ހިޖުރީ ސައްތައިގެ ހަވަނަ ގަރުނާ ހަމައަށް، ސައްޔިދާ އާއިޝާގެފާނުގެ މަގުބަރާ ހުރީ އާދައިގެ ޒިޔާރަތެއްގެ ގޮތުގައެވެ. އެކަމަނާއަކީ އިމާމް ޖަޢުފަރުއްޞާދިގު ބިން މުޙައްމަދުލް ބާޤިރު ބިން ޢަލީ ޒައިނުލްޢާބިދީން ބިން އަލްޙުސައިން ބިން ޢަލީ ބިން އަބީޠާލިބްގެ ދަރިކަނބަލުންނެވެ. އަދި އެކަމަނާއަކީ މޫސާ އަލްކާޡިމްގެ އުޚުތެވެ. އެކަމަނާގެ މަގްބަރާއަކީ އަކަބުރެއްގެ ސިފައިގައި ހުރި ކޮޓަރިއަކާއި، އޭގެ މަތީގައިވާ ގުއްބަކާ އެކު ހަދާފައިވާ ބިނާއެކެވެ.
މިސްރުގެ އައްޔޫބީ ދައުރުގައި، މި ގުއްބުގެ ކައިރީގައި މަދަރުސާއެއް ބިނާކުރެވުނެވެ. އެގޮތުން ޞަލާޙުއްދީން އަލްއައްޔޫބީ މިޞްރުގެ މުސްލިމް ހަތަރު ވެރިރަށް ކަމަށްވާ ފުސްޠާޠު، އަލްޢަސްކަރު، އަލްޤަޠާއިޢު އަދި ޤާހިރާ އެއްކޮށްލައި ވަށާލައި، އެއް ފާރަކުން މުޅި ސަރަހައްދު ރައްކާތެރިކުރެއްވިއެވެ.

ޞަލީބީންގެ ހަމަލާތަކަށްފަހު، މި ފާރުގެ ސަބަބުން ސައްޔިދާ އާއިޝާގެ ގުއްބު އެހެން ސަރަހައްދުތަކާ ވަކިވުމުން، ޞަލާޙުއްދީން ނިންމެވީ އެ ގުއްބުގެ ކައިރީގައި މަދަރުސާއެއް ބިނާކުރެއްވުމަށެވެ. އަދި އެ ފާރުން "ބާބުއް ސައްޔިދާ އާއިޝާ" ގެ ނަމުން ނަންދެވުނު ދޮރާށްޓެއް ހުޅުއްވިއެވެ. މިއީ ގަބުރުސްތާނާ ދިމާއަށް ދާން އޮންނަ "ބާބުލް އަރާފާ" ގެ ނަމުންވެސް މަޝްހޫރު ދޮރާށްޓެވެ.
މިހާރު މި މިސްކިތް ހުންނަނީ ޤާހިރާގެ މުޤައްޠަމް ސިޓީއަށް ދާ މަގު ފެށޭ ހިސާބުގައެވެ. ކުރީގެ ގަދީމީ މިސްކިތް ތަޅާލައި، އަށާރަވަނަ ގަރުނުގައި އަމީރު ޢަބްދުއްރަޙްމާން ކަތްޚުދާ އެ މިސްކިތް އަލުން ބިނާކުރެއްވިއެވެ. މިސްކިތް އެކުލެވިގެންވަނީ (މެދުއަތި) މެދުގޯއްޗެއްގެ ވަށައިގެންވާ ފެންޑާތަކެއްގެ މައްޗަށެވެ.

ގިބުލަ ފަރާތު ފެންޑާގެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިހުރާބު ހުންނަނީ ގިބުލަ ފާރުގެ މެދުގައެއް ނޫނެވެ. ނަމަވެސް އެ ފާރުގެ ދެކުނު އިރުމަތީ ކަނުގައެވެ. މި މި ބައްޓަމަކީ ސަލްޖޫޤީ ދައުރުގައި ބިނާކުރެވުނު ބިނާތަކުން ފެންނަ ބައްޓަމެކެވެ. މިސްކިތުގެ ހުޅަނގު ފަރާތު ކުރިމަތީގައި، މުންނާރުތަކުގެ ދެމެދުގައި ދެ ދޮރު ހުރެއެވެ.
