ގެލަޕް ޕާކިސްތާނުން ގައުމީ ސާވޭގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޕާކިސްތާނުގެ 5 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް %28 ކުދިން ސްކޫލަކަށް ނުދެއެވެ. އަދި ފިރިހެން ކުދިންނާ އަޅާބަލާއިރު އަންހެން ކުދިންނަށް މިކަމުގެ ނޭދެވޭ އަސަރު މާ ބޮޑަށް ކުރާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
2024-25 ގެ ޕާކިސްތާން ސޯޝަލް އެންޑް ލިވިންގް ސްޓޭންޑަޑްސް މެޝަރމަންޓް ސާވޭ އާއި ހައުސްހޯލްޑް އިންޓަގްރޭޓެޑް އިކޮނޮމިކް ސާވޭގެ މައްޗަށް ބިނާކޮށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، %34 އަންހެން ކުދިން ސްކޫލަށް ނުދާއިރު، ފިރިހެން ކުދިންގެ ތެރެއިން ސްކޫލަށް ނުދަނީ %22 ކުދިންނެވެ. މިއީ މުޅި ގައުމުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަކުގައި ޖިންސީ ގޮތުން އޮތް ބޮޑު ތަފާތުކުރުންތަކެއްކަން ހާމަކޮށްދޭ ކަމެކެވެ.
މި ދިރާސާއަކީ ޕާކިސްތާން ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެއްކުރި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް، ގެލަޕް ޕާކިސްތާނުގެ ޑިޖިޓަލް އެނަލިޓިކްސް ޑޭޝްބޯޑް މެދުވެރިކޮށް ދިރާސާކޮށްފައިވާ ތަފާސްހިސާބުތަކެކެވެ. މީގެ ސަބަބުން އެ ގައުމުގެ ތައުލީމީ ހާލަތާއި، ދެމިގެންވާ ތަފާތުކުރުންތަކުގެ ފުރިހަމަ މަންޒަރެއް ފެނިގެންދެއެވެ.

ޖިއޮގްރަފީ ގޮތުން ހުރި ތަފާތުތައް ވެސް ވަރަށް ބޮޑެވެ. ރަށްފުށުގެ ސަރަހައްދުތަކުގައި %34 ކުދިން ސްކޫލަށް ނުދެއެވެ. ސިޓީތަކުގައި ސްކޫލަށް ނުދާ %18 ކުދިން އުޅެއެވެ. ދިރާސާގައި ފާހަގަކުރާ ގޮތުގައި، ރަށްފުށުގެ އަންހެން ކުދިންނަކީ އެންމެ ބޮޑަށް މިކަމުގެ އަސަރުކުރާ ފަރާތްތަކެވެ. މިއީ ޖިންސީ ތަފާތުކުރުންތަކާއި ދިރިއުޅޭ ސަރަހައްދުގެ ސަބަބުން ކުރިމަތިވާ ދަތިތައް އެކުވުމުން ކުރިމަތިވާ ނަތީޖާއެކެވެ. މި ގޮންޖެހުންތަކާ އެކުވެސް، ޒަމާނަށް އައި ބަދަލާއެކު ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ވަނީ ފުޅާވެފައެވެ.
ގައުމީ ފެންވަރުގައި، 10 އަހަރާއި އެއަށްވުރެ މަތީގެ އުމުރުފުރާގެ މީހުންގެ ތެރެއިން %67 މީހުން ކޮންމެވެސް މަރުހަލާއެއްގައި ސްކޫލަށް ގޮސްފައިވެއެވެ. ނަމަވެސް، ތަފާތުތައް އަދިވެސް ބޮޑެވެ. ފިރިހެނުންގެ ތެރެއިން %78 މީހުން ސްކޫލަށް ގޮސްފައިވާއިރު، އަންހެނުންގެ ތެރެއިން މި އަދަދު އުޅެނީ އެންމެ %56 ގައެވެ. އަދި ސިޓީތަކުގައި މި އަދަދު %81 ގައި ހުރިއިރު، ރަށްފުށުގައި މިއީ %61 އެވެ. މިއީ ތައުލީމީ ފުރުސަތުތަކުގައި އޮތް ސާފު ތަފާތުކުރުމެކެވެ.
ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތުން ވެސް މިފަދަ ތަފާތުތަކެއް ފެނެއެވެ. ގައުމީ ފެންވަރުގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ %63 އެވެ. ނަމަވެސް ފިރިހެނުންގެ ތެރޭގައި މިއީ %73 ކަމަށްވާއިރު، އަންހެނުންގެ ތެރޭގައި މިއީ އެންމެ %52 އެވެ. ސިޓީތަކުގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް %77 ގައި ހުރިއިރު، ރަށްފުށުގައި މިއީ %56 އެވެ. ޕްރޮވިންސްތަކުގެ މެދުގައި ވެސް ބޮޑެތި ތަފާތުތަކެއް ހުރި އިރު، ޕަންޖާބުގައި މި އަދަދު %66 ގައި ހުރި ނަމަވެސް ބަލޮޗިސްތާނުގައި މިއީ އެންމެ %43 އެވެ.
މީގެ އިތުރުން، ތައުލީމީ ނިޒާމުގެ ތެރޭގައި ދަރިވަރުން ދެމިތިބުމާއި ކުރިއަށް ދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ. ޕްރައިމަރީ ސްކޫލް (6-10 އަހަރު) ގައި ބައިވެރިވާ ކުދިންގެ ނިސްބަތް %68 ގައި ހުރި ނަމަވެސް، މަތީ މަރުހަލާތަކަށް ދާއިރު މި އަދަދު ވަރަށް ބޮޑަށް ދަށަށްދެއެވެ. އެގޮތުން މިޑްލް ސްކޫލް (11-13 އަހަރު) ގައި %40 އަށް އަދި މެޓްރިކް ފެންވަރުގައި (14-15 އަހަރު) %30 އަށް މި އަދަދު ދަށަށްދެއެވެ. މިއީ ގިނަ އަދަދެއްގެ ދަރިވަރުން ފެށުމުގެ މަރުހަލާއަށްފަހު ތައުލީމު ކުރިއަށް ނުގެންދާކަން އަންގައިދޭ ކަމެކެވެ.
ތައުލީމީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، މި ހިސާބުތަކުން ދައްކައިދެނީ އޮނިގަނޑުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކެކެވެ. ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އިތުރުވި ނަމަވެސް، އެއީ ހަމަހަމަ ފުރުސަތުތަކަކަށް ނުވާކަމާއި، ގިނަ ދުވަހު ސްކޫލުގައި ދަރިވަރުން މަޑުނުކުރާކަން މީގެން އެނގެއެވެ. ނިޒާމުގެ ތެރޭގައި ހުރި ހުރަސްތަކުގެ ސަބަބުން، ހާއްސަކޮށް އަންހެން ކުދިންނާއި ރަށްފުށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންނަށް އޮތް ފުރުސަތުތައް ހަނިވަމުންދާކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ.




