މަޢުލޫމާތު ހުރި ތިން މަސްދަރަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ދިރިއުޅުއްވާ ވޮޝިންޓަންގެ ފޯޓް މެކްނެއާ ބޭސް މަތިން ގޮތް ނޭނގޭ ޑްރޯންތަކެއް އުދުހެނިކޮށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މި ޑްރޯންތަކަކީ ކޮން ބައެއްގެ އެއްޗެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާތީ، ކުރިމަތިވެދާނެ ނުރައްކާތަކަށް ސިފައިން ވަރަށް ގާތުން ފާރަވެރިވަމުންދާ ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އެއް ރެއެއްގެ ތެރޭގައި އެ ބޭސް މަތިން އެތައް ޑްރޯންތަކެއް ފެނިފައިވެއެވެ. މިއާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ދެވިދާނެ ރައްދު ހަމަލާއަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވައިޓް ހައުސްގައި ބައްދަލުވުމެއް ބާއްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ، ކުރިމަތިވެދާނެ ނުރައްކާތަކަކަށްޓަކައި އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކަށް ދުނިޔޭގެ ފެންވަރުގައި ސަލާމަތީ އިންޒާރު ނެރެ، އެ ގައުމުގެ އެތެރޭގެ ބައެއް އަސްކަރީ މަރުކަޒުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރިޕޯޓުގައިވާ ގޮތުން ނިއު ޖާޒީގެ ޖޮއިންޓް މެކްގުއާ ޑިކްސް ލޭކްހަރސްޓް ބޭސް އާއި ފްލޮރިޑާގެ މެކްޑިލް އެއާފޯސް ބޭސްގެ ސަލާމަތީ ދަރަޖަ ވަނީ "ޗާލީ" ފެނަވަރަށް މަތިކޮށްފައެވެ. މިއީ ހަމަލާއެއް ދީފާނެ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބުމުން ކަނޑައަޅާ ދަރަޖައެކެވެ.
މަޢުލޫމާތު ހުރި މަސްދަރުތަކުން ބުނި ގޮތުގައި، ރޫބިއޯ އާއި ހެގްސެތު އެ ބޭސްއިން އެހެން ތަނަކަށް ބަދަލުކުރުމާ މެދު ސަރުކާރުން މަޝްވަރާ ކުރިއެވެ. ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި އެ ދެ ވަޒީރުން އެހެން ތަނަކަށް ބަދަލެއް ނުކުރެއެވެ. އެ ބޭފުޅުން އެ ބޭސްގައި ދިރިއުޅުއްވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުއެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ބާނެލް ޑްރޯންތަކާ ބެހޭގޮތުން އެއްޗެއް ބުނަން އިންކާރު ކުރައްވަމުން ވިދާޅުވީ، "ސަލާމަތީ ސަބަބުތަކަށްޓަކައި ވަޒީރުންގެ ހަރަކާތްތަކާ ބެހޭގޮތުން ވުޒާރާއަށް އެއްޗެއް ނުބުނެވޭނެ ކަމަށާއި، އެފަދަ މަޢުލޫމާތުތައް ޝާއިޢުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް" ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މި ހަފުތާގައި މެކްޑިލް ބޭސް ދެ ފަހަރެއްގެ މަތިން ބަންދުކޮށްފައިވާއިރު، ހޯމަ ދުވަހު ފެނުނު ޝައްކުކުރެވޭ ފޮއްޓަކާ ގުޅިގެން އެފް.ބީ.އައި އިން ވަނީ ތަޙުޤީޤު ހިންގާފައެވެ. އަދި އިއްޔެ ބުދަ ދުވަހު، ގޮތް ނޭނގޭ ސަލާމަތީ ހާދިސާއަކާ ގުޅިގެން އެ ބޭސްގައި ތިބި މީހުން ތިބި ތަނުން ނުގުޑުމަށް އެތައް ގަޑިއިރަކަށް އަމުރުކޮށްފައިވެއެވެ.
އެމެރިކާގެ ވެރިންގެ ހިތްތަކުގައި ބިރުވެރިކަން ވަނީ ރަނގަޅަށް އިންދާލެވިފައެވެ!





