ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިން ނިންމި ނިންމުން ބަލައިނުގަންނަކަން ރާއްޖެއިން އަންގައިފި

ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖެއިން ބަލައިނުގަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިނގިރޭސި ސަރުކާރަށް އަންގަވައިފިއެވެ.

ބީބީސީއަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުން ބުނެފައިވަނީ، މި އެއްބަސްވުމާ މެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަން ދެ ސިޓީއަކުންނާއި، އިނގިރޭސި ބޮޑު ވަޒީރުގެ ނާއިބް ޑޭވިޑް ލެމީއާ ފޯނުން ގުޅުއްވައި ރައީސް މުޢިއްޒު ހިއްސާ ކުރައްވާފައި ވާނެ ކަމަށެވެ. ރާއްޖެއިން ދަނީ ފޯޅަވަހީގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ސާބިތުކޮށް ދިނުމަށް ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ.

މި ކަމާ ގުޅޭ ބަޔާނެއް ރައީސް އޮފީހުން ވަނީ ބީބީސީއާ ޙިއްސާ ކޮށްފައެވެ. ބީބީސީއަށް ފޮނުވި ބަޔާންގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާދަތާއި މަސްލަހަތަށް ބެލުމެއް ނެތި އިނގިރޭސިން މޮރިޝަސްއާއެކު އަމިއްލަ އަމިއްލައަށް މަޝްވަރާކޮށްގެން މިފަދަ ނިންމުމެއް ނިންމުމަކީ ދިވެހި ސަރުކާރުން ބަލައި ގަންނާނެ ކަމެއް ނޫން ކަން، ނޮވެމްބަރު 2024 އަދި ޖެނުއަރީ 2026 ގައި އިނގިރޭސި ސަރުކާރަށް ފޮނުވި ސިޓީތަކުގައި ރައީސް މުޢިއްޒު އަންގަވާފައި ވާނެ ކަމަށެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން، ޗާގޯސް މޮރިޝަސްއަށް ބަދަލުކުރުމަށް ނިންމި ނިންމުން ރާއްޖެއިން ބަލައިނުގަންނަކަން ރަސްމީކޮށް މިވަނީ އަންގާފައި،" ބަޔާނުގައިވެއެވެ.

މި މައްސަލައިގައި އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ސްޓީފަން ޑައުޓީ ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށާއި، އެއީ ރާއްޖެއާ ބެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖެއިން ވަކާލާތު ކުރަނީ ޗާގޯސްއާ ރާއްޖެއާ ދެމެދު އެތައް ގަރުނެއްވީ ތާރީޚީ އަދި އިދާރީ ގުޅުންތަކެއް އޮތް ކަމަށެވެ.

"އެހެންކަމުން، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން ދިވެހިރާއްޖެއިން ބަލައިނުގަންނަކަން ރަސްމީކޮށް މިހާރު ވަނީ އިނގިރޭސި ސަރުކާރަށް އަންގާފައެވެ. މި ނިންމުމަކީ ދިވެހިރާއްޖެއާއި އެ އަތޮޅުތަކާ ދެމެދު އޮތް ތާރީޚީ އަދި އިދާރީ ގާތް ގުޅުމުގެ މައްޗަށާއި، މޮރިޝިއަސްއާއި އިނގިރެސިންނާ ދެމެދުވެވޭ މުއާމަލާތްތަކުން ދިވެހިރާއްޖޭގެ ސިޔާދަތަށް ކުރާނެ ބޮޑެތި އަސަރުތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ." ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފޯޅަވަހި ޖަޒީރާ ނުވަތަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއަކީ 19 ވަނަ ގަރުނުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. މޮރިޝިއަސް ކިޔާ ދައުލަތެއް ވުޖޫދު ވުމުގެ ކުރިންވެސް ދިވެހިން ވަނީ މި ޖަޒީތަކާ މުއާމަލާތު ކޮށްފައެވެ. އަދި ކަޅު ހަސަން ރަސްގެފާނު ޚާރިޖީ ފަރާތްތަކަށް ފޮނުއްވި ފަތްކޮޅުތަކުގައިވެސް މި ޖަޒީރާގެ ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ.

