އިޔޫން ހަންގެރީގެ ފޮރިން މިނިސްޓަރަށް ޖާސޫސްކުރި މައްސަލައެއް

ހަންގެރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިޔާޓޯގެ ފޯނު ކޯލުތައް އީޔޫގެ ޖާސޫސީ އިދާރާއަކުން އަޑުއެހުމަށް އެހީތެރިވެދިން ކަމަށް އިއުތިރާފުވި އިދިކޮޅު ނޫސްވެރިޔާ ސަބޮލްކްސް ޕަންޔީއާ ދެކޮޅަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ބެންސް ޓޫޒަން މައްސަލަ ހުށަހަޅުއްވައިފިއެވެ. މިކަން ހާމަކުރެއްވީ ބޮޑުވަޒީރު ވިކްޓަރ އޯބަންގެ އޮފީހުގެ މިނިސްޓަރު ގާގަލީ ގުލްޔާސް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ގުލްޔާސް ވިދާޅުވި ގޮތުގައި، ޕަންޔީ ވަނީ އިޔޫއާ ގުޅިގެން އަމިއްލަ ގައުމާ ދެކޮޅަށް ޖާސޫސީ މަސައްކަތްތަކެއް ކޮށްފައެވެ. ޕަންޔީ އަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި އީޔޫގެ އެހީގައި ހިންގާ މީޑިއާ އެއް ކަމަށްވާ 'ވީސްކުއަރ' ގެ ހަންގެރީ ގޮފި ހިންގާ ފަރާތެވެ. ލީކުވެފައިވާ އޯޑިއޯ ރެކޯޑިންއެއްގައި ޕަންޔީ ވަނީ އީޔޫގެ ގައުމެއްގެ ދައުލަތުގެ އިދާރާއަކަށް ފޮރިން މިނިސްޓަރުގެ ފޯނު ނަންބަރު ދިން ކަމަށް އިއުތިރާފުވެފައެވެ.

މި މައުލޫމާތު ބޭނުންކޮށްގެން އެ އިދާރާއިން ވަނީ މިނިސްޓަރު ސިޔާޓޯ އާއި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވްއާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފްސީލު ހޯދައި، އެ މައުލޫމާތު ބައިނަލްއަގުވާމީ މީޑިއާތަކަށް ލީކުކޮށްފައެވެ. މިކަމާ ގުޅިގެން ސިޔާޓޯ ވިދާޅުވީ، އީޔޫގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ލަވްރޯވްއާ ވާހަކަދައްކަވަނީ އީޔޫގެ އެހެން ގައުމުތަކުގެ މެސެޖުތައް ރަޝިޔާއަށް ރައްދުކުރުމަށް ކަމަށެވެ.

ހިއްސާ ކުރައްވާ!