"ޓޫރިޒަމް ޒޯންތަކުގައި ނެހެދި ހުރި ތަންތަން ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދޭނަން. އިންވެސްޓް ކުރާނެ ފައިސާ ހޯދުމުގެ މަގު ފަސޭހަކޮށްދީ އަވަހަށް މަންފާ ލިބޭނެ މަގު ފަހިކުރާނަން،". ކޮންގްރެސް ޕާޓީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ
އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުގައި ނެހެދި ހުރި ތަންތަން ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް، ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން މުޝްރިފް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ޓޫރިޒަމް ޒޯންތަކުގައި މިހާރު ކުރެވެމުންދާ އިންވެސްޓްމެންޓްތައް ހިމާޔަތްކޮށް، އެ ތަންތަން ނިންމުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށެވެ. އަދި އޭނާގެ ފަސް އަހަރުގެ ދައުރު ނިންމާލާނީ އައްޑޫގެ ޒުވާނުންނާއި، ކަނބަލުންނާއި، ވިޔަފާރިވެރިންނަށް ފަތުރުވެރިކަމުގެ ފޮނި މަންފާ ސީދާ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ ތަފްސީލު ހާމަކުރައްވަމުން މުޝްރިފް ވިދާޅުވީ، ކައުންސިލްގައި ޚާއްސަ 'ޓޫރިޒަމް ޑެސްކެއް' އުފައްދަވާނެ ކަމަށެވެ. މި ޑެސްކު މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިނެއްވެސް ގާއިމުކުރައްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ.
މުޝްރިފްގެ "ދަ ގްރޭޓަރ އައްޑޫ"ގެ ތަސައްވުރުގެ ދަށުން މިފަދަ ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން:
- އައްޑޫގެ ދަތުރުފަތުރުގެ ނިޒާމު : ޓުއާ ބަސް ދަތުރުތައް ފެށުމާއި، ބައިސްކަލް ބުރު ޖެހޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ކިއު.އާރު. ޗާޓެއްގެ އެހީގައި އައްޑޫ ބަލާލެވޭނެ ގޮތް ހެދުން.
- ދެކުނުގެ ފަތުރުވެރިކަމުގެ ވިއުގަ : އައްޑޫ، ފުވައްމުލައް އަދި ހުވަދޫ އެއް ވިއުގައަކުން ގުޅާލައި، ގުޅިފައިވާ އެކްސްކާރޝަން ޕެކޭޖުތައް ތައާރަފްކުރުން.
- ފަތުރުވެރިންނަށް ފަހި މާހައުލެއް : ސާފުތާހިރު ގޮނޑުދޮށްތަކާއި، ޕާކްތަކާއި، މަގުމަތީގެ ނިޝާންތަކާއި ބައްތިތައް ފަދަ އަސާސީ ވަސީލަތްތައް ފުރިހަމަކުރުން.
- އިގްތިޞާދީ އަދި ސަގާފީ ވިއުގަ : ކުދި ވިޔަފާރިތަކާއި އާންމުންގެ އުފެއްދުންތައް ފަތުރުވެރިންނަށް އިޝްތިހާރުކޮށް، ސީދާ ގޮތެއްގައި އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުން.
މިކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންކަން ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް މުޝްރިފް ވިދާޅުވި އެވެ.
ޒުވާނުންނާއި އަންހެން ކަނބަލުން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރުމަށްޓަކައި، ސަރުކާރާއި ބޭންކިން ނިޒާމުގެ ތެރެއިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތައް ހޯދައިދިނުމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށް މުޝްރިފް ވިދާޅުވިއެވެ. އަދި ކަރަންޓާއި، ފެނާއި، ކުނި މެނޭޖްކުރެވޭނެ ނިޒާމުގެ އިތުރުން މަގު ހެދުމުގެ މަސައްކަތްތައް އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އޭނާގެ އަމާޒަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސް، އެ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް، އައު އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލުން ކަމަށްވެސް ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވިއެވެ.





