ލިޔުނީ: ޙުސައިން ރަޝީދު އަޙްމަދު
މީހަކު ޙައިރާނެއް ނުވާނެހެއްޔެވެ. އަޅުގަނޑުމެން މުސްލިމުންނަށް އިބްރާހީމުގެ ފާނުންގެ ގުޅުން އުނގަންނައި ދެނީ ވެސް ޞަލީބީންނާއި ޒައިނިސްޓުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވެރިކަމާ ޙަވާލުވުމާއެކު މަކަަރުވެރިކަމުން މުސްލިމު ޤައުމުތައް ޚާއްޞަކޮށް ގަލްފުގެ ޢަރަބި ޤައުމުތައް އިޒްރޭލާ ގުޅުވުމުގެ ގޮތުން އާވައްތްރެއްގެ ރޭވުމެއް ރޭވިއެވެ. އިޒްރޭލުގެ ސަރުކާރު ފުޅާކުރުމުގެ ގޮތުންނާއި ޤްރޭޓާ އިޒްރޭލު އުފެއްދުމުގެ ބޭނުމެވެ. ނީލު ކޯރުން ފެށިގެން ފުރާތު ކޯރާހަމައަށް ސުޢޫދީ އެރެބިޔާގެ އެއްބަޔާއެކު އެކުލަވާލުމުގެ ޕްރޮގްރާމުގެ ދަށުންނެވެ.

ޓްރަމްޕްގެ ހުވަފެން:
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "އަބްރަހަމް އެކޯޑްސް" ނުވަތަ އިބްރާހީމީ އެއްބަސްވުންތަކާ މެދު ފަޚުރުވެރިވާކަން ހާމަކުރައްވައި، އިތުރު އަރަބި އަދި އިސްލާމީ ގައުމުތަކުން މި އެއްބަސްވުމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މިއީ މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. އަދި އިތުރު ގައުމުތަކުން މި އެއްބަސްވުމުގައި ބައިވެރިވުމަކީ ސަރަހައްދީ ހަމަޖެހުމަށް ލިބޭނެ ބޮޑު ބާރެއްކަން ފާހަގަކުރައްވައި، މިހާރު ހުރި ދަތިތަކާ އެކުވެސް، މި ދާއިރާ ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް 2025 އާއި 2026 އާ ދެމެދު ދެއްވި ބަޔާންތަކުގައި ބާރުއަޅުއްވާފައިވެއެވެ.
މުސްލިމުންނާ އިބްރާހީ ގުޅުން:
މިއީ މުސްލިމުންގެ ޢަޤީދާއެވެ. އެކަމުގެ ފުރިހަމަ ހެކި މުސްލިމުންގެ މައްޗަށް ފަރުޟުވެފައިވާ ނަމާދުން ވެސް ހާމަވެގެން ދެއެވެ. އައްތަޙިއްޔާތުގައި ކިއުމަށް ކީިރިތި ރަސޫލާ އުނގަންނަވައި ދެއްވާފައިވާ ޞަލަވާތުން އެނގި ސާބިތުވެއެވެ.
މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ.
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ ﴿١٢٠﴾ شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿١٢١﴾ وَآتَيْنَاهُ فِي الدُّنْيَا حَسَنَةً ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ ﴿١٢٢﴾ ثُمَّ أَوْحَيْنَا إِلَيْكَ أَنِ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ ﴿١٢٣﴾ (އައްނަޙްލު)
(މާނައީ: ހަމަކަށަވަރުން، އިބްރާހީމުގެފާނީ، اللَّه އަށް ކިޔަމަންތެރިވެވަޑައިގެން، ބާޠިލް މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ އުއްމަތެއް ފަދަ ބޭކަލެކެވެ. އަދި ޝަރީކު ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ. * އެކަލާނގެ ދެއްވި ނިޢުމަތް ތަކަށް، ޝުކުރުކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު ޚިޔާރު ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ. * އަދި ދުނިޔެމަތީގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގައި ވެސް އެކަލޭގެފާނު ވަނީ، ޞާލިޙުންގެތެރެއިންކަން ކަށަވަރެވެ. * އޭ ރަސޫލާއެވެ! ދެން ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ވަޙީ ކުރެއްވީމެވެ. ބާޠިލް މަގުން އެއްކިބާވެ، ސީދާމަގުގައިވާ އިބްރާހީމުގެފާނުގެ މިއްލަތަށް، ތަބާވެ ވެވަޑައިގަންނަވާށެވެ! ދަންނާށެވެ. އެކަލޭގެފާނު ހިލާ މުޝްރިކުންގެ ތެރެއިން ނުވެތެވެ. (123)
މިހާ ސާފުކޮށް އިބްރާހީމުގެފާނާއި އަޅުގަނޑުމެންނާ އޮތް ގުޅުން އެނގޭއިރު ދެން ބަޔަކު ގެންނަ ޝައިޠާނީ މަގަކުން ޝައިިޠާނީ ބަޔަކާގުޅެންޖެހޭ ސަބަބެއް އަޅުގަނޑަށް ނޭގެއެވެ.
