ލައިލަތުލް ޤަދްރި ވިލޭރޭ ޕާކިސްތާނުގެ ވައިގެ ސިފައިން އަފްޣާނިސްތާނުގެ ކާބުލްގައި ހުރި މަސްތުވާތަކެތިން ފަރުވާދޭ މަރުކަޒަކަށް ބޮން އަޅައި 400 އަށް ވުރެން ގިނަ ބަލި މީހުން މަރާލި މައްސަލާގައި، މިސްރުގެ އަލްއަޒުހަރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ވަނީ ބުނެފައެވެ.
އަލްއަޒުހަރުން ނެރުނު ބަޔާނެއްގައި މި ހަމަލާއަކީ "ފައްކާ ޖަރީމާއެއް" ގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އިސްލާމީ ޝަރީއަތުގައި ބަލިމީހުންނާއި ސިއްހީ މަރުކަޒުތަކަށް ހަމަލާދިނުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށާއި، އިންސާނީ ފުރާނައިގެ ހުރުމަތް ރައްކާތެރިކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއްކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ. ޕާކިސްތާނުން ވަނީ ރޯދަ މަސް ފެށުނީއްސުރެން ރޯދަ ކުރުކުރުމަށާއި ތަރާވީހު އަދި ހާރު ދަމު އަފްޣާނިސްތާނަށް އުދުވާނީ ހަމަލަދީ ބޮން އެޅުމަކީ އެމީހުންގެ އެންމެ މުހިންމު ކަމުގައި ހަދާފައެވެ.

އަޒުހަރުން ބުނީ، ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އާންމު ރައްޔިތުންގެ ފުރާނަ ގެއްލިގެން ދިއުމަކީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ. މި ހަމަލާ ދިން ވަގުތުގެ ސަބަބުން މި ޖަރީމާގެ ނުރައްކާތެރިކަން ބޮޑުވެގެންދާ ކަމަށާއި، މިއީ އިސްލާމްދީނުގެ ރަހުމާއި ހަމްދަރުދީގެ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ހުއްޓާލުމަށާއި، އިންސާނިއްޔަތުކަމާއި އެއްބައިވަންތަކަމުގެ އަގުތަކަށް އިހުތިރާމް ކުރުމަށް އަލްއަޒުހަރުން ވަނީ ޕާކިސްތާން ސަރުކާރަށް ގޮވާލާފައެވެ. އަދި މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށް، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.
އަފްޣާން ސަރުކާރުން ބުނާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ލައިލަތުލްޤަދްރުި ވިލޭރޭ ޕާކިސްތާނުން ހިންގި ގަތުލުއާންމަކީ މިހާތަނަށް ހިންގި އެންމެ ނުރައްކާތެރި ހާދިސާއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެގައުމުގެ ސިފައިން ހަމަލާދިނީ ސީދާ އަސްކަރީ މަރުކަޒުތަކަށާއި ޓެރަރިސްޓުންނަށް އެހީތެރިވާ އިންފްރާސްޓްރަކްޗާތަކަށެވެ. ނަމަވެސް މަރުވީ ހަސްފަތާލުގައި ތިބި ބަލި މީހުންނެވެ.




