މެދުއިރުމަތީގައި ކުރިއަށްދާ ހަމަލަތައް ވަގުތުން ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފިއެވެ. ތިން ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނައިރު، މީގެ ސަބަބުން ދުނިޔޭގެ ހަކަތައާއި، މުދާ އުފުލުމާއި އަދި ވިޔަފާރިއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ޗައިނާއިން ވަނީ ދީފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ، ބާރުގެ ބޭނުންކުރުމަކީ މައްސަލަތަކުގެ ހައްލެއް ނޫންކަން ތާރީޚާއި ހަގީގަތުން ތަކުރާރުކޮށް ދުނިޔެއަށް ސާބިތުވެފައިވާ ކަމަށެވެ. "ހަނގުރާމަތަކުގެ ސަބަބުން އުފެދޭނީ އާ ނަފުރަތުތަކެއް،" ރަމަޟާން މަސް ނިމުމާ ގުޅިގެން މުސްލިމް މުޖުތަމައުތަކަށް ދޭނެ މެސެޖަކީ ކޮބައިތޯ ސުވާލުކުރުމުން ލިން ވިދާޅުވިއެވެ.

މެދުއިރުމަތީގައި އެމެރިކާއިން ފުޅާކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމުތަކެއްގެ މަސްލަހަތަށް ގެއްލުންވާނެ ކަމަށް ލިން ވިދާޅުވިއެވެ. ޗައިނާގެ ސިޔާސަތު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ، ގަލްފު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި، އެ ސަރަހައްދުން ބޭރުކުރާ ހަކަތައިގެ ވަސީލަތްތަކަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށެވެ.
ޗައިނާއިން މި މޭރުމުން ވާހަކަދައްކާފައިވަނީ އިރާގު ހަނގުރާމައަށް 23 އަހަރު ފުރުނު ދުވަހުއެވެ. 2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އިރާގަށް އެރީ ސައްދާމް ހުސައިންގެ ސަރުކާރުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ދޮގުހަދަމުންނެވެ. ނަމަވެސް އެ ހަނގުރާމައިގެ ސަބަބުން އެތައް އަހަރެއްގެ ހަލަބޮލިކަމާއި ނުތަނަވަސްކަން އުފެދި، ދާއިޝް ފަދަ ހަރުކަށި ޖަމާއަތްތައް އުފެއްދުމަށް އެމެރިކާއިން މަގުފަހިކޮށްދިނެވެ.