އަލްޖަޒީރާ ނެޓްގައި ރިޕޯޓްކޮށްފައިވާ ގޮތުން، އިބްރާހީމީ އެއްބަސްވުންތަކާ ގުޅޭގޮތުން ޓްރަމްޕް ދެއްވި މުހިންމު ބަޔާންތަކުގެ ތެރޭގައި ހިމެނެނީ:
- (ހ) އެއްބަސްވުން ފުޅާކުރުން: އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް މި އެއްބަސްވުމާ ގުޅޭނެ ކަމަށާއި، އަދި ވަރަށް އަވަހަށް އިތުރު އަރަބި އަދި އިސްލާމީ ގައުމުތަކުން މިކަމުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވިއެވެ.
- (ށ) ސައުދީ އަރަބިއްޔާއާ ބެހޭ މަޝްވަރާތައް: ސައުދީ އަރަބިއްޔާ މި އެއްބަސްވުމުގައި ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ގަސްދުކުރައްވާ ކަމަށާއި، މާލަސްތަކެއް ނުވެ އެކަން ކާމިޔާބުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
- (ނ) ހަނގުރާމައިގެ ހުރަސްތައް: ގައްޒާގައި ހިނގަމުންދާ ހަނގުރާމައާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން މިވަގުތު ގައުމުތަކުން އެއްބަސްވުމާ ގުޅުމަށް ފަސްޖެހޭކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ދެމެހެއްޓެނިވި ސުލްހައަށް އޮތް ހަމައެކަނި މަގަކީ މިއީ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
- (ރ) ނަން ބޭނުންކުރެއްވުން: ކޮންފަރެންސެއްގެ ތެރޭގައި ސަމާސާ ގޮތަކަށް ޓްރަމްޕް ވިދާޅުވީ، އޭނާ "އަބްރަހަމް" (Abraham) މި ނަމުގެ ބަދަލުގައި "އެފްރަހަމް" (Afraham) މި ނަން ބޭނުންކުރަން ބޭނުންވާ ކަމަށެވެ.
މި ބަޔާންތަކަކީ މެދުއިރުމަތީގެ ގުޅުންތައް އަލުން ބައްޓަންކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ދުރުރާސްތާ ތަސައްވުރުގެ ބައެކެވެ. އޭނާގެ ސަރުކާރުން ހޯދި މި އެއްބަސްވުންތަކަކީ ޚާރިޖީ ސިޔާސަތުގައި ހޯދުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ.
2020 ވަނަ އަހަރު އުފަންވި "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމަށް ގިނަ އަރަބި އަދި އިސްލާމީ ގައުމުތަކުން ފަސްޖެހި، އެތައް އަހަރެއް ވަންދެން މަޑުޖެހިފައި އޮތީ 2002 ވަނަ އަހަރުގެ "އަރަބި ސުލްހައިގެ އިސްނެގުމަށް" ބޯލަނބާތީއެވެ. މި އިސްނެގުމުގައި ބުނާގޮތުން، އިސްރާއީލާއެކު ގުޅުން ގާއިމުކުރެވޭނީ އެ ގައުމުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ އިސްތިއުމާރު ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުންނެވެ. މިގޮތަށް ގައުމުތަކުން ނިންމާފައިވަނީ އާންމު ރައްޔިތުންގެ ބޮޑު ނުރުހުމާއި، ފަލަސްތީނުގެ ހައްގުތަކަކީ ގައުމީ އަދި އިސްލާމީ އެންމެ މަތިވެރި ވާޖިބު ކަމުގައި ދެކޭތީއެވެ.
