އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް (އައިއީޕީ) އިން ނެރުނު 2026 ވަނަ އަހަރުގެ ގްލޯބަލް ޓެރަރިޒަމް އިންޑެކްސް ރިޕޯޓުގައި ބުނާގޮތުން، 2025 ވަނަ އަހަރު ޕާކިސްތާނުގައި ޓެރަރިޒަމާ ގުޅުންހުރި ހަމަލާތަކުގައި 1,139 މީހުން މަރުވެފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހަ އިންސައްތައިގެ އިތުރުވުމެއް ކަމަށާއި، މިއީ 2013 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި ޓެރަރިޒަމްގެ ސަބަބުން މިހާ ގިނަ އަދަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރު ކަމަށް އޭއެންއައި އިން ރިޕޯޓްކޮށްފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ސަލާމަތީ މަޝްރަހު ގޯސްވަމުންދަނީ އަވަށްޓެރި ގައުމުތަކާ، ހާއްސަކޮށް އަފްޣާނިސްތާނާ އޮތް ގުޅުން ގޯސްވުމާއި، މަނާކޮށްފައިވާ ޖަމާއަތްތައް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަދި ބަލޯޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ. 2025 ވަނަ އަހަރު އެކަނިވެސް ޕާކިސްތާނުގައި 1,045 ޓެރަރިސްޓް ހަމަލާ ދީފައިވާކަން ރިޕޯޓުން ދައްކައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޓީޓީޕީއެވެ. 2009 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ދީފައިވާ ހަމަލާތަކުގެ 67 އިންސައްތަ ހިއްސާކުރަނީ މި ޖަމާއަތުންނެވެ. 2025 ވަނަ އަހަރު ޓީޓީޕީގެ ހަމަލާތައް 24 އިންސައްތަ އިތުރުވެ، 595 ހަމަލާގައި 637 މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުވެފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ހައިބަރު ޕަޚްތޫންހުވާ ސަރަހައްދަށެވެ.
އަފްޣާނިސްތާނުގައި ތާލިބާނުން އަލުން ވެރިކަމަށް އައުމަކީ ޕާކިސްތާނުގެ ސަލާމަތީ ކަންކަމަށް އައި ބޮޑު ލޮޅުމެއްގެ ގޮތުގައި ރިޕޯޓުގައި ސިފަކޮށްފައިވެއެވެ. އަފްޣާން ތާލިބާނުންގެ އެހީތެރިކަމާއެކު ޓީޓީޕީއަށް ވަސީލަތްތައް ލިބި، އެމީހުންގެ ހަރަކާތްތައް ފުޅާކުރުމަށް ހިތްވަރު ލިބިފައިވާ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ހައިބަރު ޕަޚްތޫންހުވާ އަދި ބަލޯޗިސްތާން ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލިކަށިވެ، 2025 ވަނަ އަހަރުގެ ހަމަލާތަކުގެ 74 އިންސައްތަ މި ދެ ސަރަހައްދަށް ވަނީ އަމާޒުވެފައެވެ.
މީގެ އިތުރުން، މީހުން ރަހީނުކުރުމުގެ ހާދިސާތައް ވެސް ޕާކިސްތާނުގައި ވަނީ އިންތިހާއަށް އިތުރުވެފައެވެ. 2024 ވަނަ އަހަރު 101 މީހުން ރަހީނުކޮށްފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 655 އަށް އަރާފައެވެ. މީގެ ތެރޭގައި ޖަފަރު އެކްސްޕްރެސް ރޭލަށް ދިން ހަމަލާގައި 442 މީހުން ރަހީނުކުރި ހާދިސާ ފާހަގަކޮށްލެވެއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު، ޓެރަރިޒަމްގެ ސަބަބުން މަރުވާ މީހުންގެ 70 އިންސައްތަ ހިއްސާކުރާ ފަސް ގައުމުގެ ތެރޭގައި މިހާރު ޕާކިސްތާން ހިމެނެއެވެ. މުހައްލިލުން އިންޒާރު ދޭގޮތުގައި، ސަލާމަތީ އޮޕަރޭޝަންތައް ވަރުގަދަކޮށް، ސަރަހައްދީ ނުތަނަވަސްކަމަށް ހައްލެއް ނުހޯދިއްޖެނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ޕާކިސްތާނުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެއެވެ.



