ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގުތުން މިނިވަންކުރުމަށް ގޮވާލައި، އެމެރިކާއިން އެ ގައުމާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ރަޝިޔާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އދ. އަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވަނީ އެމެރިކާއިން ވެނެޒުއޭލާއަށް ދެމުންދާ އަސްކަރީ ހަމަލާތަކަކީ "ފާޅުކަން ބޮޑު އުދުވާނެއް" ކަމަށް ސިފަކުރައްވާފައެވެ. އަދި ވޮޝިންޓަނުން ކުރަމުންދާ މިފަދަ ކަންކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ދައުލަތްތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ މަންދޫބު އިތުރަށް ވިދާޅުވީ، އެމެރިކާއިން ބާރުގެ ބޭނުންކޮށްގެން ދުނިޔޭގެ މައްޗަށް ގަދަވެގަންނަން އުޅޭ އުޅުމުގެ ސަބަބުން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ހަމަޖެހުން ގެއްލެމުންދާ ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވަނީ ވެނެޒުއޭލާގެ ގާނޫނީ ރައީސް ނިކޮލަސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމެރިކާގެ ލީޑަޝިޕަށް ގޮވާލައްވާފައެވެ.
މަދޫރޯ ހައްޔަރުކޮށްފައި ބެހެއްޓުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގައި ފެނިގެންދާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ރަޝިޔާއިން ފާހަގަކުރެއެވެ. ރަޝިޔާގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއިން "ދުނިޔޭގެ ފުލުހެއް" ގެ ދައުރު އަދާކުރަން އުޅުމަކީ ގައުމުތަކުގެ ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމް ކުޑަކުރުން ކަމަށެވެ.
ރަޝިޔާއިން އިންޒާރު ދީފައިވާ ގޮތުގައި، މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމު ބަލިކަށިވެ، ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ސިޔާސީ އަދި އަސްކަރީ ހަމަނުޖެހުންތަކަކަށް މަގުފަހިވެގެންދާނެއެވެ.






