ބޭރު ގައުމުތަކުން ޖަޕާނުގެ ދާޚިލީ ކަންކަމާއި ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވުމަށް ހިންގާ ހަރަކާތްތައް އިތުރުވަމުންދާ ކަމަށް ބުނެ ޖަޕާނު ސަރުކާރުން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ ޗައިނާއާ ގުޅުން ހުރި ފަރާތްތަކަކުން ޖަޕާނުގެ ސިޔާސީ ލީޑަރުންނާއި ޑިމޮކްރެޓިކް ނިޒާމަށް އަމާޒުކޮށްގެން ރޭވުންތަކެއް ރާވަމުންދާކަން ތަހުގީގުތަކުން ހާމަވުމާ ގުޅިގެންނެވެ.
ޓެކްނޮލޮޖީ ކުންފުނިތަކާއި ރިސާޗް އިންސްޓިޓިއުޓްތަކުން ނެރުނު ރިޕޯޓްތަކަށް ބިނާކޮށް ޖަޕާނުގެ އިސް އޮފިޝަލުން ވިދާޅުވީ، މިއީ ޑިމޮކްރެޓިކް ވެރިކަމުގެ ބިންގަލަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.
މި މައްސަލައިގެ މައިގަނޑު އެއް ހެއްކަކީ އޯޕަން އޭއައި އިން ފެބްރުއަރީ މަހު ނެރުނު ރިޕޯޓެވެ. އެ ރިޕޯޓުގައިވާ ގޮތުން، ޗައިނާގެ ގާނޫނު ތަންފީޒުކުރާ އިދާރާއަކާ ގުޅުންހުރި ފަރާތަކުން ޗެޓްޖީޕީޓީ ބޭނުންކޮށްގެން ޖަޕާނުގެ ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާވަން މަސައްކަތް ކުރުމުން، އެ އެކައުންޓް ވަނީ ބޭންކޮށްފައެވެ.
މި ރޭވުމުގެ މައިގަނޑު އަމާޒަކީ ޖަޕާނުގެ ބޮޑުވަޒީރު ސަނާ އެޓަކައިޗީގެ އަބުރު ކޭލުމެވެ. މިކަމާ ގުޅިގެން ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރު ކިހާރާ ވިދާޅުވީ، ބޭރުގެ ނުފޫޒު ފޯރުވުމުގެ ހަރަކާތްތަކަކީ "ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް" ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މިނިވަން އިންތިޚާބުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫއަރާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އޯޕަން އޭއައިގެ ރިޕޯޓް ބުނާގޮތުން، ޗައިނާއާ ގުޅުންހުރި އެ ފަރާތުން މަސައްކަތް ކުރީ ޓަކައިޗީއާ ދެކޮޅަށް މީހުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށެވެ. މިއީ ޗައިނާގެ ސިޔާސަތުތަކަށް ޓަކައިޗީ ފާޑުވިދާޅުވުމާ ގުޅިގެން ރޭވި ކަމެއް ކަމަށް ބެލެވެއެވެ. މި ރޭވުމުގެ ދަށުން ފޭކް އެކައުންޓްތައް ބޭނުންކޮށްގެން، ތަކެތީގެ އަގުބޮޑުވުމާއި އެހެނިހެން އިގްތިސާދީ މައްސަލަތަކުގެ ޒިންމާ ޓަކައިޗީގެ ބޮލުގައި އެޅުވުމަށް ވަނީ ރާވާފައެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި ޓަކައިޗީއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއްގެ ގޮތުގައި ދެއްކުމަށް ސިލްސިލާ ހޭޝްޓެގްތަކެއް ބޭނުންކޮށްގެން ކެމްޕޭންތަކެއް ހިންގާފައިވާކަން ވެސް ރިސާޗަރުންނަށް ވަނީ ފާހަގަކުރެވިފައެވެ. އޯޕަން އޭއައި އިން ބުނީ އެފަދަ ކަންކަމަށް އެހީތެރިވުމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ.



