ޕާކިސްތާނުގެ ސިފައިންނަށް ކުރިމަތިވަމުންދާ ދާޚިލީ ފާޑުކިޔުންތަކާއި ސިޔާސީ ފިއްތުންތަކުން ސަމާލުކަން އަނބުރާލުމަށްޓަކައި، އަފްޣާނިސްތާނާއެކު އޮތް ނުތަނަވަސްކަން އެ ގައުމުގެ ސިފައިން ބޭނުންކުރަމުންދާ ކަމަށް އަފްޣާން މީޑިއާއިން ޝާއިއުކުރި އާ ތަހުލީލެއްގައި ތުހުމަތު ކޮށްފިއެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ އިގްތިސާދީ ސަލާމަތްތެރިކަމާއި، ވެރިކަން ހިންގުމުގެ ނިޒާމަށް ފާޑު ކިޔުން އަމާޒު ވުމާއި އަދި އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން އެ ގައުމުގެ ސަލާމަތީ މުއައްސަސާތަކަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި ހާލަތުގައި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކުރުމަކީ، މުއައްސަސާތަކުގެ ޒިންމާދާރުކަމާ މެދު އުފެދިފައިވާ ސުވާލުތަކުން ރައްޔިތުންގެ ސަމާލުކަން ކަސިޔާރުކުރުމަށް ރޭވިގެން ހިންގާ އުކުޅެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަފްޣާން މީޑިއާ ބުނެފައިވާ ގޮތުގައި، އަފްޣާނިސްތާނަކީ ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ދެއްކުމުން، ޕާކިސްތާން ސިފައިން އެ ގައުމުގެ މައްޗަށް އޮތް ނުފޫޒު ވަރުގަދަ ކުރަން ބޭނުން ވެއެވެ. އަދި އޮޕަރޭޝަނަލް ބާރުތައް ފުޅާކުރުމަށް ފުރުސަތު ހޯދަން ބޭނުންވެއެވެ. މިއީ ޕާކިސްތާނުގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމާއި، އިގްތިސާދީ ދަތިކަމާއި، އަދި މުއައްސަސާތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް ގޮވާލާ ގޮވާލުންތަކަށް ކިޔަމުންދާ ފާޑުކިޔުންތައް ހީނަރުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާވެ، ކުރިންވެސް ނާޒުކު ހާލަތެއގައި އޮތް މަސްރަޙު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު މި ރިޕޯޓުގައި ދީފައިވެއެވެ. ޕާކިސްތާނުގެ ސިޔާސީ މަސްރަޙުގައި ސިފައިން އަބަދުވެސް އިސް ދައުރެއް އަދާކުރި ނަމަވެސް، މިހާރުގެ ހާލަތުގައި މަދަނީ ބާރުތަކުގެ މައްޗަށް ސިފައިން ގަދަވެގަތުމާ މެދު ފާޑުކިޔުންތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި އަފްޣާނިސްތާނުގެ ސަރުކާރުން ތަކުރާރުކޮށް އިސްލާމްއާބާދަށް ގޮވާލަމުންދަނީ، މަސްރަޙު ގޯސްކުރުމުގެ ބަދަލުގައި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރެވޭނީ ކުރިމަތިލުންތަކުގެ ބަދަލުގައި އެއްބާރުލުން ދީގެން ކަމަށް އަފްޣާނިސްތާނުން ބުނެއެވެ.






