ޕާކިސްތާނުގެ ޕަންޖާބުގެ ލޭޑީ ވިލިންގްޑަން ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަމުން ދިޔަ ވަގުތު އޮޕަރޭޝަން ތިއޭޓަރުގައި ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލި މައްސަލައެއްގައި ފަސް ޑޮކްޓަރެއްގެ ޕޯސްޓްގްރެޖުއޭޓް ތަމްރީނުތައް ބާތިލްކޮށްފިއެވެ. މިކަން ޕަންޖާބުގެ ހެލްތު ޑިޕާޓްމަންޓުން ވަނީ އާދީއްތަ ދުވަހު ކަށަވަރުކޮށްދީފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވި މި ވީޑިއޯއިން ފެންނަ ގޮތުގައި އެއްވަގުތެއްގައި ދެ ސިޒޭރިއަން އޮޕަރޭޝަނެއް ކުރަމުން ދިޔައިރު، ޑޮކްޓަރުން ދިޔައީ ކާމިޔާބީގެ ނިޝާން ދައްކައި މަޖާކުރަމުންނެވެ. މި އަމަލަކީ މެޑިކަލް އެތިކްސް ނުވަތަ ބަލިމީހުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ބަލައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ޑޮކްޓަރުން އޮޕަރޭޝަން ކުރަމުން ދިޔައީ އެކަކު އަނެކަކަށްވުރެ އަވަހަށް އޮޕަރޭޝަން ނިންމުމަށް ވާދަވެރި ރޫހެއްގައެވެ. ވީޑިއޯއިން އިވޭ އަޑުތަކުން ވެސް މިކަން ހާމަވާ ކަމަށް ބެލެވެއެވެ. މި މައްސަލައާ ގުޅިގެން ޕަންޖާބުގެ ސްޕެޝަލައިޒްޑް ހެލްތުކެއާ އެންޑް މެޑިކަލް އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަނީ ޕާކިސްތާން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަށް މިކަމުގައި ފިޔަވަޅު އެޅުމަށް އަންގާފައެވެ.
ޕްރޮވިންޝަލް ހެލްތު މިނިސްޓަރު ޚަވާޖާ ސަލްމާން ރަފީގު ވިދާޅުވީ، ހޮސްޕިޓަލްތަކުގެ އަދަބު އަޚްލާގާ ހިލާފުވާ ކޮންމެ މީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބައެއް މުވައްޒަފުންނާ މެދު ފިޔަވަޅު އެޅި ނަމަވެސް، ބަލިމީހުންނަށް ދޭންޖެހޭ ފަރުވާގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި މައްސަލައިގައި މީގެ އެއްދުވަސް ކުރިން އެ ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓާއި، ގައިނަކޮލޮޖީ ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން ހަތަރު ޑޮކްޓަރަކު ވަނީ ސަސްޕެންޑްކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޮޕަރޭޝަން ކުރާ ވަގުތު ވީޑިއޯ ކުރުމަކީ ބަލިމީހާގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މިއީ ސިއްހީ ހިދުމަތްތެރިންނަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.
ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މިކަމުގައި ޝާމިލުވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހެލްތު ޑިޕާޓްމަންޓުން ބުނެއެވެ.





