ކުވެއިތުގެ ވެރިރަށް ކުވެއިތު ސިޓީގެ މެދުތެރޭގައި ހުންނަ ކުވެއިތު ބޮޑު މިސްކިތަކީ އެ ގައުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބިނާއެވެ. މި މިސްކިތަކީ ދުނިޔޭގެ އެންމެ ބޮޑެތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އާކިޓެކްޓް މުހައްމަދު ސާލިހް މަޚިއްޔާ ފަރުމާކުރެއްވި މި ބިނާ ބިނާކޮށްފައިވަނީ އަންދަލުސް އަދި އިރުމަތީގެ އިސްލާމީ އާކިޓެކްޗަރ އެކުލެވޭ ގޮތަށެވެ. މިސްކިތުގެ ފާރުތަކުން އަރަބި ސަގާފަތުގެ ކުރެހުންތަކާއި ފަރުމާތައް ފެންނަން ހުރެއެވެ.
މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 1979 ވަނަ އަހަރުއެވެ. 50 އިންޖިނިއަރުންނާއި 400 އަށްވުރެ ގިނަ މަސައްކަތްތެރިން ބައިވެރިވި މި މަޝްރޫއަށް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ހޭދަވިއެވެ. 1987 ވަނަ އަހަރު މިސްކިތް ހުޅުވުމަށްފަހު، މިއީ އަޅުކަން ކުރުމަށް ގިނަ ބަޔަކު ޖަމާވާ މަރުކަޒަކަށް ވަނީ ވެފައެވެ.
މިސްކިތުގެ ޑައިރެކްޓަރު އަލީ ޝައްދާދު ވިދާޅުވި ގޮތުގައި މިސްކިތުގެ ޖުމްލަ ސަރަހައްދަކީ 45,000 އަކަމީޓަރެވެ. މައި ނަމާދުކުރާ ހޯލުގައި 10,000 މީހުންނަށް ނަމާދު ކުރެވޭއިރު، ގޯތިތެރެއާއެކު ޖުމްލަ 60,000 މީހުންގެ ޖާގަ އޮވެއެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި 150,000 އެއްހާ މީހުން މި މިސްކިތަށް ޖަމާވެއެވެ.
މިސްކިތުގެ ބޭރު ފަރާތް ޒީނަތްތެރިކޮށްފައިވަނީ ގުދުރަތީ ހިލައިންނެވެ. އެތެރޭގެ ފާރުތަކުގައި ސަންގުމަރުމަރު، ސެރަމިކް އަދި ޖިޕްސަމް ބޭނުންކޮށްގެން އަތުން ކޮށްފައިވާ ފުރިހަމަ މަސައްކަތްތައް ފެންނަން ހުރެއެވެ. މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި ފެންއަރުވާ ވަޑާމާއި ކަދުރު ރުއްތަކުން ބަގީޗާ ހަދާފައިވެއެވެ.
ކުވެއިތު ބޮޑު މިސްކިތަކީ ހަމައެކަނި އަޅުކަންކުރާ ތަނެއް ނޫނެވެ. މިއީ އިސްލާމީ އިލްމު ފަތުރާ މުހިންމު މަރުކަޒެކެވެ. މިސްކިތުގައި ދެ ބޮޑު ކުތުބުޚާނާ ހުރެއެވެ. މީގެ ތެރެއިން އެއް ކުތުބުޚާނާ ހާއްސަކޮށްފައިވަނީ ދިރާސާކުރާ ފަރާތްތަކަށެވެ. މިތަނުގައި އުސްމާނީ ދައުރުގެ މުސްހަފެއްވެސް ދައްކާލަން ބަހައްޓާފައިވެއެވެ. މީގެ އިތުރުން ސެމިނާރުތަކާއި ދީނީ ދަރުސްތައް ބޭއްވުމަށް ހާއްސަ ހޯލެއްވެސް މިސްކިތުގައި ހުރެއެވެ. ދެވަނަ ލައިބްރަރީއަކީ އަރަބި ނުދަންނަ މީހުންނާއި ޣައިރު މުސްލިމުންނަށް ބޭނުންވާ ފޮތްތައް ހިމެނޭ ލައިބްރަރީއެކެވެ.








