ކެންޔާއިން 2،000 އަށްވުރެ ގިނަ ދިރޭ ކަނޑާ (ކުއީން ގާޑަން އޭންޓްސް) ވަގަށް ބޭރުކުރަން އުޅުނު ޗައިނާ މީހަކާއި އޭނާއަށް އެހީތެރިވި ކެންޔާގެ މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޗައިނާގެ ރައްޔިތެއް ކަމަށްވާ ޒަންގް ކެގުން އެވެ. އޭނާ ހައްޔަރުކުރީ ކެންޔާގެ ވެރިރަށް ނައިރޯބީގެ ބައިނަލްއަގުވާމީ އެއާޕޯޓުން މިދިޔަ ހަފުތާގައެވެ. އޭނާގެ ދަބަސް ފާސްކުރިއިރު، ޓެސްޓް ޓިއުބުތަކަށް ލައި އަދި ޓިޝޫއިން އޮޅާފައި ހުރި ގިނަ އަދަދެއްގެ ކަނޑާ ފެނިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ނައިރޯބީގެ ކޯޓެއްގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ހާމަވި ގޮތުގައި، ޒަންގް މި ކަނޑާތައް ގަނެފައިވަނީ ކެންޔާގެ ރައްޔިތެއް ކަމަށްވާ ޗާލްސް މުވަންގީގެ އަތުންނެވެ. އޭނާ ކަނޑާ ގަނެފައިވަނީ ކޮންމެ 100 ކަނޑައަކަށް 10،000 ކެންޔާ ޝިލިންގް (ގާތްގަނޑަކަށް 77 ޑޮލަރު) ގެ ރޭޓުންނެވެ.

ކެންޔާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ޔޫރަޕާއި އޭޝިއާގެ ގައުމުތަކުގައި ކަނޑާ ފަދަ ސޫފިތައް އޮޅުކޮށްގެން ގެންގުޅޭ މީހުންގެ މެދުގައި މި ބާވަތުގެ ކަނޑާއަށް އޮންނަ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ. ޒަންގް މި ކަނޑާތައް ގެންދަން އުޅުނީ ޗައިނާއަށް ކަމަށް އޮފިޝަލުން ބުނެއެވެ.
މި ދެ މީހުންގެ މައްޗަށް ވަނީ ޖިނާއީ ކުށެއް ކުރުމަށް ރޭވުމުގެ ދައުވާވެސް އުފުލާފައެވެ. އަދި މުވަންގީގެ މައްޗަށް ވަނީ އިތުރު މައްސަލައެއްގައި ވެސް ދިރޭ ކަނޑާ ގެންގުޅުނު ކަމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް، ކޯޓުގައި މި ދެ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ޒަންގްގެ ވަކީލު ޑޭވިޑް ލުސްވެޓީ ކޯޓުގައި ވިދާޅުވީ، އެމީހުން އެކުރަނީ ގާނޫނާ ޚިލާފު ކަމެއްކަން އެމީހުންނަށް ނޭނގޭ ކަމަށެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން މި ދެ މީހުން ތިބީ ބަންދުގައެވެ.