މިޞްރަށް ސައްޔިދާ ޢާއިޝާ ވަޑައިގެންނެވި ކަމަށާއި، އެކަމަނާ އަވަހާރަވީ އެތަނުގައި ކަމަށް ތާރީޚު އިލްމުވެރިން އިއްތިފާޤުވެއެވެ. އައްސަޚާވީ ގެ ފޮތް ތުޙްފަތުލް އަޙްބާބުގައި ވިދާޅުވެފައިވަނީ ސައްޔިދާ ޢާއިޝާ ފަސްދާނުލެވިފައިވަނީ މިޞްރުގައި ކަމަށެވެ. އަދި އެކަމަނާގެ މަޤްބަރާގެ ދޮރުމަތީގައިވާ ސަންގުމަރުމަރު ފިލައެއްގައި "މިއީ އިމާމް ޢަލީ ބިން އަބީ ޠާލިބް (ކަރްރަމަﷲ ވަޖްހަހޫ) ގެ ދަރިކަލުން އިމާމް ޙުސައިންގެ ދަރިކަލުން އިމާމް ޢަލީ ޒައިނުލްޢާބިދީންގެ ދަރިކަލުން އިމާމް މުޙައްމަދުލް ބާޤިރުގެ ދަރިކަލުން ޖަޢުފަރުއްޞާދިޤުގެ ބޭފުޅުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ މާތް ސައްޔިދާ ޢާއިޝާގެ މަޤްބަރާއެވެ." މިހެން ލިޔެވިފައިވަނިކޮށް އޭނާ ދެކެވަޑައިގަތް ކަމަށްވެސް އައްސަޚާވީ ވިދާޅުވެފައިވެއެވެ.
ސައްޔިދާ ޢާއިޝާގެ މަޤްބަރާ ފުރަތަމަ ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. އެއަށްފަހު ފާޠިމީންނާއި އައްޔޫބީން ގެ ވެރިކަމުގައި އެތަން ބިނާކުރުމަށް އަހަންމިއްޔަތުކަން ދެއްވައި، މަޤްބަރާގެ ކައިރީގައި ޤުރުއާން ހިތުދަސްކޮށްދޭ މަދަރުސާއެއް ބިނާކުރެއްވިއެވެ.
ޞަލާޙުއްދީން އަލްއައްޔޫބީ، ބޮޑު ފާރު ބިނާކުރެއްވިއިރު، ސައްޔިދާ ޢާއިޝާގެ ގުއްބާއި އަލްއަރާފާއާ ދެމެދު ވަކިކުރެއްވިއެވެ. އެއަށްފަހު އެ ފާރުން އަލްއަރާފާއަށް ވަދެވޭނެހެން ދޮރެއް ހުޅުއްވައި، އެ ދޮރަށް "ބާބު ޢާއިޝާ" (ޢާއިޝާގެ ދޮރުކޮޅު) ގެ ނަމުން ނަންދެއްވިއެވެ. މިހާރު އެތަނަށް ކިޔަނީ "ބާބުލް އަރާފާ" އެވެ. މިއީ އައްބާސިއްޔާގެ މަދީނަތުލްބުއޫސް ކައިރިން ސަލާހު ސާލިމު ހުރަސްކޮށް އޮން ސަރަހައްދެވެ.
މި މަޤްބަރާއާ ގުޅިގެން "މަސްޖިދުއް ސައްޔިދާ ޢާއިޝާ" ގެ ނަމުން މަޝްހޫރުވެފައިވާ މިސްކިތެއް ހުރެއެވެ. މި މިސްކިތް ހިޖުރައިން 1176 (މީލާދީން 1762) ވަނަ އަހަރު ޢަބްދުއްރަޙްމާން ކަތުޚުދާ އަލުން ބިނާކުރެއްވިއެވެ.
އޭގެ ފަހުން އެ މިސްކިތް ތަޅާލައި، 1971 ވަނަ އަހަރު މިހާރު އެހުރި ގޮތަށް އަލުން މިސްކިތް ބިނާކުރެވުނެވެ. ސައްޔިދާ ޢާއިޝާގެ މިސްކިތާއި މަޤްބަރާ ހުންނަނީ ޤާހިރާގެ "ޙައްޔުލް ޚަލީފާ" ގައެވެ. އެއީ މުހައްމަދު އަލީ ޤަލްޢާ މައިދާނުން ބޭރުގައިވާ "ޝާރިޢުއް ސައްޔިދާ ޢާއިޝާ" (ސައްޔިދާ ޢާއިޝާ މަގު) ގައެވެ.




