އިޒްރޭލުގެ ދިފާއުގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމަށް ޔޫގަންޑާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް މުހޫޒީ ކައިނެރުގާބާ ވިދާޅުވެއްޖެއެވެ. މުހޫޒީއަކީ ޔޫގަންޑާގެ މިހާރުގެ ރައީސްގެ ދަރިކަލުންގެ އިތުރުން އެ ގައުމުގެ ވެރިކަމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ފަރާތެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުހޫޒީ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ މިހާރުން މިހާރަށް ނިމުމަކަށް އަންނަން ބޭނުންވާ ކަމަށާއި، ދުނިޔެ މިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. ނަމަވެސް އިޒްރޭލު ބަލިކޮށްލުމަށް ނުވަތަ ނައްތާލުމަށް ދެކެވޭ ކޮންމެ ވާހަކައަކީ ޔޫގަންޑާއިން އެ ހަނގުރާމައިގެ ތެރެއަށް އިޒްރޭލާ އެއްކޮޅަށް ވަނުމަށް މަޖުބޫރުވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ވެރިރަށް ތެހެރާން ހިފުމަށްޓަކައި އިޒްރޭލުން އަސްކަރީ ޑިވިޝަނެއް ހޯދަމުންދާ ކަމަށް އަޑުއިވިފައިވާ ކަމަށާއި، ނަމަވެސް އެއީ މާ ބޮޑުވަރު ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭގޮތުގައި ޑިވިޝަނެއް ބޭނުމެއް ނުވާނެ، ޔޫގަންޑާ ޕީޕަލްސް ޑިފެންސް ފޯސް (ޔޫޕީޑީއެފް) ގެ ބްރިގޭޑަކުން އީރާން ހިފައި އެކަން ވަރަށް އަވަހަށް ނިންމާލާނެ،" މުހޫޒީ ވިދާޅުވިއެވެ.
ޔޫގަންޑާ މީހުން މި ލީޑަރަށް މަލާމާތް ކުރަމުން ބުނަނީ ޔޫގަންޑާ ގައި ކޮންމެ ޒަމާނެއްގައިވެސް ދެ އުޅިއެއްނުވާ ބޯ ގޯސް މީހުން ތިބޭ ކަމަށެވެ. މިއީ މިޒާމުގެ އެފަދަ މީހާ ކަމަށް ބުނެއެވެ.
ޔޫގަންޑާގެ އަސްކަރީ ކޮމާންޑަރު މުހޫޒީއަކީ މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި މިފަދަ ދެ ބޯގެރި ދުއްވާ ވާހަކަތަކެއް ދައްކަވައިގެން ސަމާލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން 2022 ވަނަ އަހަރު އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ކައިވެނި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ރަންގެ ގޮތުގައި 100 ގެރި ހުށަހެޅުއްވިއެވެ. އަދި ރޯމަނުން އެ ހުށަހެޅުން ގަބޫލު ނުކޮށްފިނަމަ ރޯމް ހިފަން ޖެހިދާނެ ކަމަށްވެސް އޭރު އޭނާ ވިދާޅުވެފައިވެއެވެ.






