އީރާނުގެ މީޑިއާއިން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ޔަހޫދީންނަށް ފޮނުވާލާ ހަދިޔާ މިސައިލްގައި މިސްރުގެ ދީނީ އިލްމުވެރިއެއްގެ ފޮޓޯ ހަރުކޮށް، އޭނާއަށް ޝުކުރު އަދާކޮށްފައިވެއެވެ.
އީރާން ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ދެމުންދާ "ވައުދުއް ސާދިގު 4″ އޮޕަރޭޝަނުގެ 84 ވަނަ ރާޅުގެ މިސައިލްތައް ފޮނުވާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ، މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ ބައިވެރިވެވަޑައިގެންނެވި ފިތުރު އީދު ނަމާދުގެ ޚުތުބާގައި ކުރެއްވި ދުއާއަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދުނު، މިސްރުގެ އައުގާފް މިނިސްޓްރީގެ ދީނީ ކަންތައްތަކާ ބެހޭ ދާއިރާގެ އިސްވެރިޔާ ޑރ. އައްސައްޔިދު އަބްދުލްބާރީގެ ފޮޓޯއެއް މިސައިލެއްގައި ހިތްޕާ މަންޒަރެވެ.

ރައީސް ސީސީ އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އީދު ޚުތުބާގައި ޑރ. އައްސައްޔިދު އަބްދުލްބާރީ ކުރެއްވި ދުއާގައި ވިދާޅުވިއެވެ:
"اللهم يا رب بحق فاطمة وأبيها وبعلها وبنيها، والسر الكامن فيها.. لا تجعل لمصر حاجة عند لئيم من خلقك"
ޔައުނީ: "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ! ފާޠިމަތުގެފާނާއި، އެކަމަނާގެ ބަަައްޕާފުޅާއި، އެކަމަނާގެ ފިރިކަލުންނާއި، އެކަމަނާގެ ދެ ދަރިކަލުންގެ ޙައްޤުގައި… އިބަރަސްކަލާނގެ އުފެއްދެވި އެއްވެސް 'ލަޢީމް' ނުލަފާ މީހެއްގެ ގާތުން ބޭނުންޖެހޭ ބަޔަކު ކަމުގައި މިޞްރު ގެ ދައުލަތް ނުލައްވާށިއެވެ."
![]()
މިއީ ގަލްފްގެ ވައްހާބީ އަރަބިންގެ ނުރުހުން ބޮޑުވި، ބަހުސެއް އުފެދުނު ދުއާއެކެވެ. ގިނަ ބަޔަކު މި ދުއާ ތާރީޚީ ގޮތުން ޝީއީ މަސްދަރުތަކާ ގުޅުވި ނަމަވެސް، މިއީ މިސްރުގެ މުޖުތަމައުގައި އާންމުކޮށް ބޭނުންކުރާ ދުއާއެއްކަން ފަހުން ވަނީ ކަށަވަރުވެފައެވެ.
އަޒްހަރުގެ އިލްމުވެރިންނާއި އައުގާފް މިނިސްޓްރީން ބަޔާންކުރި ގޮތުގައި، މި ދުއާއަކީ ޝަރުއީ ގޮތުން ހުއްދަ، އަދި ނަބިއްޔާ ﷺ ގެ އާލު ބައިތުންގެ މެދުވެރިކޮށް ތަވައްސުލްވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ޝީއީ ފިކުރާ އެއްވެސް ގުޅުމެއް ނެތް، މިސްރުގެ ސުންނީ ތަރިކައިގެ ތެރެއިން ވާރުތަވަމުން އައިސްފައިވާ ކަމެއް ކަމަށާއި، މިސްރު އަބަދުވެސް ދެމިއޮންނާނީ އާލު ބައިތުންދެކެ ލޯބިވާ، މެދުމިނުގެ ސުންނީ ޝަޚުސިއްޔަތެއްގެ މަތީގައި ކަމަށް އެ ވުޒާރާއިން ނިންމިއެވެ.




