

މީލާދީން 7 ވަނަ ގަރުނުގެ ތެރޭގައި، ޔޫރަޕުގެ ގައުމުތަކުގައި މީހުން ސާފުތާހިރުވުމަށް އަޅި ނުވަތަ ވެލި ފަދަ ތަކެތި ބޭނުންކުރަމުން ދިޔަ ދުވަސްވަރު، މުސްލިމް ސައިންސްވެރިންނާއި ކެމިސްޓުން ދިޔައީ ސައިބޯނި އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މުސްލިމުން ވަނީ ޒައިތޫނި ތެލާއި އަލްކަލައިން ސޯލްޓް އެއްކޮށްގެން، ހަށިގަނޑުން މިލަ ފިލުވައިދޭ އަދި މީރުވަސް ދުވާ ސައިބޯނި ތައްޔާރުކޮށްފައެވެ.

މިހާރުވެސް ޙަލަބްގެ ޒަނާބިލީ ސައިބޯނި ފެކްޓްރީއަކީ އެތަނުން ސައިބޯނި އުފައްދާ 1000 އަހަރު ވެފައިޥާ ފެކްޓްރީއެކެވެ. މިވަނީ އެތަނުގެ ފޮޓޯތަކެވެ.

ސޫރިޔާގެ ޒައިތޫނި ސައިބޯނި: ޒަނާބީލީ އާއިލާގެ ހިތްވަރުގަދަ ދަތުރު

ސޫރިޔާގެ ޙަލަބު އަކީ ދުނިޔޭގެ ނިސްބަތުންވެސް ޒައިތޫނި ތެލުން ސައިބޯނި އުފެއްދުމުގެ އެންމެ ދިގު ތާރީޚެއް އޮތް އެއް ސިޓީއެވެ. މި ސިޓީގައި ހުރި އެންމެ ދުވަސްވީ ސައިބޯނި އުފައްދާ ފެކްޓްރީއަކީ "ޒަނާބީލީ" ފެކްޓްރީއެވެ. މި ފެކްޓްރީއަކީ މީގެ 1،000 އަހަރު ކުރިން ފެށިގެން ޒަނާބީލީ އާއިލާއިން ހިންގަމުން އަންނަ ތަނެކެވެ. ނަމަވެސް، ސޫރިޔާގައި ހިނގި ދާޚިލީ ހަނގުރާމައިގެ ތެރޭގައި މި ފެކްޓްރީ ހުރި ސަރަހައްދަކީ ހަނގުރާމައިގެ މައިދާނަކަށް ވުމުން، އެ ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

2012 ވަނަ އަހަރު ހަނގުރާމަވެރިން އެ ސަރަހައްދު ހިފުމާ ގުޅިގެން، ސަލާމަތަށްޓަކައި ޒަނަބީލީއަށް ޖެހުނީ ފެކްޓްރީ ދޫކޮށް ރައްކާތެރި ސަރަހައްދަކަށް ބަދަލުވާށެވެ. 2016 ވަނަ އަހަރު ހަނގުރާމަވެރިން އެ ސަރަހައްދުން ބޭރުކުރުމާއެކު، ޒަނާބީލީ އެންމެ ފުރަތަމަވެސް ކުރި ކަމަކީ އޭނާގެ ކާބަފައިންގެ ބޯދާ ފެކްޓްރީއަށް އެނބުރި ދިއުމެވެ. އަދި ފެކްޓްރީގެ ހާލަތު ހުރި ގޮތުން މަދު މިންވަރަކަށް ނަމަވެސް ސައިބޯނި އުފެއްދުމުގެ މަސައްކަތް އަލުން ފެށިއެވެ.

