އިރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވަނިކޮށް، ޔަމަނުގެ ހޫތީން މިއަދު އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް މި ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަން އިއުލާން ކޮށްްފިއެވެ. އެއާއެކު ދުނިޔޭގެ ދެވަނަ އަށް އެންމެ މުހިންމު ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބު ބަންދުވެދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ.
ހޮނިހިރު ދުވަހު ހޫތީން ވަނީ އިސްރާއީލުގެ މުހިންމު އަސްކަރީ ސަރަހައްދުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. މިއީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ހޫތީން މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.

ވޭތުވެދިޔަ ހަތަރު ހަފުތާގެ ތެރޭގައި އިރާނުން ވަނީ ރައްދު ހަމަލަތަކަށް އެމެރިކާއާ ގުޅުން އޮންނަ ގަލްފުގެ ގައުމުތަކަށް ފުޅާކޮށް، ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. ހަމައެއާއެކު އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަރައިގަނެ، ހިޒްބުالله އާ ދެކޮޅަށް އެއްގަމު މަގުން ދަނީ ހަނގުރާމަ ކުރަމުންނެވެ. މިހާތަނަށް ހޫތީން މަޑުން ތިބި ނަމަވެސް، މިއަދު އެމީހުން ހަނގުރާމައިގެ ތެރެއަށް ވަނުމަކީ މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވެގެންދާނެ ކަމެކެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ރަތްކަނޑުގެ ތުންފަތްމަތީގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅިއަށް ހުއްޓިފައެވެ. މިއީ 2023 ވަނަ އަހަރުގެ ފަހުކޮޅުވެސް ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ސަރަހައްދެކެވެ.
ބާބުލްމަންދަބު ބަންދު ވުމުން މިސްރުގެ ސުއޭސް ކެނަލްވެސް ހުއްޓުމަކަށް އަންނާނެއެވެ.
މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ އިތުރުން، ބާބުލް މަންދަބަށް ނުރައްކާވުމުން ދުނިޔޭގެ މުދާ އުފުލުމާއި ހަކަތައިގެ ސަޕްލައިއަށް އެއްފަހަރާ ދެ ސަރަހައްދަކުން ބޮޑު ލޮޅުމެއް އަތުވެދާނެތީއެވެ.







