ޕާކިސްތާނުގެ އިރުމަތީ ޕަންޖާބު ޕްރޮވިންސްގައި ރޭ ދަންވަރު "ތޭޒްގާމް އެކްސްޕްރެސް" ރޭލު ދަގަނޑުން ކަސިޔާރުވެ ފުރޮޅާލައިފިއެވެ. މި ހާދިސާގައި، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ، ރޭލު ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށް އެ ގައުމުގެ ރޭލްވޭ އޮފިޝަލުން ހާމަކޮށްފިއެވެ. މި ހާދިސާގައި ރޭލުގެ ބައެއް ބޮގީތައް ފުރޮޅާލާފައިވާއިރު، އެތައް ގަޑިއިރަކަށް ރޭލު ދަތުރުފަތުރު ވަނީ މެދުކަނޑާލަން ޖެހިފައެވެ.
މި ހާދިސާ ހިނގާފައިވަނީ ލޯދުރާން ކައިރީގައި އޮންނަ އާދަމް ވަހާން ސަރަހައްދުގައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ރޭލުގެ ބޮގީތައް ގުޅުވައިދޭ ކަޕްލިންގް ބިންދައިގެން ގޮސް، ރޭލު ދެބައިވެ، ކެއުންބުއިމުގެ ހިދުމަތްދޭ ބޮގީގެ 4 ބޮގީ ދަގަނޑުން ކަސިޔާރުވުމުގެ ސަބަބުންނެވެ.

މި ހާދިސާއާ ގުޅިގެން ފުރިފައި އޮތް ރޭލުގެ ބޮގީތަކުގެ ތެރޭގައި ބިރުވެރިކަމެއް އުފެދުނެވެ. އަދި އަނދިރީގެ ތެރޭގައި، ބިރުގަނެފައި ތިބި ފަސިންޖަރުން އަމިއްލަ ނަފްސާއި އެމީހުންގެ އާއިލާގެ މެންބަރުން ސަލާމަތްކުރުމަށްޓަކައި އެކަކު އަނެކަކު ކޮއްޕައި ހާސްކަމުގެ ތެރޭގައި އުޅެންޖެހުނެވެ.
ލޯދުރާންގެ ލޯކަލް އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާގައި 25 ފަސިންޖަރަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން 17 މީހަކަށް ފުރަތަމަ އެހީ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައި ވެއެވެ. އަދި ހާލު ސީރިއަސް ކަމަށް ބެލެވޭ ބާކީ 8 މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
![]()



