ޕެސިފިކް ސަރަހައްދުގައި ޗައިނާގެ އަސްކަރީ އަދި ސިޔާސީ ނުފޫޒު ގަދަވަމުންދާތީ، އެކަމަށް ފާރަވެރިވުމުގެ ގޮތުން ނިއުޒިލެންޑުގެ ސިފައިންގެ ތައްޔާރީ ހާލަތު ވަރުގަދަކުރުމަށް އެގައުމުގެ ސަރުކާރުން ބޮޑު މަޝްރޫއެއް އިއުލާނުކޮށްފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެގައުމުގެ ދިފާއީ ސިޔާސަތަށް އައި އެންމެ ބޮޑު ބަދަލެވެ.
ނިއުޒިލެންޑުގެ ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދިފާއީ ކަންކަމަށް ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރު ހޭދަކުރުމަށެވެ. މި ބަޖެޓުގެ ދަށުން ސިފައިންނަށް ބޭނުންވާ އާ ވަސީލަތްތައް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޒަމާނީ ސްޓްރައިކް ސިސްޓަމްތަކާއި، ހެލިކޮޕްޓަރާއި، އެންޓި ޓޭންކް މިސައިލްގެ އިތުރުން ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންކުރާ ޑްރޯންތައް ހިމެނެއެވެ.

އަދި މިހާރު ބޭނުންކުރަމުންދާ ދުވަސްވީ އަސްކަރީ މަރުކަޒުތައް މަރާމާތުކޮށް ތަރައްގީކުރުމާއި، ސިފައިންގެ ވަޒީފާ ދޫކޮށް އަމިއްލަ ދާއިރާތަކަށްދާ ސިފައިންގެ އަދަދު އިތުރުވަމުންދާތީ، އާ ސިފައިން އިތުރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.
ނިއުޒިލެންޑަކީ މީގެ ކުރިން އަސްކަރީ ބާރަކަށްވުރެ ބޮޑަށް ފަތުރުވެރިކަމާއި ގުދުރަތީ ރީތިކަމަށް މަޝްހޫރު ގައުމެކެވެ. ނަމަވެސް ޕެސިފިކް ސަރަހައްދުގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ދިފާއީ ކަންކަމަށް އިސްކަންދޭން ޖެހިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ. ޚާއްސަކޮށް ޗައިނާގެ ހަރަކާތްތައް އިތުރުވުމަކީ ނިއުޒިލެންޑާއި އެގައުމުގެ ބައިވެރިން ކަންބޮޑުވާ ކަމެކެވެ.
ނިއުޒިލެންޑް ސަރުކާރުން ހާމަކުރި ގޮތުގައި، މި އިންވެސްޓްމަންޓުގެ މައިގަނޑު ބޭނުމަކީ ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރުމާއި، ގައުމުގެ ސަލާމަތީ ޒިންމާތައް ފުރިހަމައަށް އަދާކުރުމެވެ. މި ބަދަލާއެކު ނިއުޒިލެންޑުން މިހާރު ވަނީ އެގައުމުގެ ރަހުމަތްތެރި ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަހައްދީ ރައްކާތެރިކަމަށް އިތުރަށް ތައްޔާރުވެފައެވެ.
މި ބޮޑު ބަޖެޓް ކުރިއަށް އޮތް އަހަރުތަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ޕެސިފިކް މަސްރަހަށް އަންނަ ބަދަލުތަކަށް ބަލައި އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ނިއުޒިލެންޑު ސަރުކާރުން އޮތީ ތައްޔާރަށެވެ.






