ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ މަންފާ ލިބޭނެ ގޮތް ބައްލަވައިގެން ކަންކުރައްވާނެ ބޭފުޅެއް ނޫން ކަމަށް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކީ ސިޔާސީ ނިންމުމެއް ނޫން ކަމަށާއި، އެމަނިކުފާނަކީ ސިޔާސީ މަންފާ ލިބޭނެ ގޮތް ބައްލަވައިގެން ކަންކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިފަދަ ވޯޓެއް ނަގާތީ ވަރަށް ގިނަ ބަޔަކު އެމަނިކުފާނާ ސުވާލު ކުރައްވާ ކަމަށެވެ. މި ވޯޓުން ލިބޭނެ ސިޔާސީ ފައިދާއެއް ނެތްއިރު އެފަދަ ވޯޓެއް ނަގަނީ ކީއްކުރަންތޯ މީހުން ސުވާލު ކުރާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، އެމަނިކުފާނުގެ ކުރީގެ ނިންމެވުންތަކަށް ބެއްޔަސް، އެއީ ސިޔާސީ މަންފާއަށް ބައްލަވައިގެން ނިންމެވި ނިންމެވުންތަކެއް ނޫން ކަމަށާއި، އެހެން ނޫންނަމަ ވޭޕް މަނާކޮށް ދުންފަތުގެ ޤާނޫނަށް ބަދަލުތައް ނުގެންނެވީސް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީކީ ސިޔާސީ ވިސްނުން މީގެތެރެއަށް ވަދެ، މިކަން އެއްވެސް ގޮތަކަށް އޮޅޭނެ ކަމަކަށް ނުވާނެ. އެއީ ދެ އިންތިހާބު އެއް ދުވަހެއްގައި ނުބާއްވައި މިހާރު އޮންނަ ގޮތަށް އޮތީމަ، ވާ ގޮތް އަޅުގަނޑުމެން އެންމެންނަށް އެބަ ފެނޭ." ރައީސް

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ އެންމެ މުހިންމު ބޭނުމަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަކަށް މަގުފަހިވުން ކަމަށެވެ. އަދި މި ބަދަލާއެކު ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލުވެ، ސަރުކާރުގެ ވަކި ކެންޑިޑޭޓުން ތިބުމުގެ ބަދަލުގައި ޑިމޮކްރެސީ ހަރުދަނާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފްރީ އެންޑް ފެއާ އިލެކްޝަނަކީ ޑިމޮކްރަސީގައި ވަރަށް މުހިންމު އަސާސެއް. މި ސިޔާސީ ވާހަކައެއް ނޫން. ޑިމޮކްރަސީއެއްގައި ވެއްޖެއްޔާ ފްރީ އެންޑް ފެއާ އިލެކްޝަން އޮންނަން ޖެހޭނެ. އެއް ފަރާތެއްގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުން، އަނެއް ފަރާތުގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުންނެއް ނޫން. އެ ހިސާބުން އެ ދިޔައީއެއް ނޫންތޯ އެކަން،" ރައީސް

ރައީސް އިތުރަށް ވިދާޅުވީ ދެ އިންތިޚާބު ވަކީން އޮންނަ ޙާލަތުގައި ޤައުމަށް ހެޔޮ ނޭދޭ ބަޔަކު މަޖިލީހުގައި ތިބުމުން ކަންކަން ވެގެންދިޔަ ގޮތް މީގެ ކުރިން ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، ކޮރަޕްޝަން ނައްތާލުމަށްޓަކައި މި ބަދަލަށް ތާއީދުކޮށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"ގައުމުގައި އޮތް ސިޔާސީ އާދަކާދ ނައްތާލަން ޖެހޭ. އެހެންވީމަ އަޅުގަނޑުމެން މި ވާހަކަ ދައްކަނީ. އެއާ ދެކޮޅު ހަދާނީ މީގެކުރިން ބާރު ލިބިގެން އެގޮތުގައި ކުރިއަށް ގެންދިޔަ މީހުން، އެގޮތުގައި ދަމަހައްޓަން ބޭނުންވާ މީހުން ވާހަކަ ދައްކަނީ މިއާ ދެކޮޅަށް." ރައީސް

"މިއިން ކޮންމެ ކަމެއްގައި ވެސް މި އިސްކުރަނީ ރައްޔިތުންނާއި ޤައުމު" ކަމަށް ވިދާޅުވަމުން ރައީސް ވަނީ، މި ވޯޓުގައި ހުރިހާ ރައްޔިތުންވެސް ޤައުމީ ވިސްނުމެއްގައި ގޮތް ނިންމެވުމަށް އެދިވަޑައިގެންފައެވެ. މިހާރު އޮތް ގޮތުން ޤައުމާއި ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމީ އެންމެން ޤަބޫލުކުރާ ޙަޤީޤަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!