މެދުއިރުމަތީގައި އެމެރިކާ ހިންގަމުންދާ ޓެރަރިސްޓް އަމަލުތަކާ ގުޅިގެން ކުރިމަތިވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން، ހަކަތަ އިގްތިސާދު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުމަށް ޕާކިސްތާން ސަރުކާރުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރް އާއި ޕެޓްރޯލިއަމް މިނިސްޓަރު އަލީ ޕަރްވޭޒް މާލިކް ވަނީ، ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. މި ބައްދަލުވުން ބާއްވާފައި މިވަނީ، ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރުމަށް ހުށަހެޅި ހުށަހެޅުންތައް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިއްޔެ ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރުން އިންޒާރު ދެއްވިއެވެ. "ކުރިއަށް އޮތް ތަނުގައި އަގުތައް މަތިވުމަކީ އެކަށީގެންވާ ކަމެއް،" މިނިސްޓަރުން ވިދާޅުވިއެވެ. އަދި މިހާރު ހުރި ތެލުގެ ރިޒާވް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އިންފޮމޭޝަން މިނިސްޓަރު ތަރާރް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުނު ނަމަވެސް ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ހަފުތާގައި ޕެޓްރޯލުން 150 ރުޕީސް އަދި ޑީސަލުން 250 ރުޕީސް ބޮޑުވިޔަނުދީ ހިފަހައްޓާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕެޓްރޯލިއަމް މިނިސްޓަރު މާލިކް ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ޓީމުން ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، ސަރުކާރުގެ އިސްވެރިންނަށް ލިބޭ އިނާޔަތްތައް ވެސް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.




