ފިތުރު އީދަށް ތައްޔާރުވުމާ އެކު ޝައްވާލު މަހުގެ ހަނދު ފެނުން ލަސްނުކޮށް އިއުލާން ކޮށްދިނުމަށް ކަމާ ބެހޭ ފަރާތަށް އަންގައި ދިނުމަށް އެދި ޕާކިސްތާން މީހަކު ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި ދައުވާ ރައްދު ވަނީ ޕާކިސްތާންގެ މަރުކަޒީ ރޫޔަތޭ ހިލާލް ކޮމިޓީ އަށެވެ. މި ހަނދު ބަލައި އެކަން އިއުލާން ކުރާ މަރުކަޒީ އިދާރާއެވެ.
ޢަބްދުﷲ ޝަފީޤް ނަމަކަށް ކިޔާ އިންސާނަކު ހުށަހެޅި މި ދައުވާ މިހާރު ވަނީ ތާވަލުކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުން މިއަދު ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި މައްސަލަ ބައްލަވާނީ އިސްލާމްއާބާދު ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު ސަރުދާރު މުޙައްމަދު ސަރުފަރާޒް ދޯގަރެވެ.
ޝަފީޤް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ހަނދު ފެނުނުކަން އިޢުލާނު ކުރުން ލަސްވުމުގެ ސަބަބުން މީހުންނަށް ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރަން ޖެހޭ ކަމަށެވެ.


މީގެ އިތުރުން، ހަނދު ފެނުނުކަން ލަހުން އިޢުލާނު ކުރުމުގެ ސަބަބުން ބާޒާރުތަކާއި ވިޔަފާރި ސަރަޙައްދުތަކަށް ކުއްލިއަކަށް މީހުން އެއްވެ ބާރުބޮޑުވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ދައުވާ ހުށަހެޅި ފަރާތުން ވަނީ އަމަންއަމާންކަން ގެއްލޭ ފަދަ ކަމެއް ހިނގިޔަނުދިނުމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްދިނުމަށާއި، އީދު ވިޔަފާރިއަށް ޚާއްޞަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ބާޒާރުތައް ބަންދުކޮށްފައި ބެހެއްޓުމަށް އިރުޝާދު ދިނުމަށް ވެސް އެދިފައެވެ.
ޕާކިސްތާން ސްޕޭސް އެންޑް އަޕަރ އެޓްމޮސްފިއަރ ރިސާޗް ކޮމިޝަން (ސުޕާކޯ) އިން ލަފާކޮށްފައިވާ ގޮތުގައި، މިއަހަރު 30 ރޯދައަށްފަހު ޕާކިސްތާނަށް ފިތުރު އީދު ވާނީ މާރިޗު 21 ވާ ހޮނިހިރަށެވެ.
"1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އައު ހަނދު އުފަންވާނެ ކަމަށް ބެލެވެނީ 19 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 06:23 (ޕާކިސްތާން ގަޑިން) ނެވެ." މި މަހުގެ ކުރީކޮޅު ސުޕާކޯއިން ބުނެފައިވެއެވެ.
އަދި 19 މާރިޗު 2026 ގެ އިރުއޮއްސޭ ވަގުތު، އައު ހަނދުގެ އުމުރަކީ ގާތްގަނޑަކަށް 12 ގަޑިއިރާއި 41 މިނެޓު ކަމަށާއި، ޕާކިސްތާނުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އިރުއޮއްސުމާއި ހަނދުއޮއްސުމާ ދެމެދު ގާތްގަނޑަކަށް 28 މިނެޓުގެ ފަރަގެއް ހުންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެވެ.
ފަލަކީ މި ހިސާބުތަކަށް ބަލާއިރު، މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުޞަތު "ކުޑަ" ކަމަށް ސުޕާކޯއިން ބުނެއެވެ.
އެހެންކަމުން، ބަރަކާތްތެރި ރަމަޟާން މަސް ނިމި، ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ނުވަތަ ފިތުރު އީދު ދުވަސް ވާނީ މާރިޗު 21 ވާ ހޮނިހިރު ދުވަހަށް ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، ހަނދު ފެނުމާއި މުޅި ޤައުމުގައި ފިތުރު އީދު ފެށޭނެ ދުވަހަކާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ޕާކިސްތާނުގެ މަރުކަޒީ ރޫޔަތޭ ހިލާލް ކޮމިޓީން ކަމަށް ސުޕާކޯއިން ބުންޏެވެ.



