ޕާކިސްތާންގެ ޝިއީން ފީލްޑް މާޝަލް އާސިމް މުނީރަށް ފާޑުކިޔައިފި

އީރާނަށް ތާއީދުކުރާ ފަރާތްތަކަށް އިންޒާރުދެއްވަމުން ޕާކިސްތާނުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު، ވަނީ އީރާނަށް ހަމްދަރުދީވާ މީހުން އީރާނަށް ދިއުމަށް އަންގަވާފައެވެ. އެ ކަމާ ގުޅިގެން، ޕާކިސްތާނުގެ ޝީޢީ ދީނީ އިލްމުވެރިންގެ މެދުގައި އޭނާއާ މެދު ނަފްރަތާއި ކޯފާވެރިކަމެއް ވަނީ އުފެދިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދީނީ އިލްމުވެރިންނާއި ޝީޢީ ލީޑަރުންނާ ބައްދަލުކުރައްވައި އާސިމް މުނީރު ދެއްކެވި ވާހަކަތަކަށް، މި ހުކުރު ދުވަހުގެ ޚުޠުބާތަކުގައި ޝީޢީ އިލްމުވެރިންނާއި އިމާމުން ވަނީ އަލިއަޅުވާލާފައެވެ. އެ ބައްދަލުވުމުގައި މުނީރު ވިދާޅުވީ، ރިޔާޟުން އެދިއްޖެ ނަމަ، ސައުދީ އަރަބިއްޔާއާއި އިސްލާމްއާބާދާ ދެމެދު އޮތް ދިފާއީ އެއްބަސްވުމުގެ ދަށުން، އީރާނާ ދެކޮޅަށް ޕާކިސްތާނު ސިފައިން ތިބޭނީ ސައުދީގެ ދިފާއުގައި ކަމަށެވެ.

ޝީޢީ އިލްމުވެރިން އެ ބޭފުޅުންގެ ޚުޠުބާތަކުގައި ބަޔާންކުރެއްވި ގޮތުގައި، ސިފައިންގެ ވެރިޔާ އަދި ގައުމުގެ އެންމެ މަތީ ވެރިޔާ މި ވާހަކަދެއްކެވީ ޝީއީންނަށް ވަރަށް ބޮޑަށް އިހާނެތިވާ ގޮތަށެވެ. އަދި ބިރުދެއްކުމުގެ ރާގެއްގައެވެ. އަދި އީރާނުގެ ސިޔާސަތުތަކުގެ ދިފާއުގައި ޕާކިސްތާނުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް އޭނާ ވަނީ ޝީއީންނަށް އިންޒާރު ދެއްވާފައެވެ.

ޕާކިސްތާނުގެ ޝީޢީ ލީޑަރެއް ކަމަށްވާ ޢައްލާމާ ނާޞިރު ޙުސައިން ޢައްބާސް އޭނާގެ ހުކުރު ޚުޠުބާގައި ވިދާޅުވީ،

"ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު އަޅުގަނޑުމެންނަށް ބުރާސްފަތި ދުވަހުގެ ރޯދަވީއްލުމަކަށް ދައުވަތު ދެއްވި" ކަމަށާއި، "ރޯދަވީއްލުމުގެ ކުރިން އެއްގަޑިއިރު ވަންދެން އޭނާ ވާހަކަދެއްކެވިއިރު، މުޅި ވާހަކަ ބިނާކުރެއްވީ އީރާނުގެ މަސްރަހުގެ މައްޗަށް" ކަމަށެވެ. އަދި އޭނާގެ ވާހަކައިގެ ފެށުމުން ނިމުމާ ހަމައަށް އޮތީ ޝީޢީ މަދުބަޔަކަށް ބިރުދެއްކުމާއި އިންޒާރު ދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބައެއް އިލްމުވެރިން ވާހަކައިގެ މެދުތެރެއިން ސުވާލުކުރަން އުޅުމުން، އެ ފުރުސަތު ދިނުމަށް އޭނާ އިންކާރު ކުރެއްވި ކަމަށްވެސް ޢައްބާސް ހާމަކުރެއްވިއެވެ.

އަލްޢައްލާމާ ނާޞިރު ޢައްބާސް އިތުރަށް ވިދާޅުވީ، ސިފައިންގެ ވެރިޔާ އެތަނުގައި ދަންނަބޭކަލުންނަށް ވާހަކަދެއްކުމުގެ ފުރުސަތެއް ނުދެއްވި ކަމަށެވެ.

