އަލަށް އިސްލާމްވި ޔޫޝާ އީވަންސްގެ ހަޔާތުން ފެނިގެންދިޔަ އިބްރަތްތެރި ހާދިސާއެއް އޭނާ ވަނީ ދާދިފަހުން ހިއްސާކޮށްފައެވެ. ޖަލުން މިނިވަންވުމަށްފަހު ކޮންސްޓްރަކްޝަން މަސައްކަތެއްގައި އުޅެނިކޮށް ދިމާވި މި ހާދިސާއަކީ މާތްﷲ އަށްޓަކައި ކަމެއް ދޫކޮށްލުމުން އެކަލާނގެ ދެއްވާ މަތިވެރި ނިޢުމަތުގެ ހެކިލިބިގެންދާ ވާހަކައެކެވެ.
ޔޫޝާ ކިޔައިދިން ގޮތުގައި އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ސައިޓުގައި އުޅެނިކޮށް ހުކުރު ދުވަހު ހުކުރު ނަމާދަށް ދަނީކަމަށް އޭނާގެ ބޮސް ކައިރީގައި ބުންޏެވެ. ނަމަވެސް، މަސައްކަތް ކުރާ ސައިޓުން ބޭރަށް ދިއުމުގެ ހުއްދަ ނެތް ކަމަށާއި، ސައިޓުން ބޭރަށް ގޮސްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ބޮސް ދިނެވެ.
"އަހަރެން ބުނިން މިއީ ހުއްދައަށް އެދޭ އެދުމެއް ނޫނޭ، މިއީ އަހަރެން ކުރާނެ ކަމެއްގެ ވާހަކަ ބުނެލީއޭ،" ޔޫޝާ ބުންޏެވެ.
މި ހާލަތުގައި ޔޫޝާ އިޚްތިޔާރު ކުރީ ވަޒީފާގައި މަޑުކޮށް މާތްﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ބަދަލުގައި، ވަޒީފާ ދޫކޮށްލާފައި ހުކުރު ނަމާދަށް ދިއުމަށެވެ.
ޖަލުގައި ހޭދަކުރި ހަތަރު އަހަރު ދީން އުގެނުމުގައި ހޭދަކުރި ޔޫޝާ ބޭނުންވީ ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް ރަނގަޅު ގޮތް އިޚްތިޔާރު ކުރުމަށެވެ. އެހެންކަމުން ވަޒީފާ ދޫކޮށްލުމަށްފަހު އޭނާ ހުކުރަށް ދިޔައެވެ.
ހުކުރު ނަމާދުގައި ޔޫޝާ ވަނީ މާތްﷲގެ މަގުގައި ސާބިތުވެ ހުރުމަށް ކުރި މި އިޚްތިޔާރުގެ ސަބަބުން މަގު ދައްކަވައި، އެހީތެރިވެވޮޑިގަތުމަށް އެދި ދުޢާކޮށްފައެވެ.
ނަމާދު ނިމިގެން މިސްކިތުން ފޭބި ވަގުތު ޒުވާނަކު އޭނާއާ ބައްދަލުކޮށް ވަޒީފާއެއް ބޭނުންތޯ ސުވާލުކުރިއެވެ. އަދި އޭނާ ޒުވާނާއަށް ބުނެލިއެވެ. ހުކުރު ނަމާދަށް އައުމުގެ ކުރިން އޭނާގެ ވަޒީފާއެއް އޮތެވެ. މިހާރު އޭނާއަށް އެ ވަޒީފާ ވަނީ ގެއްލި ފައެވެ،.
އެ ޒުވާނާގެ ބައްޕައަކީ އެ މިސްކިތުގެ އިމާމެވެ. ޔޫޝާ ވަގުތުން އެ ވަޒީފާއަށް އެއްބަސްވިއެވެ.
އާ ވަޒީފާއަކީ ޕިއްޒާ ފިހާރައެއްގައި މަސައްކަތް ކުރުމަސް ލިބުނު ވަޒީފާއެކެވެ. ހައިރާންވާންޖެހޭ ކަމަކީ، އައު ވަޒީފާއިން ލިބޭ މުސާރައަކީ ކުރީގެ ކޮންސްޓްރަކްޝަން ވަޒީފާއިން ލިބޭ މުސާރައަށްވުރެ ދެގުނަ ބޮޑު މުސާރައަކަށް ވުމެވެ. ޔޫޝާ ފާހަގަކުރި ގޮތުގައި ކުރީގެ ވަޒީފާ ދޫކޮށްލިތާ އެންމެ ދެ ގަޑިއިރުގެ ތެރޭގައި މާތްﷲ އޭނާއަށް މާ ރަނގަޅު މަގެއް ދައްކަވައިފިއެވެ.
وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا﴿٢﴾
އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا ﴿٣﴾
އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.
ޔޫޝާ އީވަންސްގެ މި ވާހަކައަކީ މާތްﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކު ކަމެއް ކުރާ މީހަކަށް އެކަލާނގެ މަގު ދައްކަވާނެ ކަމުގެ ދިރިހުރި މިސާލެކެވެ. "ރަނގަޅު ގޮތް އިޚްތިޔާރު ކުރުމަކީ ބައެއް ފަހަރު ބިރުވެރި ކަމަކަށް ވެދާނެ، ނަމަވެސް އެއީ އަހަރެންގެ ހަޔާތުގައި ދުށް އެންމެ ހެޔޮ ދުވަސްތަކުގެ ތެރޭން ދުވަހެއް،" ޔޫޝާ އޭނާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.







