ރާއްޖެއަށް ދަތުރުކުރި ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައެވެ. މި މީހާގެ އަމަލުތަކުގެ ސަބަބުން އެ ފްލައިޓްގެ އޮޕަރޭޝަނަށް ބުރޫއަރައި، ދަތުރުވެރިންނަށާއި ކެބިން ކްރޫންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެއެވެ.

ފްލައިޓްގެ ތެރޭގައި މި މީހާ ހަމަނުޖެހުން ހިންގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، ހައްޔަރުކުރި މީހާގެ ވަނަވަރާއި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


