މެދުއިރުމަތީގައި މަސްރަހު ގޯސްވަމުންދާއިރު، ޕާކިސްތާނުން ގެންގުޅޭ މަޑުމައިތިރި ސިޔާސަތުގެ ސަބަބުން، ސައޫދީ އަރަބިއްޔާއާއެކު އެގައުމުން ގާއިމުކޮށްފައިވާ ދިފާއީ އެއްބަސްވުމުގެ ބާރާއި އިތުބާރާމެދު އާ ސުވާލުތަކެއް އުފެދެން ފަށައިފިއެވެ. ނޭޓޯގެ އުސޫލުން އެއް ގައުމަށް ދޭ ހަމަލާއަކީ ދެގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ އިޝްތިހާރުކުރި މި އެއްބަސްވުން މިހާރު ވަނީ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިފައެވެ.
ސައޫދީ ޕާކިސްތާން ސްޓްރެޓީޖިކް މިލިޓަރީ ޑިފެންސް އެގްރީމަންޓަކީ ވަރަށް ކުލަގަދަކޮށް ސޮއިކުރެވުނު، އަދި ސައޫދީގެ ސަލާމަތީ ކަންކަމުގައި ޕާކިސްތާނަކީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދައްކުވައިދިން އެއްބަސްވުމެކެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޓެރަރިސްޓް ހަމަލާތަކާއި އަދި އޭގެ ރައްދު ދިފާއީ ހަމަލާތަކާ ގުޅިގެން، ގަލްފުގެ ގައުމުތަކަށާއި ސައޫދީއަށް އަމާޒުވި ހަމަލާތަކުގައި ޕާކިސްތާނުގެ އަސްކަރީ އެހީތެރިކަމެއް ފެނިފައެއް ނުވެއެވެ.

ޕާކިސްތާނުން މިވަގުތު އިސްކަންދެމުންދަނީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް 115,000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އިސްލާމްއާބާދުން ބުނާ ގޮތުގައި އެގައުމުގެ ހުޅަނގު ބޯޑަރުގެ ނާމާންކަމަކީ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
ޕާކިސްތާނުގެ މި އަމަލުތަކުގެ ސަބަބުން ރިޔާޒުގެ ކަންބޮޑުވުންތައް އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ. ސައޫދީން ވަނީ އެގައުމުގެ ދިފާއީ ނިޒާމުގެ މުހިންމު ބައެއްގެ ގޮތުގައި ޕާކިސްތާން ބަލާފައެވެ. ނަމަވެސް މިހާރުގެ ހާލަތުން ދޭހަވަނީ ޕާކިސްތާނުގެ އެހީތެރިކަމަކީ ހަމައެކަނި ރަމްޒީ ކަމެއްގެ ގޮތުގައެވެ. މީގެ ސަބަބުން ސައޫދީން ހުޅަނގުގެ ބާރުތަކާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދިފާއީ އާ ބައިވެރިން ހޯދުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ޕާކިސްތާނުން ގެންގުޅޭ ރައްކާތެރި ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ސުއާލު އުފެއްދުމަކީ އެކަށީގެންވާ ކަމެކެވެ. އިގްތިސާދީ ދަތިކަމާއި، ސިޔާސީ ނާމާން ކަން އަދި އަފްޣާން ބޯޑަރުގެ މައްސަލަތަކަކީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެކެވެ. ނަމަވެސް، މީގެ ސަބަބުން ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އޮތް އިތުބާރު ގެއްލިގެންދާނެއެވެ.





