ނޭޕާލްގައި ބޭއްވި އާންމު އިންތިޚާބުގައި ރާޝްތުރިޔާ ސުވަތަންތުރަ ޕާޓީ (އާރްއެސްޕީ) އިން ހޯދި ކާމިޔާބީއަށް ޗައިނާއިން ރަސްމީކޮށް މަރުހަބާ ކިޔާފައި ވެއެވެ. މި ނަތީޖާއަކީ ބެއިޖިންގަށް ލިބުނު ބޮޑު ސިޔާސީ ނުތަނަވަސްކަމެއް ކަމަށް ނޭޕާލް މީޑިއާ ސިފަ ކުރެ އެވެ. ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން އައި ކޮމިއުނިސްޓް ޕާޓީތައް އިންތިޚާބުން ނާކާމިޔާބުވުމަކީ ނޭޕާލްގައި ޗައިނާގެ ނުފޫޒު ކުޑަވެގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ބަލާފައެވެ.
މި އިންތިޚާބުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އާރްއެސްޕީގެ ލީޑަރު އަދި ކަތުމަންޑޫގެ ކުރީގެ މޭޔަރު، އުމުރުން 35 އަހަރުގެ ބަލެންދުރަ ޝާހު، ކުރީގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީގެ މައްޗަށް ބޮޑު ތަފާތަކުން ކާމިޔާބީ ހޯއްދެވުމެވެ. އުމުރުން 74 އަހަރުގެ އޯލީ ބަލިވުމާއެކު، ނޭޕާލްގެ ލީޑަރަށް ޝާހު ވުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.

ޗައިނާއިން ފާއިތުވި އަހަރުތަކުގައި މަސައްކަތް ކުރަމުން އައީ ނޭޕާލްގެ ކޮމިއުނިސްޓް ޕާޓީތައް އެއްގަލަކަށް އަރުވައި، ޗައިނާއަށް ތާއީދުކުރާ ވަރުގަދަ ސަރުކާރެއް ގާއިމުކުރުމަށެވެ. ނަމަވެސް، ނޭޕާލްގެ ޒުވާން ވޯޓު ލާމީހުން ވަނީ އެ ފޯމިއުލާ ދޫކޮށްލައި، އާ ލީޑަރަކަށް ފުރުސަތު ދީފައެވެ. ޚާއްސަކޮށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި "ޖެންޒީ މޫވްމަންޓް" ގެ ފަހުން، ނޭޕާލްގެ ސިޔާސީ މަސްރަހަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ސެޕްޓެމްބަރު މަހު ހިނގި ހަމަނުޖެހުންތަކުގައި 77 މީހުން މަރުވެ، ސަރުކާރުގެ މުހިންމު އިމާރާތްތަކުގައި ހުޅުޖެހުމާ ގުޅިގެން އޯލީގެ ސަރުކާރު ވަނީ އިސްތިއުފާ ދީފައެވެ. އޭގެ ފަހުން ގާއިމުކުރެވުނު އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރު ސުޝީލާ ކަރްކީ ޗައިނާއާއެކު އޮންނަ "ވަން ޗައިނާ" ޕޮލިސީއަށް ތާއީދުކުރާކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ބެއިޖިންގުން ދިޔައީ ނޭޕާލްގެ ސިޔާސީ މިސްރާބާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޯލީގެ ވެރިކަމުގައި ޗައިނާއާއި ނޭޕާލާ ދެމެދު ވަނީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށް ފައެވެ. އަދި ސިޔާސީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ. ނަމަވެސް، އާ ސަރުކާރެއް އައުމާއެކު، މި ގުޅުންތަކަށް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.