އިސްލާމީ އަދި އަރަބި ގައުމުތަކުން މިކަމުގައި ފަސްޖެހޭ މައިގަނޑު ސަބަބުތައް:
އަރަބި ސުލްހައިގެ އިސްނެގުން: އަރަބި ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަކީ ފުރިހަމަ ސުލްހަ ގާއިމުވުމަށްފަހު އެންމެ ފަހުން ކުރަންޖެހޭ ކަމެކެވެ. އެއީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއް ނޫނެވެ.
ފަލަސްތީނުގެ މައްސަލަ: ފަލަސްތީނުގެ ހައްގުތަކާއި މުގައްދަސް ގުދުސްގެ މައްސަލައަކީ އަރަބި އަދި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސެވެ. އެހެންކަމުން، އިންސާފުވެރި ހައްލަކާ ނުލައި ގުޅުން ގާއިމުކުރުމަކީ ސިޔާސީ ގޮތުން ނުހަނު ދަތި ކަމެކެވެ.
އާންމު ރައްޔިތުންގެ ރޫހު:
ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެދެނީސް، އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ދެކޮޅަށް އިސްލާމީ އުންމަތުގެ ރައްޔިތުންގެ މެދުގައި ވަރުގަދަ ނުރުހުމެއް އޮވެއެވެ.
ސަލާމަތީ ކަންބޮޑުވުންތައް: ކުރިން ގިނަ ގައުމުތަކުން އިސްރާއީލު ދެކެމުން އައީ ސަރަހައްދީ ނުރައްކަލެއްގެ ގޮތުގައެވެ. ނަމަވެސް، ފަހަކަށް އައިސް އީރާނާ ދެކޮޅަށް އޮތް ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ބައެއް ގައުމުތަކުގެ ނަޒަރިއްޔާތަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
މިއިއްތިފާޤުގައި ގުޅިފައިވާ ޤައުމުތައް:
މިއިއްތިފާޤުގަައި މިވަގުތައް ގުޅިފައިވާ ޤައުމުތަކަކީ އެކުވެރި އަރަބި އިމާރާތާއި ބަހްރައިނިއާއި ސޫދާނާއި މޮރޮކޯއެވެ. މިޤައުމުތަކުން މި އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، 2023 ވަނަ އަހަރު ގައްޒާގައި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުން، މި އެއްބަސްވުންތައް ދެމެހެއްޓުމަށާއި އިތުރު ގައުމުތަކުން ބައިވެރިވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އިމާރާތާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުން:
އެކުވެރި އަރަބި އިމާރާތާއި އިސްރާއީލާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމުކުރެވުނީ 15 ސެޕްޓެމްބަރު 2020 ގައި ސޮއިކުރެވުނު "އަބްރަހަމް އެކޯޑްސް" (އިބްރާހީމީ އެއްބަސްވުން) މެދުވެރިކޮށެވެ. އޭގެކުރިން މިދެޤައުމުގެ ދެމެދު ސިއްރުގުޅުންތައް އޮތެވެ. މިއާއެކު، ސިއްރިއްޔާތުގައި ކުރިން އޮތް ގުޅުންތައް ބަދަލުވެގެން ދިޔައީ އިގްތިސާދީ، ޓެކްނޮލޮޖީ އަދި ދިފާއީ ދާއިރާތައް ހިމެނޭ ފުޅާ އިސްތިރާޖީ އިއްތިހާދަކަށެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ފަލަސްތީނުގެ މައްސަލައިގައި "ދެ ދައުލަތުގެ ހައްލު" އޮންނަންޖެހޭނެ ކަމަށް އިމާރާތުން ބުނާ ބުނުމަށް ބަދަލެއް އައިސްފައެއް ނުވެއެވެ.







