ޗައިނާގެ ޔުނިވަރސިޓީއަކުން، އެ ގައުމުގެ ރަބީއު މޫސުމުގެ ޗުއްޓީ ދުވަސްވަރު "މާތަކުގެ ރީތިކަމަށް ބަލައި، ލޯބީގެ ގުޅުންތައް ބަދަހިކުރުމަށް" ދަރިވަރުންނަށް ބާރުއަޅަމުން އެބަދެއެވެ. މިއީ ރަނގަޅު ނަތީޖާ ހޯދުމަށް އިންތިހާއަށް އިސްކަންދޭ ގައުމެއްގައި ފެނިގެންދިޔަ އާދަޔާ ހިލާފު އިރުޝާދެކެވެ. ކަމާބެހޭ ފަރާތްތަކުން މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ކައިވެނިތައް އިތުރުކުރުމަށާއި ގައުމުގެ އެތެރޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އާ ގޮތްތައް ހޯދުމުގެ މަގުސަދުގައެވެ.
ސިޗުއާން ސައުތުވެސްޓް ވޮކޭޝަނަލް ކޮލެޖް އޮފް އޭވިއޭޝަނުން އެ ކޮލެޖުގެ ރަސްމީ ވީޗެޓް އެކައުންޓުގައި ބުނެފައިވަނީ، އޭޕްރީލް 1 އިން 6 އަށް އޮންނަ ބަހާރު މޫސުމުގެ ޗުއްޓީގެ ޝިއާރަކީ "މާތައް ބަލައިލުމާއި ލޯބީގެ އުފާ ހޯދުން" ކަމަށެވެ.
ފޮތްތަކާ ދުރަށްޖެހިލުމަށް މުދައްރިސުންނާއި ދަރިވަރުންނަށް ބާރުއަޅައި އަންގާރަ ދުވަހު ނެރުނު މި ނޯޓިސް އައިސްފައިވަނީ، އާންމުކޮށް އޮންނަ ހޫނު މޫސުމާއި ފިނި މޫސުމުގެ ޗުއްޓީގެ އިތުރުން، ސްކޫލްތަކަށް ބަހާރު މޫސުމާއި ހަރީފު މޫސުމުގެ ޗުއްޓީ ތައާރަފުކުރާނެ ކަމަށް ޗައިނާއިން ބުނިތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުންނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، މީހުން ގިނަ ނޫން ދުވަސްވަރު މުވައްޒަފުންނަށް ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އެކި ދުވަސްވަރު މުސާރަ ލިބޭ ގޮތަށް ޗުއްޓީ ނެގުމަށް ވެސް ހިތްވަރުދޭނެ ކަމަށެވެ.
ސިޗުއާން އަދި އިރުމަތީ ޖިއަންގްސޫ ފަދަ ޕްރޮވިންސްތަކުގެ އިތުރުން، ސޫޖޯއާއި ނާންޖިން ފަދަ ސިޓީތަކުން ވަނީ ބަހާރު މޫސުމުގެ ޗުއްޓީގެ ޕްލޭންތައް ހާމަކޮށްފައެވެ. މީގެ ތެރެއިން ގިނަ ޗުއްޓީތައް ތާވަލުކޮށްފައިވަނީ އޭޕްރީލް ނުވަތަ މެއި މަހުގެ ކުރީކޮޅަށެވެ.
ޗައިނާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ މެދުގައި ދަތުރުފަތުރުކުރުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހިތްވަރުދީގެން، އެތެރޭގެ އިގްތިސާދު ކުރިއެރުވުމަށް އެ ގައުމުން މަސައްކަތް ކުރެއެވެ. މީގެ އިތުރުން، ހުސްވަގުތު ގިނަވުމަކީ ދަރިން ހޯދުމަށް މަގުފަހިވެ، އާބާދީ ދަށްވަމުންދާ ނުރައްކާތެރި މިސްރާބު ބަދަލުކޮށްލެވޭނެ ކަމެއް ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން އުންމީދު ކުރެއެވެ.
2025 ވަނަ އަހަރު، ޗައިނާގެ އާބާދީ ޖެހިޖެހިގެން ހަތަރުވަނަ އަހަރަށް ދަށަށް ގޮސްފައިވާއިރު، ދަރިން އުފަންވާ ނިސްބަތް ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ. މާހިރުން އިންޒާރު ދޭ ގޮތުގައި މި ނިސްބަތް އަދިވެސް އިތުރަށް ދަށަށް ދިއުން އެކަށީގެންވެއެވެ.
ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން އިން ބުނި ގޮތުގައި، ކުޑަކުދިންނާ ރައްޓެހި، ތަރައްގީއަށް ބާރުއެޅުމުގެ ގޮތުން ބެއިޖިންގް އިން އަންގާރަ ދުވަހު ވަނީ އުސޫލުތަކެއް ކަނޑައަޅާފައެވެ.
މި އުސޫލުގައި، ތައުލީމާއި ސިއްހަތުން ފެށިގެން ދަތުރުފަތުރާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާތަކުން އާންމު ޚިދުމަތްތައް ރަނގަޅުކޮށް، "ކުޑަކުދިންނާ ރައްޓެހި ސިޓީތަކެއް" ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ.
ޗައިނާގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނި 'ޓްރިޕް' ގެ މާނީ ޖޭމްސް ލިއަންގް ވިދާޅުވި ގޮތުގައި، ދަރިން ބޮޑުކުރުމަށްޓަކައި މުޖުތަމައަށް އެކަށީގެންވާ ވަގުތާއި ފައިސާ ބޭނުންވެއެވެ. އަދި މިފަދަ އިތުރު މަސައްކަތްތަކަށް އޭނާ ގޮވާލެއްވިއެވެ.
"ބޮޑެތި އާއިލާތައް ބިނާކުރުމުން މުޖުތަމައަށާއި އަމިއްލަ ފަރުދުންނަށް ލިބޭ ފައިދާތަކާ ބެހޭގޮތުން ޒުވާނުން ހޭލުންތެރިކުރުވުމަށް އިތުރު މަސައްކަތްތަކެއް ބޭނުންވޭ،" އާބާދީއާ ބެހޭ މާހިރެއް ކަމަށްވާ ލިއަންގް އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވަސީލަތްތައް އަލުން ބަހާލައި، މާލީ އެހީތެރިކަން އިތުރުކޮށްގެން ސަރުކާރަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ އޮނިގަނޑެއް ގާއިމުކުރެވިދާނެއެވެ.

