އިނގިރޭސިންނަށް ދީން ބުނެދީ އިސްވެ އަޅުކަން ކޮށްދޭން އިސް ފާދިރީއަކަށް އަންހެނެއް

އިނގިރޭސި ފައްޅީގެ އިސްވެރިޔާގެ ޖިންސީ ކުށްތަކެއް ފޮރުވަން މަސައްކަތް ކުރެއްވިކަން ސާބިތުވާތީ މަގާމުން މަޖުބޫރު ކުރުމުން އިސް ފާދިރީއަކަށް އަންހެނަކު އައްޔަން ކޮށްފިއެވެ. ޗާޗް އޮފް އިންގްލެންޑް ވަކި ނަސްރާނީ މަޒުހަބެއްގެ ގޮތުގައި އުފެދުނީ 1534 ވަނަ އަހަރު އެވެ. މިއީ އެ މަޒުހަބު އުފެދުނު ފަހުން، އިސް ފާދިރީއަކަށް އައްޔަން ކުރި ފުރަތަމަ އަންހެން އިސް ފާދިރީއެވެ. އާރްޗްބިޝޮޕްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ޑޭމް ސާރާ މުލާލީ އެވެ.

އޭއަށް ފާދިރީގެ އަސާއާއި ސާލު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވީ ބުދަ ދުވަހު ކެންޓަބަރީ ފައްޅީގައެވެ. މި ރަސްމިއްޔާތުގައި އިނގިރޭސި ބޮޑުވަޒީރު ކިއަރަ ސްޓާމަރ އާއި، ޕްރިންސް ވިލިއަމް އަދި ވޭލްސްގެ އަމީރާ ކެތަރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުރިން އެން.އެޗް.އެސްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުލާލީ، އޭނާގެ ތަގުރީރުގައި ވިދާޅުވީ މާޒީގައި ހިނގާފައިވާ އަނިޔާތަކުގެ ޝިކާރައަކަށްވި މީހުންގެ ހައްގުގައި ތެދުވުމަށާއި، ރައްކާތެރިކަމާއި ޒިންމާދާރުކުރުވުމަށް އިސްކަންދިނުމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ކްރިސްޓިއަން ފައްޅިތަކާއި މުޖުތަމައުތަކުގެ ތެރޭގައި ތިބި ބައެއްގެ އަމަލުތަކާއި، އިހުމާލުވުމާއި އަދި ނާކާމިޔާބީގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް އިހުސާސްކުރަންޖެހުނު ޖިންސީ ތަދާއި ވޭނަށް އަޅާނުލާ ދޫކޮށްލައިގެން ނުވަތަ އެއީ ކުޑަ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އާ އާރްޗްބިޝޮޕްގެ ކުރިން އެ މަގާމުގައި ހުންނެވި ޖަސްޓިން ވެލްބީ އިސްތިއުފާ ދެއްވީ، 1970 އާއި 1980 ގެ އަހަރުތަކުގައި އިނގިރޭސިވިލާތާއި އެފްރިކާގެ ފައްޅިތަކުގެ ތެރޭގައި ނުފޫޒުގަދަ ބަރިސްޓާއެއް ކަމަށްވާ ޖޯން ސްމައިތު ހިންގި ޖިންސީ ގޯނާގެ މައްސަލަތައް ފޮރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

މުލާލީއަށް ވެސް ދާދި ފަހުން މީޑިއާގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އޭނާއަކީ ބަނޑު ދޮވެލުން ހުއްދަ ވިސްނުމުގެ ބޭފުޅެކެވެ. މިހާރު އިނގިރޭސިވިލާތުގައި ބައެއް އިސްތިސްނާ ހާލަތްތަކާއެކު، ބަނޑަށް 24 ހަފުތާ ވަންދެން ބަނޑު ދޮވެލުން ހުއްދަ އެވެ.

"އަމިއްލަ ބަނޑުގައިވާ ދަރިފުޅާ މެދު ގޮތް ނިންމާ އަންހެނުންނަށް ދައުވާ ކުރަންޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެކަމަކު ފަހު މަރުހަލާގައި އެބޯޝަން ހަދާ މިންވަރު އިތުރުވާކަށް ވެސް އަޅުގަނޑު ބޭނުމެއް ނޫން،" މިދިޔަ ހަފުތާގައި ހައުސް އޮފް ލޯޑްސްގައި ވާހަކަ ދައްކަވަމުން މުލާލީ ވިދާޅުވިއެވެ. އަދި އެބޯޝަނާ ގުޅޭ އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް އޭނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.

މި ބިލާ މެދު މިހާރު ދަނީ އިނގިރޭސި ޕާލަމެންޓުގެ މަތީ މަޖިލީހުގައި ބަހުސް ކުރެވެމުންނެވެ. ކެންޓަބަރީގެ އާރްޗްބިޝޮޕުންނަކީ މާޒީއާ އަޅާބަލާއިރު ސިޔާސީ ގޮތުން ނުފޫޒު ކުޑަ ބައެކެވެ. އެހެން އިސް ބިޝޮޕުންނެކޭ އެއްފަދައިން އެ ބޭފުޅުންނަށް ޕާލަމެންތްގެ މަތި ގޭ ހައުސް އޮފް ލޯޑްސްގެ ގޮނޑިއެއް ލިބިވަޑައިގަންނަވައެވެ. އަދި ގާނޫނުތައް ފާސްކުރުމުގެ މަސައްކަތުގައި އެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އެކަމަކުވެސް މިވެރިން ބުނާނެ! ދީނާއި ފައްޅި އޮންނާނީ ވަކިކޮށްފައޭ؟

ހިއްސާ ކުރައްވާ!