"އީރާނަށް ހަމްދަރުދީވާ މީހުން އެ ގައުމަށް ދާން ތިބާ ބުނާ ކަމަށްވާނަމަ، އަޅުގަނޑު ބުނާނީ އެމެރިކާއާއި އިސްރާއީލަށް ހަމްދަރުދީވާ މީހުން އެ ގައުމުތަކަށް ދާންޖެހޭނެ ކަމަށް،" ނާޞިރު ޢައްބާސް ވިދާޅުވިއެވެ. އަދި ޝީޢީންނަކީ މި ގައުމުގެ ދަރިން ކަމަށާއި، ގައުމު ދޫކޮށް އީރާނަށް ދިއުމަށް އެންގުމުގެ އެއްވެސް ބާރެއް އަސީމު މުނީރަށްވެސް އަދި އެހެން މީހަކަށް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ ސައްޔިދު ޙަސްނައިން ކުރުދީޒީ އޭނާގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޝީޢީ އިލްމުވެރިންނަށް ދައުވަތު ދެއްވީ އާ އެންގުންތަކާއި އިރުޝާދުތައް ދެއްވުމަށް ކަމަށާއި، އޭގެ ތެރޭގައި ބިރުދެއްކުމާއި އިންޒާރުތައް ހިމެނޭ ކަމަށެވެ. އީރާނަށް ފާޑުކިޔުމުގެ އިތުރުން، އީރާނުގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ޕާކިސްތާނުގެ ޝީޢީ ޕާޓީތަކުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ މެދު އާސިމް މުނީރު ވަރަށް ބޮޑަށް ކޯފާވެފައިވާ ކަމަށް ކުރުދީޒީ ވިދާޅުވިއެވެ. އަދި އެ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރެވުނު ޒުވާނުން މަދަނީ ކޯޓުތަކުގެ ބަދަލުގައި އަސްކަރީ ކޯޓުތަކަށް ހުށަހެޅުމަށް މުނީރު އަމުރުކުރައްވާފައިވާ ކަމަށާއި، ކުރިމަގުގައި އަސްކަރީ މަރުކަޒުތަކާ ކައިރިވާ ކޮންމެ މީހަކަށް ސީދާ ބަޑިޖެހުމަށް ސިފައިންނަށް އަމުރުކުރައްވާފައިވާ ކަމަށްވެސް އާސިމް މުނީރު ވިދާޅުވިއެވެ.

އަނެއްކޮޅުން، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ އެހީތެރިޔާ ޝަހްބާޒް ގިލް ވިދާޅުވީ، ޕާކިސްތާނު މަގުން، ވަކިން ހާއްސަކޮށް ބަލޫޗިސްތާން ޕްރޮވިންސް މެދުވެރިކޮށް އެމެރިކާ ސިފައިން އީރާނަށް ވަނުމަށް ވޮޝިންޓަނާއި އިސްލާމްއާބާދާ ދެމެދު އެއްބަސްވުމެއް އޮތް ކަމަށެވެ.

"ސައުދީއާއެކު އޮތް ދިފާއީ އެއްބަސްވުމުގެ ނިވާފަތްގަނޑުގައި ޕާކިސްތާނު މި ހަނގުރާމައިގެ ތެރެއަށް ވަންނާނެ، ނަމަވެސް އަސްލު ހަގީގަތަކީ އެމެރިކާ އެކަން ބޭނުންވާކަން، އަދި އެކަމަށް މަގުފަހިކުރުމަށް ސިފައިންގެ ވެރިޔާއަށް އަމުރުކުރީ އެމެރިކާ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ގިލް ވިދާޅުވީ، ސިފައިންގެ ވެރިޔާ ބޭނުންވީ ޝީޢީ އިލްމުވެރިންނަށް އިހާނެތިކޮށް ހިތައި އިންޒާރުގެ މެސެޖުތަކެއް ދިނުމަށް ކަމަށާއި، އޭނާ ވާހަކަދެއްކެވި އިރު އެއްވެސް މީހަކަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދެއްވާ ކަމަށެވެ. އާސިމް މުނިރު އިލްމުވެރިންނަށް އެއްވެސް ސަމާލުކަމެއް ނުދެއްވައި އެތަނުން ނުކުމެވަޑައިގަތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!