އަލްއަޒްހަރުގެ ކުރީގެ ރައީސްގެ ޒިކުރާ އާކުރުމުގެ ރަސްމިއްޔާތެއް ތެހެރާންގައި ބާއްވަނީ

މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުރީގެ ރައީސް، އަވަހާރަވެފައިވާ އައްޝައިޚް ޑރ. އަޙްމަދު އުމަރު ހާޝިމްގެ ޒިކުރާ އާކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތެއް އީރާނުގެ ތެހެރާންގައި ހުންނަ އިސްލާމީ މަޒުހަބުތަކުގެ ދިރާސާތަކަށް ޚާއްސަ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ޑެނޮމިނޭޝަންސް (އައި.ޔޫ.އައި.ޑީ) ގައި ބޭއްވުމަށް ނިންމައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި އެކަޑަމީ ދާއިރާގެ ބޭފުޅުންނާއި، ސަގާފީ އަދި ޑިޕްލޮމެޓިކް ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތުގައި އަލްއަޒްހަރުގެ މިހާރުގެ އިމާމް އަކްބަރު ޝައިޚް އަޙްމަދު އައްޠައްޔިބު ފޮނުއްވާ ޚާއްޞަ މެސެޖެއް އިއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގެ މައިގަނޑު މަގްސަދަކީ އީރާނާއި މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ދެމެދު އޮންނަ އެކަޑަމިކް ގުޅުންތައް އިތުރަށް ބަދަހިކޮށް ކުރިއެރުވުމެވެ. މީގެ އިތުރުން މެދުމިންގަނޑުގެ އިސްލާމީ އުސޫލުތައް ކުރިއެރުވުމުގައި ޝައިޚް އަޙްމަދު އުމަރު ހާޝިމް ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި ތެހެރާންގައި ހުންނަ މިސްރު އެމްބަސީގެ  މުޙައްމަދު ޒިޔާ އާއި، އައި.ޔޫ.އައި.ޑީގެ ރައީސް މުޙައްމަދު ހާދީ ފަލާހްޒާދޭގެ އިތުރުން އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެންބަރު އާޔަތުﷲ އަޙްމަދު މުލާބްގީ ހިމެނިވަޑައިގަންނަވައެވެ.

އަޙްމަދު އުމަރު ހާޝިމް (1941-2025) އަކީ މިޒަމާނުގެ މިޞްރުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިލްމުވެރިޔާއެވެ. އޭނާއަކީ އިސްލާމީ ފަސް މަޒްހަބުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ކީރިތި ރަސޫލާގެ ސުންނަތާއި ހަދީޘް އިލްމުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ އިލްމީ މަސައްކަތްޕުޅުތަކަކީ މިއަދުވެސް އިސްލާމީ ދުނިޔޭގެ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ނަމޫނާއެކެވެ.

ހިއްސާ ކުރައްވާ!