އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ ހަސްފަތާލަކަށް ޕާކިސްތާނު ސިފައިން ބޮން އަޅާފައިވާ ކަމަށް ކާބުލް އިން ބ ުނެފިއެވެ. ޕާކިސްތާނުން ވަނީ މިކަން ދޮގުކޮށްފައެވެ. އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ ދިން މި ހަމަލާގައި 400 އަށްވުރެ ގިނަ މީހުން މަރުވެ، 250 މީހުން ވަނީ ޒަޚަމްވެފައެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، މި ހަމަލާއަކީ އާންމުންނަށް ޚިދުމަތްދޭ މަރުކަޒަކަށް ދިން ހަމަލާއެއް ކަމަށާއި، މިއީ "މައާފު ނުކުރެވޭނެ ފަދަ ހަނގުރާމައިގެ ޖަރީމާއެއް" ކަމަށެވެ. އަދި މިކަމަށް ރައްދު ދިނުމުގެ ހައްގު އަފްޣާނިސްތާނަށް ލިބިގެންވާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ޕާކިސްތާނުން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ ތާލިބާނުންގެ ވާހަކަތަކަކީ "ދޮގު އަދި އޮޅުވާލުން އެކުލެވޭ" ވާހަކަތަކެއް ކަމަށެވެ. އިސްލާމްއާބާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ސިފައިން ހަމަލާދީފައިވަނީ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޕާކިސްތާނަށް ހަމަލާދޭ ހަނގުރާމަވެރި ގްރޫޕްތަކުގެ މަރުކަޒުތަކަށް ކަމަށެވެ.
ޕާކިސްތާނުން ބުނަމުންދަނީ އަފްޣާނިސްތާނުގެ ބިމުގައި ތިބެގެން ހަނގުރާމަވެރިން ޕާކިސްތާނަށް ހަމަލާދެމުންދާ ކަމަށެވެ. ނަމަވެސް ތާލިބާން ސަރުކާރުން ތުހުމަތު ކުރަނީ ޕާކިސްތާނުން އަފްޣާނިސްތާނުގެ މިނިވަންކަމަށް އަރައިގަންނަމުންދާ ކަމަށެވެ.
އދ. އިން ވަނީ މި ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ދެ ފަރާތުންވެސް މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ގޮވާލާފައެވެ. އދ. ގެ ތަރުޖަމާނު ވިދާޅުވީ އާންމުން ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭ ކަމަށާއި، ސަރަހައްދީ ހަމަޖެހުން ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ.
އިންސާނީ އެހީދޭ ޖަމިއްޔާތަކުންވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި އަފްޣާނިސްތާނުގެ ސިއްހީ ނިޒާމު މިހާރުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެހެންކަމުން، ސިއްހީ މަރުކަޒުތަކަށް ޕާކިސްތާނުން ދޭ ކޮންމެ ހަމަލާއަކީ އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ.



