ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން އެކުލަވާލި ގާނޫނު، ރާއްޖެއާއި އެމެރިކާއިން ދެކޮޅު ހެދުމުގެ ސަބަބުން މަޑުޖައްސާލައިފިއެވެ. މި ނިންމުމާއެކު، އަންނަ މަހު ބާއްވާ ޚިޠުބަތުލްއަރްޝި ތަގްރީރުގައި މި ބިލު ހިމަނާފައި ނުވާތީ، މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މި ބިލަކީ 2025 ވަނަ އަހަރުގެ މެއި މަހު ވެވުނު އެއްބަސްވުމެއް ތަސްދީގު ކުރުމަށް ފަރުމާކުރި ބިލެކެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު 99 އަހަރުގެ މުއްދަތަށް ބޭނުންކުރުމުގެ ބާރު އިނގިރޭސިވިލާތަށް ލިބިގެންވެއެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއީ މޮޔަކަމެއް ކަމަށް ސިފަކުރައްވައި އެމެރިކާގެ ތާއީދު ވަނީ އަނބުރާ ގެންގޮސްފައެވެ.
ޑިއޭގޯ ގާސިއާ އަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ ހަރަކާތްތަކަށް، ހާއްސަކޮށް ލޮޖިސްޓިކްސް އަދި ސަރަހައްދީ ބާރު ދެމެހެއްޓުމަށް ވަރަށް މުހިންމު ތަނެކެވެ. ސަލާމަތީ މާހިރުން ކަންބޮޑުވުން ފާޅުކުރަނީ، ޗާގޯސްގެ ބާރު މޮރިޝަސްއަށް ލިބިއްޖެނަމަ، ޗައިނާއާ ގާތް ގުޅުމެއް އޮންނަ މޮރިޝަސް މެދުވެރިކޮށް އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވެދާނެތީއެވެ.
އަސްލު އެއްބަސްވުމުގެ ދަށުން، އަސްކަރީ މަރުކަޒު ހިންގުމުގެ ބަދަލެއްގެ ގޮތުން އިނގިރޭސިވިލާތުން އަހަރަކު ގާތްގަނޑަކަށް 101 މިލިއަން ޕައުންޑް މޮރިޝަސްއަށް ދިނުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ މެންބަރުން މި އެއްބަސްވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، މިއީ "އަމާންދިނުމެއް" ކަމަށް ބުނެ ވަނީ ފާޑުކިޔާފައެވެ.
މީގެ އިތުރުން، ޗާގޯސްގެ ރަށްވެހިން އަލުން އެ ރަށްތަކުގައި ވަޒަންވެރިވުމާ ގުޅޭގޮތުން އިނގިރޭސި ކޯޓަކުން ދާދިފަހުން ކުރި ހުކުމަކީ ވެސް މި އެއްބަސްވުމަށް އޮތް ހުރަހެކެވެ. އެ ހުކުމުގެ ސަބަބުން އަސްކަރީ މަރުކަޒުގެ ރައްކާތެރިކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލުތަކާ ފުށުއަރާ ކަމަށް ބެލެވެއެވެ.
އިނގިރޭސި ސަރުކާރުގެ މަސްދަރަކުން ބުނި ގޮތުގައި، އެންމެ ބޮޑު އިސްކަމެއް ދެނީ ޑިއޭގޯ ގާސިއާގެ މަރުކަޒުގެ މުސްތަގުބަލު ރައްކާތެރިކުރުމަށެވެ. މި ބިލު އަލުން ހުށަހަޅާނެ ވަކި ތާރީޚެއް ކަނޑައަޅާފައި ނުވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ މިހާރު ވަނީ އަނެއްކާވެސް ހައްލެއް ނުލިބި އޮޮތް މައްސަލައަކަށް ވެފައެވެ.



