ދަރިފުޅުގެ އަޚުލާގާ މެދު ޝައްކުކުރެވިގެން، ބައްޕައަކު އޭނާގެ އަންހެނުންނާއި 5 ދަރިން ކަތިލައިފި

ޕާކިސްތާނުގެ ސަރްގޯދާގެ ބަގްތާންވާލާ ސަރަހައްދުގައި، އަމިއްލަ ދަރިފުޅު ބަދު އަޚުލާގީ އަމަލު ހިންގާކަމަށް ޝައްކުކުރެވިގެން ބައްޕައަކު އޭނާގެ އަންހެނުންނާއި ފަސް ދަރިން ކޮށާލައި ފިއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ފުރޯއެއް ބޭނުންކޮށްގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި، މި ޖަރީމާ ހިންގި މީހާ ވަނީ އޭނާގެ އަންހެނުންގެ އިތުރުން ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިފުޅު މަރާލާފައެވެ. މަރާލި ކުދިންގެ އުމުރަކީ 1 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ.

މި ޖަރީމާއަށްފަހު، ތުހުމަތުކުރެވޭ މީހާ ވަނީ އަމިއްލައަށް ޒަޚަމް ކޮށްލައިގެން، އަމިއްލަ ނަފްސަށް ގެއްލުން ދީފައެވެ. އޭނާގެ ހާލު ސީރިއަސްވުމާ ގުޅިގެން މިހާރު ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ ހާލަތު ރަނގަޅުވުމުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައެވެ. މި މައްސަލައިގެ އިތުރު ތަފްސީލު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!