ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ބިނާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވަށާޖެހޭ ސިޔާސަތުގެ ދަށުން، ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ބިނާކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދަރިވަރުންނަށް އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހޯދޭނެ ފަހި މާޙައުލެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދިއްދޫގައި މިހާރު ތަރައްޤީ ކުރަމުންދާ ޖޫނިއަރ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިންގ އަދި އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރުކަޒެކެވެ.

މިއަދު ހަވާލުކުރެވުނު ދަނާލު މަޝްރޫޢުގެ ސަބަބުން، އެ ކޮލެޖުން ތަޢުލީމު ހާސިލުކުރުމަށް އަންނަ ދަރިވަރުންނަށް ބޭނުންވާ އެކަމަޑޭޝަން ނުވަތަ ހުރުމުގެ އެންމެހާ ވަސީލަތްތައް ފުރިހަމަވެގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކުރަމުންދާއިރު، އެ ތަންތަނުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކްތަކާއި ދަނާލުތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުންނާއި އެމްޓީސީސީގެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ. މި ދަނާލު ބިނާކޮށް ނިމުމުން، އަތޮޅުގެ އެހެން ރަށްރަށުން ދިއްދޫއަށް ކިޔަވަންދާ ދަރިވަރުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.

 

ހިއްސާ ކުރައްވާ!