މިއަދު އެ ފެކްޓްރީގެ އެތެރެއަށް ބަލައިލުމުން، ހަނގުރާމައިގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ އަސަރުތައް ފެންނަން ހުރެއެވެ. އެތަނުގައި މަސައްކަތްތެރިން ބޭނުންކުރަނީ ކުރީގެ ބޯދާ މެޝިންތަކެވެ. ޙަލަބުގައި ޒައިތޫނި ސައިބޯނި އުފެއްދުމުގައި އަދިވެސް ބޭނުންކުރަނީ ކުރީގެ ސަގާފީ ގޮތްތަކެވެ. އެއްވެސް ކަހަލަ ގަޑުބަޑު ކުރުމެއް ނެތް ޒަމާނީ މެޝިނެއް ބޭނުންނުކޮށެވެ.

ޒަނާބީލީ އާއިލާގެ އެންމެ ބޮޑު އަޒުމަކީ އާއިލާއިން ވޭތުވެދިޔަ 1،000 އަހަރު ދަމަހައްޓަމުން އައި މި މުއްސަނދި ވިޔަފާރި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. މިއީ ގައުމީ އަދި އާއިލީ ތަރިކައެއް ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެކެވެ.

އިސްލާމީ ރަންޒަމާނުގައި ބަޣުދާދާއި ދިމިޝްގު ފަދަ ބޮޑެތި ސިޓީތަކުގައި ސައިބޯނި އުފައްދާ ބޮޑެތި ފެކްޓްރީތައް ހުއްޓެވެ. މި ތަންތަނުގައި ތަފާތު ވައްތަރުގެ ސައިބޯނި އުފެއްދިއެވެ. އޭގެ ތެރޭގައި ކުލަޖެއްސި ސައިބޯންޏާއި މީރުވަސްދުވާ ސައިބޯނި އުފައްދަމުން ދިޔައެވެ. މިއީ އޭރުގެ ދުނިޔެއަށް ސާފުތާހިރުކަމަށް އައި ވަރަށް ބޮޑު އިންގިލާބީ ބަދަލެކެވެ.

މުސްލިމުންގެ މި އުފެއްދުން ޔޫރަޕަށް ފެތުރިގެން ދިޔައީ ސަލީބީ ހަނގުރާމައިގެ ދުވަސްވަރު، ހަނގުރާމަވެރިން މެދުއިރުމަތިން އެނބުރި ދިޔަ މަގުމަތީގައެވެ. އިނގިރޭސި ބަހުން ސައިބޯންޏަށް ކިޔާ ސޯޕް މި ބަހަކީވެސް އަރަބި ބަހެއް ކަމަށްވާ "ޞާބޫން" އިން އައިސްފައިވާ ބަހެއް ކަމަށް ގިނަ ތާރީޚު އިލްމުވެރިން އެއްބަސްވެއެވެ.

މުސްލިމުން ސައިބޯނި އުފެއްދުމުގެ އެންމެ ބޮޑު ސަބަބަކީ އިސްލާމްދީނުގައި ސާފުތާހިރުކަމަށް ދީފައިވާ މުހިންމުކަމެވެ. ނަމާދުކުރުމަށްޓަކައި ވުޟޫކުރުމާއި، ހަށިގަނޑު ސާފުކޮށް ބެހެއްޓުމަކީ މުސްލިމުންގެ ދިރިއުޅުމުގެ ބައެއް ކަމަށްވާތީ، މިފަދަ އުފެއްދުންތަކަށް އޮތް ބޭނުންތެރިކަން ބޮޑުވިއެވެ.

އަންދަލުސްއަކީ ޔޫރަޕް މީހުންނަށް ކޮންމެ ދުވަހަކު ފެންވެރުމާއި ހުނވަދުލުން ދަސްކޮށްދިން ޙަޟާރީ މަރުކަޒެވެ.

މިއަދު މި ބޭނުންކުރާ ސައިބޯންޏަކީ މުސްލިމުންގެ ސައިންސާއި، އުފެއްދުންތެރިކަމުގެ ނަތީޖާއެކެވެ. މިއީ ހަމައެކަނި ސާފުވުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ އިސްލާމީ ތާރީޚާއި، މުސްލިމުން ދުނިޔޭގެ ހަޟާރަތަށް ދީފައިވާ އަގުހުރި ހަދިޔާއެކެވެ.

ހިއްސާ ކުރައްވާ!