ދުނިޔޭގެ ވައިގެ ފެންވަރު ބަލާ ސްވިޒަލޭންޑުގެ ކުންފުންޏެއް ކަމަށްވާ އައި.ކިއު އެއާ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2025 ވަނަ އަހަރު ދުނިޔޭގެ އެންމެ ވައި ތަޣައްޔަރު ގައުމަކަށް ޕާކިސްތާން ވަނީ ހޮވިފައެވެ. ޕާކިސްތާނުގެ ވައިގައި ހުރި ނުރައްކާތެރި ޕާޓިކިއުލޭޓް މެޓާ ގެ މިންވަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ 13 ގުނަ އިތުރު ކަމަށް މި ދިރާސާއިން ދައްކައެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރާސާކުރެވުނު 143 ގައުމާއި ސަރަހައްދުގެ ތެރެއިން 130 ގައުމަކުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގެ މިންގަނޑުތަކަށް ފެތިފައެއް ނުވެއެވެ. ވައިގެ ސާފުމިން އެންމެ ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވަނީ އެންމެ 13 ގައުމެއްގައެވެ. މިއީ 2024 ވަނަ އަހަރު މި މިންގަނޑަށް ފެތުނު 7 ގައުމާ އަޅާބަލާއިރު އިތުރުވުމެކެވެ.
ދުނިޔޭގެ އެންމެ ތަޣައްޔަރު ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ބަންގްލަދޭޝް އޮތްއިރު، ތިންވަނައިގައި އޮތީ ތަޖިކިސްތާނެވެ. އަދި 2024 ވަނަ އަހަރު އެންމެ ތަޣައްޔަރު ގައުމުގެ ގޮތުގައި އޮތް ޗާޑް މި އަހަރު އޮތީ ހަތަރުވަނައިގައެވެ.
ސިޓީތަކަށް ބަލާއިރު، ދުނިޔޭގެ އެންމެ ތަޣައްޔަރު ސިޓީއަކަށް ހޮވިފައިވަނީ އިންޑިއާގެ ލޯނީ އެވެ. އެ ސިޓީގެ ވައިގައި ޕާޓިކިއުލޭޓް މެޓާގެ މިންވަރު ހުރީ އެވްރެޖްކޮށް 112.5 މައިކްރޯގްރާމްގައެވެ. ދެވަނައަށް އެންމެ ތަޣައްޔަރު ސިޓީއަކީ ޗައިނާގެ ޝިންޖިއާން ސަރަހައްދުގެ ހޯޓާން ސިޓީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ އެންމެ ތަޣައްޔަރު 25 ސިޓީވެސް ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ޗައިނާގައެވެ.
2025 ވަނަ އަހަރު ދުނިޔޭގެ ސިޓީތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގެ މިންގަނޑަށް ފެތިފައިވަނީ އެންމެ 14 އިންސައްތަ ސިޓީއެވެ. މިއީ އޭގެ ކުރީ އަހަރުގެ 17 އިންސައްތައާ އަޅާބަލާއިރު ދަށްވުމެކެވެ. މީގެ އިތުރުން ކެނެޑާގައި ހިނގި ބޮޑެތި ޖަންގަލީ ރޯވުންތަކުގެ ސަބަބުން އެމެރިކާ އާއި ޔޫރަޕާ ހަމައަށް ވައި ތަޣައްޔަރުވުމުގެ އަސަރު ފޯރާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ވައިގެ ސާފުމިން ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އައިސްލޭންޑް، އެސްޓޯނިއާ، އަދި ޕެނަމާ ހިމެނެއެވެ. މި ގައުމުތަކުގައި ވައިގެ ތަޣައްޔަރުކަން ހުރީ ކިއުބިކް މީޓަރަކަށް 5 މައިކްރޯގްރާމަށްވުރެ ދަށުގައެވެ.