"މި ޚާރިޖީ މުއާމަލާތްތަކުން ސަރުކާރުގެ ސާބިތު ނިންމުން ހާމަވެގެންދެއެވެ. ދިވެހިރާއްޖޭގެ މަސްލަހަތުތަކަށް އެކަށީގެންވާ ސަމާލުކަމެއް ދިނުމެއްނެތި، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ." ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރު އިނގިރޭސި ސަރުކާރުން ވަނީ އެ ތަނުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރއަށް އެ ސަރަހައްދު ދޫނުކުރުމަށް ބާރުއެޅުއްވުމާ ގުޅިގެން މި އެއްބަސްވުން މިހާރު އޮތީ މަޑުޖެހިފައެވެ. އަދި ލެމީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ "އެ އަތޮޅުތައް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ ދިވެހިރާއްޖޭގެ މަސްލަހަތުތަކަށް ރިއާޔަތްކުރުމަށްފަހު"” ކަމަށް އިންޒާރު ކުރައްވާފައެވެ.

"ދިވެހި ސަރުކާރުގެ ސާބިތު ނިންމުމަކީ، ތާރީޚީ އަދި ޖިއޮގްރަފީ ގޮތުން އެ ޖަޒީރާތަކާ ރާއްޖެއާ އޮތް ސަރަހައްދީ ކައިރިކަމުގެ ސަބަބުން، ފޯޅަވަހީގެ ސިޔާދަތީ ހައްގުތަކަށް އެހެން އެއްވެސް ގައުމަކަށްވުރެ ކުރިން ދިވެހިރާއްޖެއަށް ދައުވާކުރުމުގެ ހައްގުގެ އައުލާކަން ބޮޑުވެގެންވާ ކަމެވެ." ރާއްޖޭގެ ސިޔާދަތީ ދައުވާ ސާބިތުކޮށް ދެމުން ރައީސް އޮފީހުން ބުނެފައި ވެއެވެ.

"އެހެންކަމުން، އެއްވެސް ގައުމަކަށް އެތަނުގެ ސިޔާދަތީ ބާރުވެރިކަން ދޭންޖެހޭނަމަ، އެއީ ހައްގުގޮތުގައި ދިވެހިރާއްޖެއަށް ދޭންޖެހޭ ބާރެކެވެ." ރައީސް އޮފީސް

ރާއްޖޭން އުންމީދު ކުރަނީ އިނގިރޭސިން ރާއްޖެއާއެކު މި މައްސަލަ ހައްލު ކުރުމަށް މާނަހުރި މަޝްވަރާތައް ކުރާނެ ކަމަށެވެ.

"ޒަމާންވީ ބައިވެރިއެއްގެ ހައިސިއްޔަތުން، އިނގިރޭސިވިލާތުން ދެފަރާތުގެ އިހުތިރާމާއި ތާރީޚީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލަ ހައްލުކުރުމަށް މާނަހުރި މަޝްވަރާތަކެއް ކުރާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ." ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން 2023 ވަނަ އަހަރު ނިންމި ނިންމުމަކުން ޗާގޯސްގެ މައްޗަށް މޮރިޝަސްއިން ކުރާ ދައުވާއަށް ބާރު ލިބިފައިވީ ނަމަވެސް، އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ސިޔާދަތީ ހައްގެއް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ވަނީ އެ ސަރަހައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ހައްގުތައް ހޯދުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ސިޔާދަތަށް ބާރުއަޅުއްވައި، ބައިނަލްއަގްވާމީ ސަމާލުކަމަށް ގެންނެވި މި މައްސަލައިން ސަރަހައްދީ ގޮތުން ރާއްޖެއަށް ގެއްލިފައިވާ ސިޔާދަތު އަލުން ހޯދުމަށް މި މައްސަލާގައި ރާއްޖޭގެ މަގާމު ވަނީ ސާބިތުވެގެން ގޮސްފައެވެ. މީގެ ސަބަބުން އިންޑިއާ ކަނޑުގެ އެންމެ ސްޓްރެޓިޖިކް އެއް ސަރަހައްދުގައި ރާއްޖެއިން އިސް ދައުރެއް އަދާކޮށް، ރާއްޖޭގެ ސިޔާދަތީ ހައްގާއި މަސްލަހަތުތައް ކަށަވަރުކުރުމަށް ރާއްޖެއިން ވަނީ މަސައްކަތް ފަށާފައެވެ.

Maldives Tells UK It Will Not Accept Chagos Transfer to Mauritius

ހިއްސާ ކުރައްވާ!